ޓްރިޕޮލީ (މޭ 20): އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލީބިޔާގެ އާންމު އިންތިޚާބުގައި އައު ޕާލަމެންޓެއް އެކުލަވާލެވެންދެން މިހާރުގެ ޕާލަމެންޓް އުވާލުމަށް ލީބިޔާ ސަރުކާރުން ޕާލަމެންޓަށް ހުށަހަޅައިފި އެވެ.

މިކަމާ ގުޅިގެން ލީބިޔާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލީބިޔާގެ ކަންކޮޅުތަކުގައި ހަތިޔާރުއެޅި ޖަމާއަތްތަކުގެ ބާރު ގަދަވެ ދާޚިލީ ހަނގުރާމައަކަށް ގައުމު ވެއްޓިދާނެ ކަމުގެ ބިރުހީވެފައި ވާތީ ދާޚިލީ ހަނގުރާމައަކުން ލީބިޔާ ސަލާމަތް ކުރުމަށް ޓަކައި އައު ޕާލަމެންޓެއް އިންތިޚާބު ކުރެވެންދެން މިހާރުގެ ޕާލަމެންޓް އުވާލުމަށް ހުށަހަޅާ ކަމުގަ އެވެ. ނަމަވެސް ޕާލަމެންޓް އުވާލުމުގެ ކުރިން މިހާރުގެ ސަރުކާރުގެ ކެބިނެޓަށް ރުހުންދިނުމާއި އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމުގެ ކަންތައް ނިންމުމަށް އެދޭކަން ސަރުކާރުގެ ބަޔާނުގައި ހާމަކޮށްފައިވެ އެވެ.

ލީބިޔާގެ ޕާލަމެންޓަކީ އިންތިގާލީ މަރްހަލާގެ ޕާލަމެންޓެކެވެ. ލިބިޔާގެ އިންތިގާލީ ޕާލަމެންޓްގެ އިންތިޚާބީ މުއްދަތުވެސް މިހާރު ހަމަވެފައިވާ އިރު އެގައުމުގެ ސިޔާސީ މަސްރަހަށް އަތްގަދަކުރަމުން ގެންދާ ހަތިޔާރުއެޅި ޖަމާއަތްތަކުގެ ނުރައްކަލާ ޕާލަމެންޓްގެ މެންބަރުން ވަނީ ކުރިމަތިލާންޖެހިފަ އެވެ. ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރޭން އިސްލާމީ ސަލަފީ ފިކުރުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ގެންދަނީ ޕާލަމެންޓްގެ މެންބަރުންނަށް ފިއްތުންތައް ކުރިމަތިކޮށްގެން އެޖަމާއަތްތަކުގެ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށް މަސައްކަތްކުރަމުންނެވެ. ދާދިފަހުން ފާޅުވި ލީބިޔާގެ އިލްމާނީ ފިކުރުގެ ޖަމާއަތެއް ކަމަށްވާ ޖެނެރަލް ޚަލީފާ ހަފްތަރުގެ ޖަމާއަތުން ވަނީ ލީބިޔާގެ ވެރިކަމަށް ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ޖަމާއަތްތައް އަތްގަދަ ކުރަމުންގެންދާ ކަމަށް ބުނެ އެޖަމާއަތާ ލިބިޔާގެ ވެރިކަން ހަވާލުކުރުމަށް ގޮވާލައި ލީބިޔާގެ ޕާލަމެންޓަށް ގަދަބާރުންވަދެ މެންބަރުންނަށް ހަތިޔާރުން ބިރުދައްކާފަ އެވެ.

ލިބިޔާ ސަރުކާރުގެ މިހުށަހެޅުމާ ބެހޭ ގޮތުން ލިބިޔާގެ ޕާލަމެންޓުގެ މެންބަރުން އަމަލުކުރައްވާނެ ގޮތެއް އަދި ސާފުވެފައެއްނުވެ އެވެ. މިދިޔަ އާދީއްތަ ދުވަހު ލީބިޔާގެ ޕާލަމެންޓްގެ އިމާރާތަށް ގަދަބާރުން ވަދެގަތް ޖެނެރަލް ޚަލީފާ ހަފްތަރުގެ އިލްމާނީ ފިކުރުގެ ހަރުކަށި ޖަމާއަތުގެ ހަނގުރާމަވެރިން ގެންދަނީ ލީބިޔާގެ ވެރިކަން އެމީހުންނާ ހަވާލުކުރުމަށް ނޫނީ ޕާލަމެންޓް އުވާލައި އަލުން ޕާލަމެންޓެއް އުފެއްދުމަށް ގޮވާލައި ހަތިޔާރުގެ ބޭނުންކޮށްގެން ވެރިރަށް ޓްރިޕޮލީ ޓެރަރައިޒް ކުރަމުން ކަމަށް ރިޕޯޓްތައްބުނެ އެވެ.

ޖެނެރަލް ޚަލީފާ ޚަފްތަރުގެ ޖަމާއަތުން ވަނީ ޕާލަމެންޓްގައި ތިބި ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ސިޔާސީ ފަރާތްތައް އެތަނުން ބޭރުކޮށް ލީބިޔާއަކީ ދީނީގޮތުން ހަރުކަށި ޖަމާއަތްތަކުން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ޓަކައި ހަނގުރާމަކުރާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. ޖެނެރަލް ޚަފްތަރުގެ ޖަމާއަތުގެ ފަހަތުގައި ވަނީ އެމެރިކާއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އާއި ސައޫދީ އަރަބިޔާކަމަށް ލީބިޔާގެ އިސްލާމީ ފިކުރުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ދެކެ އެވެ. ޖެނެރަލް ޚަފްތަރަކީ މިސްރުގެ ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ ގޮތަށް އެމެރިކާ އިން ލިބިޔާގައި އުފައްދަން މަސައްކަތްކުރާ އެމެރިކާގެ އެޖެންޓެއް ކަމަށާއި އެމެރިކާގެ މިމަޝްރޫ އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ ޔުނައިޓެޑް އަރަބް އިމަރޭޓްސް އާއި ސައޫދީ އަރަބިޔާކަމަށް ވެސް ލީބިޔާގެ އިސްލާމީ ފިކުރުގެ މިލީޝިޔާތަކުން ދެކެއެވެ.
ޖެނެރަލް ޚަފްތަރުގެ ޖަމާއަތުގެ ހަމަލާތަކާ އެކު މިތިން ގައުމުން ވެސް ވަނީ ލީބިޔާގައިވާ އެތިން ގައުމުގެ އެންބަސީތައް ބަންދުކުރުމަށް ނިންމައި އެކަން އިޢުލާންކޮށްފަ އެވެ. ނަމަވެސް މިތިންގައުމު ފިޔަވައި އެހެން ގައުމަކުން ލިބިޔާގައިވާ އެގައުމުތަކުގެ އެންބަސީފަދަ ތަންތަން ބަންދުކުރުމުގެ ނިންމުމެއް ނިންމާފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)