އަބޫޖާ (މޭ 21): ނައިޖީރިޔާގެ މެދުތެރޭ ސިޓީއެއް ކަމަށްވާ ޖޯސްގައި އިއްޔެ ގޮއްވާލި ބާރުގަދަ ދެ ބޮމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 118 އަށް އަރައިފި އެވެ.

މި ދެ ބޮމުގެ ތެރެއިން އެއްބޮން ގޮއްވާލާފައި ވަނީ ޖޯސް ސިޓީގެ މީހުން ތޮއްޖެހިފައިވާ މާރުކޭޓެއްގަ އެވެ. އަނެއްބޮން ގޮއްވާލާފައި ވަނީ އެމާރުކޭޓުގެ ކައިރީގައިވާ ހޮސްޕިޓަލެއްގެ ކުރިމަތީގައި ކަމަށް ނައިޖީރިޔާގެ ފުލުހުން ބުނެފައިވެ އެވެ. ޖޯސް ސިޓީ ހިމެނޭ ނައިޖީރިޔާގެ ލޯކަލް ސަރުކާރުގެ ތަރްޖަމާނަކު ވިދާޅުވެފައި ވަނީ މިދެ ޙަމަލާގައި ވެސް ގިނައިން މަރުވެފައި ވަނީ އަންހެނުން ކަމަށާއި ޒަޚަމްވި މީހުންގެ ތެރެއިން ވެސް ބައެއް މީހުންގެ ހާލަތު ގޯސްކަމުން މިދެ ބޮން ގޮއްވާލުމުގެ ހާދިސާގައި މަރުވާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމުގަ އެވެ.

ޖޯސް ސިޓީއަކީ ނައިޖީރިޔާގެ މުސްލިމުންނާއި ނަސާރާއިންނާ ދެމެދު ތަޅާފޮޅުންތައް ހިނގާފައިވާ ރަށެކެވެ. އެ ސިޓީގައި އިއްޔެ ގޮއްވާލި ދެބޮމުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއްނުވެ އެވެ. ނަމަވެސް ނައިޖީރިޔާގައި ފަހަކަށް އައިސް ހިންގާ މިވާބަތުގެ ހަމަލާތަކުގެ ޒިންމާ ނައިޖީރިޔާގެ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ބޫކޫ ހަރާމް ޖަމާއަތުން އުފުލާފައިވެ އެވެ. (ރޮއިޓާސް)