21 May 2014, 10:16
އޭއެފްސީ ކަޕުގައި ރާއްޖެ ކުޅޭ ގްރޫޕުން އެއް ވަނަ ހޯދައިގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި ވެސް އެބައޮތް ކަމަށް ގައުމީ ޓީމުން ބުނެފި އެވެ.
އިއްޔެ ގައުމީ ޓީމުން ބޭއްވި ފަރިތަކުރުންތައް ކުރިއަށް ދިޔަ ވަގުތު ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ގައުމީ ޓީމްގެ މެނޭޖަރު އަހުމަދު މަހުލޫފް ވިދާޅުވީ މިއީ ސަޕޯޓަރުން މާޔޫސްވާންވީ ވަގުތު ނޫން ކަމަށެވެ. ހިތްވަރާ އެކު ސަޕޯޓްކުރުމަށް އެދޭ ކަމަށާއި ދެވަނަ ބުރަށް އެއް ވަނަ ޓީމުގެ ގޮތުގައި ދިއުމުގެ ފުރުސަތު އަދި ވެސް އެބައޮތް ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"ކުރީ ދުވަހުގެ މެޗުގައި ދެއްވި ސަޕޯޓް ދިނުން އަޅުގަނޑުމެން އެދެން، އަދި މިއީ މާޔޫސްވާންވީ ވަގުތެއް ނޫން، އަޅުގަނޑުމެނަށް ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދާން އެ ފުރުސަތު އަދި ވެސް އެބައޮތް،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ މިރޭގެ މެޗަށް ގައުމީ ޓީމު ނިކުންނަ އިރު ގައުމީ ޓީމުން މި މުބާރާތުގެ ފުރަތަމަ މެޗްގައި ކުޅުނު ކުޅުންތެރިންނަށް ބަދަލުތަކެއް އައުން ގާތް ކަމަށެވެ. ނަމަވެސް ކޯޗުން އެކަން ނިންމާނީ މެޗު ފެށެން ވަރަށް ކައިރިވުމުން ކަމަށް މަހުލޫފު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ގައުމީ ޓީމުގައި އެއްވެސް އިންޖަރީއެއް ނޫޅޭ ކަމަށާއި މިރޭގެ މެޗަށް ގައުމީ ޓީމު ވަރަށް ބޮޑަށް ތައްޔާރު ވެފައިވާ ކަމަށެވެ. އަދި ސަޕޯޓަރުންގެ ކިބައިން ހޫނު ތަރުހީބެއް ދިނުމަށް އެދޭ ކަމަށް ވިދާޅުވި އެވެ.
ރާއްޖެ މި މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން ވަނީ ބަލިވެފަ އެވެ. މިރޭ ރާއްޖެ ނުކުންނާނީ ކިރިކިސްތާނާ ދެކޮޅަށެވެ.