އޭއެފްސީ ޗެލެންޖް ކަޕްގެ މިއަދު ލާއޮސް ލަންޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރައި 5-1 އިން ތުރުކުމެނިސްތާން މޮޅުވެއްޖެ އެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު ލާއޯސްއަށް ލީޑު ނަގައިދިނީ މެޗުގެ 33 ވަނަ މިނިޓްގައި އެޓީމުގެ ކަމްޕެން ސަޔަވުއްތީ އޯވަހެޑަކުން ވައްދާލި ހިތްގައިމު ލަނޑުންނެވެ.

ތުރުކުމެނިސްތާނުން ކުޅުން އިތުރަށް ވަރުގަދަކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރީ، 42 ވަނަ މިނިޓްގައި އެޓީމުގެ މިޑްފީލްޑަރު ބޭރަމޯފް ޑޮވެލްޓް ޖަހައިދިން ލަނޑުންނެވެ. ލާއޯސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ތުރުކުމެނިސްތާން ކުޅުންތެރިޔަކު ފޮނުވާލި ބޯޅަ ގޯލްގެ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު، ލާއޯސް ކީޕަރުގެ ގައިގައި ޖެހިފައި ޕެނަލްޓީއޭރިޔާ ތެރެއަށް ވެއްޓުނު ބޯޅަ ބޭރަމޯފް ގޯލުގެ ތެރެއަށް ފޮނުވާލީ ބޮލުން ޖަހައެވެ.

ފުރަތަމަ ހާފްގެ ކުޅުން ނިމުނީ ދެޓީމު 1-1 އިން އެއްވަރުވެގެންނެވެ. ތުރުކުމެނިސްތާނުން މެޗުގެ ކުރި ހޯދީ، 49 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޑުރްޑިއޭފް ޑީޑާރު ޖަހައިދިން ލަނޑުންނެވެ.

ތުރުކުމެނިސްތާނުގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 54 ވަނަ މިނިޓްގައި އެޓީމުގެ މިޑްފީލްޑަރު އަސްޓަނޯފް އުމިޖަން އެވެ.

އައްޑޫ ސްޓޭޑިއަމްގައި މިއަދު މެޗު ކުރިއަށް ދިޔަ ވަގުތު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ދެޓީމުގެ ކުޅުންތެރިންނަށް ވެސް އުނދަގޫތަކެއް ކުރިމަތިވި އެވެ. ހާއްސަކޮށް މެޗު ނިމެން ކައިރިވަމުން ދިޔަވަރަކަށް ލާއޮސް ކުޅުންތެރިންގެ ކިބައިން ވަރުބަލިކަން ފެނުނު މެޗުގައި ތުރުކުމެނިސްތާންގެ ހަތަރު ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާކޮށްދިނީ، އެޓީމުގެ ދެވަނަ ލަނޑު ޖަހައިދިން ޑުރްޑިއޭފް އެވެ.

ތުރުކުމެނިސްތާނުގެ ފަހު ލަނޑު 86 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހޮޖާއަހްމަދޯފް ބަހްތިޔާރު އެވެ.

މުބާރާތުގައި ތުރުކުމެނިސްތާން ކުޅޭ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9:00ގައި އައްޑޫ ފުޓްބޯޅަ ދަނޑުގައި ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ. އަދި އެދުވަހު ހަވީރު 4:00ގައި ކުޅޭ މެޗުގައި ލާއޯސް ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.