މި އަހަރުގެ ބަޖެޓް ތަންފީޒު ކުރެވޭގޮތް ބަޔާން ކޮށްދޭނީ، ބަޖެޓް ކާމިޔާބުވާނެ މިންވަރު ނުވަތަ ނާކާމިޔާބުވާނެ މިންވަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވި އެވެ. ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަހަރުގެ އެންމެ ފަހު ހުކުރުގައި ދެއްވާ ހަފްތާގެ ރޭޑިއޯ ޚިތޯބުގަ އެވެ. ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ ވަރަށް ތަފާތު ބަޖެޓެއް ކަމަށާއި، އެ ބަޖެޓް އެކުލަވައިލެއްވުމުގައި، ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި އަދިވެސް އެހެން ފަރާތްތަކާ ވަރަށް ބޮޑަށް މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ބަޖެޓްގައި ހިމެނިފައި ވަނީ ޕްރޮގްރާމްތަކެއް ކަމަށާއި، އެ ޕްރޮގްރާމްތަކަކީ ސަރުކާރުގެ ވަޢުދުތައް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިފަހަރުގެ ބަޖެޓް ތަންފީޒު ކުރާއިރުގައި، ތަންފީޒު ކުރެވޭގޮތް ބަޔާންކޮށްދޭނީ، ބަޖެޓް ކާމިޔާބުވާނެ މިންވަރު ނުވަތަ ނާކާމިޔާބުވާނެ މިންވަރު ކަމަށެވެ. "ބަޖެޓް ފުރިހަމައަށް ތަންފީޒު ކުރެވުނީމާ، އިރާދަކުރެއްވިއްޔާ، ސަރުކާރުން ރައްޔިތުންނަށް ކޮށްދިނުމަށް އެދި ބޭނުންވެ އަދި ކޮށްދޭނެ ކަމަށް ކުރިއްސުރެ ފަށައިގެން ބުނަމުން އައި ކަންކަން ކުރެވެމުންދާނެ" ރައީސް ވިދާޅުވި އެވެ. މިދިޔަ ދެ އަހަރު ވެސް މަސައްކަތް ކުރިއިރު ސީދާ ވައުދުތަކަށް އަމާޒުހިފިގެން މަސައްކަތް ކުރެވިފައި ނެތް ކަމަށާއި މަސައްކަތް ކުރެވުނީ ކުރިންސުރެ ފަށައިގެން ކަންކަން ކުރެވެމުން އައި ގޮތެއްގެ ތެރެއިން މިސަރުކާރުގެ ވެސް ސިޔާސަތު ތަކެއް ވެސް ތަންފީޒް ކުރެވިގެން އައީ މަސްހުނިގޮތަކަށް ކަން ރައީސް ވިދާޅުވި އެވެ. ނަމަވެސް މި ފަހަރު މިއޮތީ ވަރަށް ބޮޑު ކާމިޔާބީ އެއް ލިބިފައި ކަމަށާއި ސީދާ އަމާޒަށް ވާސިލުވުމަށް މި ފަހަރުގެ ބަޖެޓުން ފުރުސަތު ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރު ހިންގުމާ ހަވާލުމުގެ ކުރިން އެމްޑީޕީން ރާއްޖޭގެ އެކި ރަށްރަށަށް ގޮސް ވަރަށް ގިނަ ގޭގެ އަށް ޒިޔާރަތް ކޮށް ގިނަ ބަޔަކާ ބައްދަލުކޮށް އެކުލަވާލި މެނިފެސްޓޯ އަކީ ސަރުކާރުން ރައްޔިތުންނަށް ވީ ވަޢުދުތައް ކަމަށް ރައީސް ވިދާޅުވި އެވެ. އެ މެނިފެސްޓޯ ގައި އެކުލެވިގެން ވަނީ ގައުމެއް ތަރައްގީ ކުރުމަށް ކޮންމެހެން ކުރަން ޖެހޭނެ ކަންތައްތައް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި 2009 އަހަރު ކުރި ކަމަކީ މެނިފެސްޓޯ ހިންގުމަށްޓަކައި ގައުމީ ތަރައްގީގެ އޮނިގަނޑު އެކުލަވާލުން ކަމަށާއި ހަގީގަތުގައި މި އަހަރުގެ ބަޖެޓް އެކުލަވާލީ ގައުމީ ތަރައްގީގެ އޮނިގަނޑަށް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ގައުމީ ތަރައްގީގެ މަސައްކަތް ބަޖެޓް ތަންފީޒް ވާއިރު ފުރިހަމައަށް ހިނގާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުގެ އަސާސީ އަމާޒުތަކެއްވާ ކަމަށާއި އެ ކަންކަން ހާސިލްވުމުން، ރާއްޖެ ތަރައްޤީގެ މަގުގައި ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއަހަރުގެ ބަޖެޓުން އެ ހުރިހާ ކަމެއް ފުރިހަމަވެގެންދާނެ ކަމަށް އުއްމީދު ކުރަށްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.