20 May 2014, 22:28
އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ރޭ ކިރްގިސްތާނާ ދެކޮޅަށް ދިވެހި ގައުމީ ޓީމް ނުކުނައިރު، ދިވެހި ޓީމުގެ ފުރަތަމަ 11 ބަދަލު ގެންނަން ޖެހޭ ކަމަށް 2008ގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ ހޯދައިދިން ޓީމުގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) ބުނެފި އެވެ.
މެނދު ނުކެޑި 10 އަހަރު ގައުމީ ޓީމުގެ މުހިންމު ޑިފެންސްގެ ރޯލް އަދާކުރި ޖަމްބޭ ބުނީ، މިޔަންމާ އަތުން 2-3 ލަނޑުން ރާއްޖެ ރޭ ބަލިވުމުގެ އެންމެ ބޮޑު އެއް މައްސަލައަކީ ގައުމީ ކޯޗް މަމިޗް ފުރަތަމަ 11 އަށް ނެރުނުނު ކުޅުންތެރިންގެ ސަބަބުން ކަމަށާއި އެގޮތުން ޑިފެންސާއި މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ މުހިންމު ކުޅުންތެރިން ފުރަތަމަ 11 އިން ނުފެނި އެކުޅުންތެރިން ބެންޗުގައި ތިބި ތިބުމަކީ ރާއްޖެ ރޭ ބަލިވުމުގެ އެންމެ ބޮޑު ސަބަބު ކަމަށެވެ.
"ކުރިއަށް އޮތް މެޗުގައި އެކަންކަން ރަނގަޅު ކުރަން ޖެހޭނެ. ކުރިއަށް އޮތް ދެ މެޗަކީ ރާއްޖެ އަށް މުހިންމު ދެމެޗެއް. ރޭގެ މެޗުގައި ޓީމުގެ ޑިފެންޑާރުންގެ ފަރާތުން ފެނިގެން ދިޔައީ އެންމެ އެދެވޭ ކުޅުމެއް ނޫން. އަހަރެން އެކަމާ ކަންބޮޑުވޭ. އަހަރެންގެ ހުރިހާ ވެސް އުންމީދަކީ ޓީމަށް ރަނގަޅު ކާމިޔާބީއެއް ލިބުން،" ޖަމްބޭ ބުންޏެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގިނަ ޓީމްތަކަށް ކުރިން ކުޅެފައިވާ ޖަމްބޭ ބުނީ، ގައުމީ ކޯޗް މަމިޗް މިފަރު ސްކޮޑަށް ނެގި ކުޅުންތެރިނާ މެދު ހިތްހަމަ ޖެހޭ ކަމަށާއި މޮޅެތި ކުޅުންތެރިން ބެންޗުގައި ބެހެއްޓުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.
ދެހާސް އެއްް ވަނަ އަހަރުން ފެށިގެން ސީނިއާ ގައުމީ ޓީމުގެ ދިފާއުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަމުން އައި ޖަމްބޭ ބުނީ، މުހައްމަދު އާރިފް (ބަކާ) އާއި ފާއިތުވި ތިން އަހަރު ގައުމީ ޓީމުގެ ޑިފެންސްލައިން ބެލެހެއްޓުމުގައި މުހިންމު ރޯލެއް އަދާކުރި ޝާފިއު އަހުމަދު (ޝާފީ) އަށް ކުރިއަށް އޮތް މެޗުގެ ފުރަތަމަ 11 އިން ޖާގަ ދިނުން ވަރަށް މުހިންމު ކަމަށެވެ.
ރޭގެ މެޗުގެ ދެ ވަނަ ހާފުގައި މުހައްމަދު އާރިފް (ބަކާ) ކުޅެން އެރި ނަމަވެސް، ސާފީއަކަށް ރޭގެ މެޗުގައި ކޯޗް މަމިޗް ޖާގަ ދީފައެއް ނުވެ އެވެ.
ގްރޫޕް އޭގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މާދަމާ ރޭ ބައްދަލު ކުރާނީ ކިރްގިސްތާނާ ދެކޮޅަށެވެ. މެޗް ފަށާނީ ރޭގެ ގަނޑު 9:00 ގަައި ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.