21 May 2014, 10:28
އިންޑިއާގައި ހުންނެވި އެމެރިކާގެ އެމްބެސެޑަރު ނޭންސީ ޕަވަލް މިހަފުތާގައި އިންޑިއާ ދޫކުރައްވާ ވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ސްޓޭޓްޑިޕާޓްމެންޓުން އިއްޔެ ބުނެފި އެވެ.
އެމެރިކާގެ ސްޓޭޓްޑިޕާޓްމެންޓްގެ ތަރުޖަމާނު ޖެންސާކީއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުނީ 37 އަހަރުވަންދެން ފާހަގަކޮށްލެވޭ ފަދަ ހާރިޖީ ހިދުމަތެއް ނިންމަވާލެއްވުމަށް ފަހު ނޭންސީ ޕަވަލް މިހަފުތާފައި އިންޑިއާ އިން ފުރާވަޑައިގަންނަވާނެ ކަމަށެވެ.
އިންޑިއާގެ އިންތިހާބުގެ ކުރިން، މާޗް މަހުގެ ފަހުކޮޅު ރިޓަޔާކުރައްވަން ގަސްދުކުރައްވާކަން ޕަވަލް ކުރިން ވަނީ އިއުލާންކުރައްވާފަ އެވެ.
ޕަވަލްއަށް ފަހު އެމެރިކާގެ އެމްބެސެޑަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސަންދެން އިންޑިއާގައި ހުރި އެމެރިކާގެ މިޝަންގެ ވެރިއަކަށް ވަޑައިގަންނަވާނީ ދެކުނުކޮރެއާގައި ކުރިން ހުންނެވި އެމްބެސެޑަރު ކެތުލީން ސްޓެފެންސް އެވެ. އޭނާ ޖޫން މަހުގެ ކުރީކޮޅު އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށް ސްޓޭޓްޑިޕާޓްމެންޓުން ބުންޏެވެ.
އެމެރިކާގެ އެމްބެސެޑަރުގެ ގޮތުގައި ނޭންސީ ޕަވަލް އިންޑިއާގައި ހޭދަކުރެއްވި ދެއަހަރު ދުވަސް ވެފައި ވަނީ ދެގައުމުގެ ގުޅުން ވަރަށް ގޯސްވެގެން ދިޔަ ދެ އަހަރު ދުވަހަށެވެ. ގުޅުން އެންމެ ބޮޑަށް ގޯސްވީ ނިއުޔޯކްގައި އިންޑިއާގެ ޑިޕްލޮމޭޓަކު އޮރިޔާންކޮށްގެން ބަލައި ފާސްކުރި މައްސަލައާ ގުޅިގެންނެވެ.