އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ ދެވަނަ މެޗްގައި މިރޭ ، އެއް ވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެން ނިމިއްޖެ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މިރޭގެ މެޗު ފަށާފައިވަނީ ކުރިން މެޗު ފަށަން ހަމަޖެހިފައިވާ ގަޑިއަށްވުރެ އެއް ގަޑިއިރު ފަހުންނެވެ. ދެ ޓީމުން ވެސް އިދިކޮޅު ޓީމުގެ ގޯލަށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗްގެ ފުރަތަމަ 45 މިނިޓް ނިމި، އިތުރު ދެ މިނިޓް ކުޅެގެން ވެސް، އެއްވެސް ޓީމަކަށް ސުން ކަނޑުވާލެވޭ ވަރެއް ނުވި އެވެ. އަދި މެޗުގެ ދެ ވަނަ ހާފުގައި ވެސް އިތުރަށް ދެއްކި ހަތަރު މިނެޓާއެކުވެސް ދެޓީމް ކުރެ ޓީމަކަށް މެޗުގެ ނަތީޖާއާ ކުޅެލެވޭވަރެއް ނުވިއެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި މިރޭ 10:00ގައި ފެށި މެޗުގެ އަށް ވަނަ މިނެޓުގައި އަފްޣާންގެ މުސްތަފާ އަޒަދްޒޯއީއަށް ބޯޅަ ގޯލްގެ ތެރެއަށް ފޮނުވައިލަން ރަނގަޅު ފުރުސަތެއް ލިބި، އެފުރުސަތު ދިޔައީ ބޭކާރު ވެގެންނެވެ. އަދި މެޗުގެ 31 ވަނަ މިނެޓުގައި ފިލިޕިންސްގެ ސްޓެފަން މާކޫސް ޝްރޮކް، އަފްޣާން ހާފުގެ މެދުތެރެއިން އެޓީމުގެ ގޯލަށް ބޯޅަ ފޮނުވާލިއިރު އަފްޣާން ކީޕަރު މަންސުރު ފަގިރުޔާރު ހުރީ ކުޑަކޮށް ބޭރަށް ނުކުމެއެވެ. އެހަންނަމަވެސް އެބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ދެތިން ފުރުސަތެއް ލިބުނެވެ. އެގޮތުން އަފްޣާންގެ ފޯވާޑް ކުޅުން ތެރިން ފޯނުވާލި ދެ ބޯޅައެއް ވެސް ފިލިޕީންސްގެ ގޯލް ދަނޑީގައި ޖެހި ބޭކާރުވީއެވެ. އަދި ފިލިޕީންސްއަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ތަކެއް ލިބިގެން ދިޔަ ނަމަވެސް، އެޓީމަށް ލަނޑު ޖެހުމަށް ހުރަހަކަށް ވީ އަފްގާން ޓީމުގެ ހުށިޔާރު ގޯލްކީޕަރު މަންސުރު ފަގިރްޔާރު އެވެ.

ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި އަފްޣާންގެ ހަތަރު ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑު ދައްކައިފައެވެ. އަދި ފިލިޕީންސްގެ ސަޓޯ ޑައިސުކޭއަށް ވެސް މެޗުގައި ވަނީ ރީދޫ ކާޑެއް ދައްކައިފައެވެ.

މިރޭގެ މެޗް ފަަށަން އޮތް ގަޑިއަށް ނުފެށުނީ މޫސުން ގޯސްވުމުގެ ސަބަބުން ދެޓީމުގެ ކުޅުންތެރިންނަށް ދަނޑަށް އާދެވުން ލަސްވުމުގެ ސަބަބުންނެވެ.

މިރޭގެ މެޗް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި ކުޅިވަރާބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލްގެ އިތުރުން އެފްއޭއެމްގެ އިސްވެރިން ވެސް އައްޑޫ ފުޓްބޯޅަ ދަނޑަށް ވަޑައިގަތެވެ. އަދި އައްޑޫ ސިޓީގެ ގިނަ ބަޔަކުވެސް މިރޭގެ މެޗް ބަލާލުމަށް ސްޓޭޑިއަމްއަށް ގޮސްތިއްބެވެ.

މިގްރޫޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ލާއޮސް ލަންޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރައި 5-1 އިން ތުރުކުމެނިސްތާން މޮޅުވެ، އެޓިމް ވަނީ ތިން ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ހޯދައިފައެވެ. ގްރޫޕްގެ ދެވަނަ މަގާމްގައި އޮތީ މިރޭގެ މެޗުން އެއްވަރުވި އަފްޣާނާއި ފިލިޕީންސްއެވެ. ގްރޫޕުގެ ފުލުގައި އޮތީ ލާއޮސް އެވެ.