21 May 2014, 10:22
ޗެލެންޖުކަޕުގައި ގައުމީ ޓީމުގެ ފުރަތަމަ މެޗް ވެގެން ގޮސްފައި ވަނީ ގިނަ ދިވެހިންގެ "ހިތްތައް ކަތިލި" މެޗަކަށެވެ. އެ މެޗަށް ގަލޮޅުދަނޑަށް ދިޔަ ގިނަ ދިވެހިން ދަނޑުން ނުކުތީ "ހިތް ހަލާކުވެގެން" ނެވެ. އެ މެޗުގައި ދިވެހި ރާއްޖެއަށް ކާމިޔާބީ ނުލިބުނު ނަމަވެސް ދިވެހި ސަޕޯޓަރުން ވަނީ އެ މީހުންގެ ވާޖިބު އަދާކޮށްފަ އެވެ. އެއް އަޑަކުން ރާއްޖޭގެ ގައުމީ ޓީމަށް ވަނީ ހޫނޫ ތަރުހީބެއް ދީފަ އެވެ.
ގައުމީ ޓީމްގެ އެ މެޗަށް އަހަރެން ވެސް ދަނޑަށް ދިޔައީމެވެ. ގައުމީ ޓީމުގެ މެޗް ޝައުގާއެކު ބަލާލުމުގެ މަގުސަދުގަ އެވެ. ނަމަވެސް ގައުމީ ޓީމުގެ މެޗު ފެށުމާއެކު އަހަރެންގެ ނަޒަރު އެހެން ދިމާލަކަށް ބަދަލުވާން ފެށި އެވެ. މެޗަށް ދޭ ސަމާލު ކަމާ އެއް ވަރަށް އެހެން ކަމަކަށް ސަމާލު ކަން ހުއްޓުނެވެ. އެއީ ދަނޑަށް ވަދެ ތިބި 12،000 އަށް ވުރެ ގިނަ ސަޕޯޓަރުން ކޮންޓްރޯލް ކުރަމުންދިޔަ ޒުވާނަކަށެވެ. މެޗް ފެށުނީންސުރެ ނިމެންދެން އޭނާ މަސައްކަތަކަށް ވެފައި ވަނީ ސަޕޯޓަރުން ލައްވައި މޮޅު ތަރުހީބެއް ގައުމީ ޓީމަށް ދިނުމަށެވެ.

އުމުރުން 29 އަހަރުގެ ޖައުފަރު އަލީ (ޖައުބެ)އަކީ ހައިރާތް ވާވަރުގެ ސަޕޯޓަރެކެވެ. އޭނާ ސަޕޯޓްކުރަން ދާ މެޗެއް ފެށެންދެން ނިމެންދެން އޭނާގެ މަސައްކަތަކަށް ވެފައި އޮންނާނީ ސަޕޯޓަރުން ލައްވައި އެކިއެކި ތަރުހީބު ކުރުމުގެ ކަންކަން ކުރުމެވެ. އޭގެ ތެރޭގައި އެކިއެކި ރާގަށް ސަޕޯޓަރުން އަތް ޖެހުވުމާއި އެކިއެކި އަޑުތައް ލެއްވުން ފާހަގަ ވެ އެވެ. ޖައުބެގެ އެންމެ ބޮޑު މަސައްކަތަކީ "ވޭވް" ޖެއްސުމެވެ. މުޅި ގަލޮޅު ދަނޑު އެއް ކޮށް "ވޭވް" ޖެއްސުމުގެ އަސްލަކަށް ވެފައިވަނީ ޖައުބެ އެވެ.
"ވޭވް ޖައްސަން ފެށުނީ 2008 އަހަރު ބޭއްވުނު ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން، އޭރުން ފެށިގެން އަހަރެން ސަޕޯޓްކުރަންދާ ހުރިހާ މެޗެއްގައި ވެސް ސަޕޯޓަރުން ލައްވައި އެކަން ކުރުވަން،" މަޝްހޫރު ހަރުބީ ބޮޑުބެރު ގުރޫޕުގައި އިސްކޮށް ހަރަކާތްތެރިވާ ޖައުބެ ބުންޏެވެ.
ޖައުބެ ބުނި ގޮތުގައި އޭނާ "ވޭވް" ޖެއްސުން ފަދަ ކަންކަން ދަސް ކޮށްފައި ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ސަޕޯޓަރުން ކުރާކަންކަން ކޮޕީ ކުރުމުގެ ތެރެއިންނެވެ. ވޭވް ޖެއްސުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށާއި އެ ކަމަށް ސަޕޯޓަރުންގެ ބޮޑު އެއް ބާރުލުމެއް ލިބެމުންދާ ކަމަށް ޖައުބެ ބުންޏެވެ.

ވޭވް ޖެއްސުމަކީ ބައިނަލް އަގުވާމީ މުބާރާތްތަކުގައި ވެސް ވަރަށް ފޯރިއާއެކު ކުރަމުންދާ ކަމެކެވެ. އެ ހަރަކާތް ހިންގަމުންދަނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ބޭނުން ކޮށްގެނެވެ. އެގޮތުން އެ ސަޕޯޓަރުންގެ އެހީއާއެކު ރާޅު ބާނިތަކެއް ފަދައިން އަތްތައް ހިތްލައިގެން ހިންގާ އެ ހަރަކާތް މިހާރު ވަނީ ގަލޮޅު ދަނޑުގައި ވެސް އާންމު ކަމަކަށްވެފަ އެވެ. އެކަމުގެ އެންމެ ބޮޑު އެއް މޭސްތިރިއަކީ ޖައުބެއެވެ.
ޖައުބެ ދަނީ ދިވެހި ސަޕޯޓަރެއްގެ ގޮތުން ގިނަ ހިދުމަތްތަކެއް ކުރަމުންނެވެ. ކޮންމެ މެޗެއް ފެށުނީންސުރެ ނިމެންދެން އޭނާ ދަނީ ދަނޑުގެ އެކިއެކި ކޮޅުކޮޅަށް ދުވެ، ފުމެ، ހަޅޭލަވައި ސަޕޯޓަރުން "ކެއްކުމަށް" ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. ވޭވް ޖެއްސުމުގެ ބަންޑޭރިއެއްގެ ގޮތުން އެ ވޭވް ކޮންޓްރޯލް ކުރުމަކީ ކޮންމެ މެޗެއްހެން އޭނާ ކުރަމުންއަންނަ ކަމެކެވެ.
"އަހަރެން ވަރަށް ފޫހި ވާކަމެއް އޮލިމްޕަހުގައި ފިލްމެއް ބަލަން އިންނަހެން މެޗްބަލަން އިނުން، އަހަރެން ބޭނުން ވަނީ ވަރަށް ރަނގަޅު ސަޕޯޓެއް ކުރަން، އަހަރެން އެ ކަމަށް އިސް ނަގަނީ އެއީ ވަރަށް މުހިންމު ކަމަކަށް ވާތީ،" އަބަދުވެސް ނެށިފައި ހުންނަ އަދި އާންމު ދިރިއުޅުމުގައި ވެސް ސަކަ މިޒާޖެއް ހުންނަ ޖައުބެ ބުންޏެވެ.
ޖައުބެ ބުނި ގޮތުގައި ދިވެހި ސަޕޯޓަރުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ މާ އަވަހަށް މާޔޫސް ވުމެވެ. އެކަން އިސްލާހު ކުރުމުން ދިވެހި ސަޕޯޓަރުން ފަދަ އިތުރު ސަޕޯޓަރުންނެއް ނުތިބޭނެ ކަމަށް އޭނާ ބުންޏެވެ.

"ގައުމީ ޓީމް ކޮޅަށް ލަނޑެއް ވަންވަ އިރަށް އަޑު ކެނޑޭ، ދެން އަނެއްކާ އެ އެއްމެން ލައްވައި ސަޕޯޓް ކުރުވަން ޖެހެނީ ވަރަށް މަސައްކަތް ކޮށްގެން، އަހަރެން ސްޕޯޓަރުންގެ ކިބައިން އެދެން އެކަން އިސްލާހުކުރަން، ފުރަތަމަ މިނެޓުން ފެށިގެން ގޮސް އެންމެ ފަހު މިނެޓަށް ވެސް ހިތްވަރާއެކު ސަޕޯޓް ކުރުމަށް" ސަޕޯޓް ކުރުމުގައި "މަރުދޭ" ޖައުބެ ބުންޏެވެ.
ދިވެހި ސަޕޯޓަރުން ދަނީ ސަޕޯޓް ކުރުމުގައި އެކިއެކި އާލާތްތައް ބޭނުން ކުރަމުންނެވެ. އޭގެ ތެރޭގައި އެކިއެކި ބެރުތަކާއި އެކި ކަހަލަ ބެނާތައް ހިމެނެ އެވެ. ޖައުބެ ދެކޭ ގޮތުގައި ދިވެހިން މިހާރު ކުރާ ސަޕޯޓަށް އިތުރު ބައެއް ކަންކަން އިތުރު ކުރަން ޖެހެ އެވެ. އޭގެ ތެރޭގައި ގިނަ ބެނާތައް ގެންގުޅުމާއި ތަފާތު ޕޮންޕޮން ފަދަ ތަކެތި ބޭނުން ކުރުން މިހާރަށް ވުރެ އިތުރު ކުރަންޖެހެ އެވެ.
ޖައުބެ ބުނި ގޮތުގައި ސަޕޯޓަރުންގެ ސަމާލުކަން ހޯދުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އެގޮތުން އަބަދުވެސް ފާޑުފާޑަށް ނަށަނަށާ ހުރެ މަޖާ ކުރުމާއި މީހުން އަޅައި ގަންނަ ގޮތަށް ހެދުން އެޅުމަށް ބޮޑު އިސްކަމެއް ދޭ ކަމަށް ޖައުބެ ބުންޏެވެ.
އޭއެފްސީ ކަޕުގެ ފުރަތަމަ މެޗުއިން ވަނީ ރާއްޖެ ޓީމު ބަލިވެފަ އެވެ. ބައެއް ސަޕޯޓްރުން ވަނީ އެކަމާއި ގުޅިގެން މާޔޫސްވެފަ އެވެ. ނަމަވެސް އޭގެ ތެރޭގައި ޖައުބެއެއް ނުހިމެނެ އެވެ. އޭނާ ބުނާ ގޮތުންނަމަ "އަބަދުވެސް ގައުމީ ޓީމަށް ފޯރީގައި ސަޕޯޓްކުރަން ހުންނާނަން" ކަމަށެވެ. އެގޮތަށް ހުރުމަށް އޭނާ ވަނީ ހުރިހާ ސަޕޯޓަރުންގެ ކިބައިން އެދެފައެވެ.
ޖައުބެ ފުޓްބޯޅަ ދަނޑަށް ވަންނަން ފެށީ މީގެ 20 އަހަރު ކުރިންނެވެ. އޭރު އޭނާގެ އުމުރަކީ އެންމެ ނުވަ އަހަރެވެ. އޭނާ އޭރު ދަނޑަށް ދަނީ އޭނާގެ ބައްޕައާއެކު ނިއުރޭޑިއަންޓަން ސަޕޯޓް ކުރުމަށެވެ. އޭރު އޭނާ އަކީ މަޑޫމައިތިރި ސަޕޯޓަރެކެވެ. އޭނާ ހަލަނި ސަޕޯޓަރަކަށްވީ ބައްޕަ ދަނޑަށް ދިއުން ހުއްޓާލި ފަހުންނެވެ. އޭނާގެ މިހާރުގެ އެންމެ ބޮޑު އަޒުމަކީ ރާއްޖެ ތަމްސީލް ކުރާ ކޮންމެ މެޗެއްކަށް ދަނޑަށް ދިއުމާއި ގައުމީ ހިދުމަތެއްގެ ގޮތުގައި ފޯރި ގަދަ ސަޕޯޓެއް ދިނުމަށެވެ.