21 May 2014, 09:20
މޮސްކޯ (މޭ 21) : ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާ ގުޅިފައިވާ އެއްވެސް މައްސަލައެއް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރާނަމަ އެކަމާދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯކުރާނެ ކަމުގެ އިންޒާރު ރަޝިޔާއިން ދީފި އެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ގިނާދީ ގެތިލޯވް އާ ހަވާލާދީ އެގައުމުގެ އިޓަރޓާސް ނޫސްއެޖެންސީން ބުނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ފައިލް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހެޅޭނީ ސަލާމަތީ މަޖިލީހުން ފާސްކޮށްގެން ކަމަށާ ސޫރިޔާގެ މައްސަލަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ގެންދިޔުމާ ދެކޮޅަށް ސަލާމަތީ މަޖިލީހުގައި ރަޝިޔާ އިން ވީޓޯ ކުރާނެ ކަމުގައެވެ.
ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު މިހެން ވިދާޅުވެފައި މިވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ބެލެވޭތީ އެކަން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަށް ގޮވާލާ ގަރާރެއްގެ ދެލިކޮޕީ އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ފަރަންސޭސިވިލާތުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ. މިގަރާރުގެ ދެލިކޮޕީ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށްޓަކައި އދ.ގައި ހުންނަވާ ފަރަންސޭސި ދާއިމީ މަންދޫބު މިހާރުވަނީ މިކަމާ ބެހޭ ލިޔެކިޔުންތައް ސަލާމަތީ މަޖިލީހުގައި ހިމެނޭ 15 ގައުމުގެ މަންދޫބުންނަށް ފޮނުވާފަ އެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތަކުގެ މައްސަލަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހަޅައިފި ނަމަ އެ ޖަރީމާތަކުގެ ފަހަތުގައިވާ ފަރާތްތަކާ ދެކޮޅަށް ޖިނާއީ ދައުވާއުފުލައި އެފަރާތްތައް ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމުގެ ގާނޫނީ ބާރު ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ލިބގެންދާނެ އެވެ. ސޫރިޔާގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގައި ސޫރިޔާ ސަރުކާރުގެ އިސް ބައެއް މަސްއޫލުވެރިންނާއި އިދިކޮޅު ހަނގުރާމަވެރިންގެ ބައެއް ކޮމާންޑަރުން ވެސް ޝާމިލްވާ ކަމަށް ކަމާބެހޭ ތަހްގީގްތައް ބުނެ އެވެ. ނަމަވެސް ސޫރިޔާއަކީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓު އުފެއްދުމުގެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމަކަށް ނުވާތީ އެގައުމުގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ މައްސަލަ ބައިނަލްއަގްވާމީ ކޯޓަށް ހުށަހެޅޭނީ އދ.ގެ ސަލާމަތީ މަޖިލީހުން މިކަމާ ބެހޭ ގަރާރެއް ފާސްކޮށް އެމަޖިލީހުގެ ރުހުން ލިބިގެންނެވެ.
ސޫރިޔާގެ އިންސާނީ ހައްގުތަކުގެ މައްސަލަ ބައިނަލްއަގްވާމީ ކޯޓަށް ފޮނުވުމަށް ގޮވާލާ ގަރާރާ ދެކޮޅަށް ވީޓޯ ކުރާނެކަމުގެ އިންޒާރު ރަޝިޔާ ދީފައި ވާތީ ހުޅަނގުގެ ބާރުތައް ފަހަތުގައި ތިބެގެން ފަރަންސޭސިވިލާތުން އިސްވެއޮވެ ކުރަމުންގެންދާ މިމަސައްކަތް ރަޝިޔާގެ ވީޓޯއާއެކު މުޅިން ނާކާމިޔާބު ވެގެންދާނެ ކަމަށް މުރާސިލުން ބުނެ އެވެ. ސޫރިޔާގެ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް އެމެރިކާ އާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން މީގެ ކުރިން ވެސް ކޮށްފައިވާ މިފަދަ އެތަށް މަސައްކަތެއް ރަޝިޔާއާއި ޗައިނާގެ ވީޓޯގެ ސަބަބުން ވަނީ ނާކާމިޔާބުވެފަ އެވެ.
ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ފަރަންސޭސިވިލާތް އިސްކޮށް އޮވެގެން މިހާރު ތައްޔާރުކުރަމުން ގެންދާ ގަރާރުގެ ދެލިކޮޕީއާ ދެކޮޅަށް ރަޝިޔާގެ އިތުރުން ޗައިނާ ވެސް ވީޓޯ ކުރާނެ ކަމަށް ބެލެވޭކަމަށް އދ.ގައި ތިއްބަވާ ހުޅަނގުގެ ޑިޕްލޮމޭޓުން ވިދާޅުވެ އެވެ. ސޫރިޔާގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ވާހަކަ ހުޅަނގުގެ ގައުމުތަކުން އަޑުގަދަކޮށް ދައްކަމުން ގެންދާ އިރު އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔާތާ ޚިލާފު ޖަރީމާތަކުގެ މައްސަލަ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަށް ހުޅަނގުގެ ގައުމުތަކުން ގެންދަނީ ދެކޮޅު ހަދަމުންނެވެ.
މީގެ އިތުރުން އިރާގާއި އަފްޣާނިސްތާން ފަދަ ގައުމުތަކުގައާއި ގުއަންޓެނާމޯ ޖަލުގައި އެމެރިކާ ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ މައްސަލަތައް އޮއްބާލުމަށް ވެސް އެމެރިކާ އާއި ހުޅަނގުގެ ބާރުތަކުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. (ނޫސްއެޖެންސީތައް)