ރޭގެ މެޗުން ދިވެހި ގައުމީ ޓީމު ބަލިވުމުން އެކަމާ ދެރަ ނުވާނޭ އެއްވެސް ދިވެއްސަކު ނުހުންނާނެ އެވެ. ރޭގެ މެޗުގެ ނަތީޖާ އަކީ ގަބޫލުކުރާން ދަތި ނަތީޖާ އެކެވެ. ހިތްދަތިކުރުވަނިވި ނަތިޖާ އެކެވެ. ހައިރާން ކުރުވަނިވި ނަތީޖާއެކެވެ. ބަސްހުއްޓުވަނިވި ނަތީޖާ އެކެވެ. މިހެން ގޮސް ކިޔާނޭ ކަމެއް ނެތެވެ. ކުރުކޮށް ބުނާ ނަމަ ރޭގެ މެޗުގައި 12 ކުޅުންތެރީންނާ އެކު ކުޅުނު ދިވެހީންގެ ފަޚުރުވެރި ގައުމީ ޓީމު، 10 ކުޅުންތެރީންނާ އެކު ކުޅުނު މިޔަންމާ އަތުން ބަލިވުމުން ލޮލުން ކަރުނަ ނުހިލޭނޭ ހަގީގީ ދިވެއްސަކު ހުންނާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެ އެވެ.

ރޭގެ މެޗަށް ފަހު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ މީހުން ގައުމީ ޓީމަށް ފުރައްސާރަކުރާ މަންޒަރެވެ. މުޅި ސޯޝަލް މީޑިއާގައި މި އޮތީ ގައުމީ ޓީމަށް އެއްޗެތި ގޮވައިފަ އެވެ. އެއްބަޔަކު ބުނާ ގޮތުން ދިވެހި ގައުމީ ޓީމު "ދާންވީ މަހަށް" ށެވެ. އަނެއް ބަޔަކު ބުނާ ގޮތުން "އަދިވެސް ބޮޑަށް އެފްއޭއެމް ސިޔާސީ ކުރާންވީ" އެވެ. ދެން ތިބި ބަޔަކު ބުނަނީ "ލަދުން ބޯހަލާކު ވެއްޖެ" ކަމަށެވެ. އަދިވެސް މިކަހަލަ އެތައް މަލާމާތެކެވެ.

މިވަރަކުން ނުފުދެއެވެ. އެނގިފައިވާ ގޮތުގައި ކުޅުންތެރީން ރޭގެ މެޗަށްފަހު ދަނޑުން ފޭބި އިރު ވެސް ބައެއް ސަޕޯޓަރުން އެމީހުންގެ ގައިގައި އެކި ކަހަލަ މަލާމާތުގެ ބަސްތަކުން ތެޅި އެވެ. ހިތާމަވެރިކަމާ އެކު ދަނޑުން ފޭބި ގައުމީ ޓީމުގެ ކުޅުންތެރީންގެ ހިތްތަކަށް މި ބަސްތަކުން ފުން އަސަރުތަކެއް ކުރާނެ ކަމާ މެދު ޝައްކެއް ނެތެވެ.

އަޅުގަނޑު ކުރީންވެސް ފާހަގަކުރި ފަދައިން ރޭގެ މެޗުން ދިވެހި ޓީމު ބަލިވެގެން ދަނޑުން ފައިބާން ޖެހުން އެއީ ގައުމަށް ލިބުނު ބޮޑު ހިތާމަ އެކެވެ. އެކަމާ ހުރިހާ ދިވެހީންވެސް ހިތާމަ ކުރާނެ އެވެ. އެކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ދިވެހި ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގެ ތާރީޚުގައި ވެސް ދަނޑަށް ނުވަންނަ ވަރަށް ރޭގެ މެޗަށް ގައުމީ ރޫހުގައި، ގައުމީ ޖޯޝުގައި ދަނޑަށް ވަދެތިބި ދިވެހީންގެ އަދަދު މިކަމުގެ ސާފު ހެއްކަކަށް ފުދެ އެވެ.

އަޅުގަނޑުގެ ދެތިން ސުވާލު އެބަ އޮތެވެ. މި ސުވާލުތަކަށް ކޮންމެ ކިޔުންތެރިޔަކު ވެސް ހިތުގެ އެންމެ ފުންމިނުން ޖަވާބެއް ދެއްވާށެވެ. ނިކަން ވިސްނަވައިފަ އެވެ. "ގައުމީ ޓީމުގެ އެއްވެސް ކުޅުންތެރިޔަކު ރޭގެ މެޗުން ބަލިވާން ބޭނުންވާނެ ހެއްޔެވެ؟ ގައުމުގެ ތިންލައްކަ ފަންސާސްހާސް މީހުންގެ ފޮނި އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން ދަނޑަށް ނުކުމެ ހުރި ގައުމީ ކެޕްޓަން އަލީ އަޝްފާގް ރޭގެ މެޗުން ބަލިވުމުން ކަރުނަ ނާޅާނެ ހެއްޔެވެ؟ ޓީމު އޮފިޝަލުން ދެރަ ނުވާނެ ހެއްޔެވެ؟

ނޫނެކެވެ. އެންމެންވެސް ދެރަވާނެ އެވެ. އަޅުގަނޑުމެންނަށްވުރެ އެތައްގުނައެއް ގައުމީ ޓީމުގެ ކުޅުންތެރިންގެ ހިތާމަ ބޮޑު ވާނެ އެވެ. މައިގަނޑު ސަބަބަކީ ދިވެހި ގައުމު އެ ކުޅުންތެރީންގެ މައްޗަށް ކޮށްގެން އޮތް އިތުބާރު އެއިން ހަމަ ކޮންމެ ކުޅުންތެރިއަކަށް ވަޒަން ކުރެވޭތީ އެވެ. އެ އުއްމީދު ހަގީގަތަކަށް ހަދައިނުދެވުނީތީއެވެ.

ރޭގެ މެޗުގައި ކޮންމެ ފަދަ ނަތީޖާއެއް ނުކުތް ނަމަވެސް ހަގީގަތަކީ ގައުމީ ޓީމުގެ ކުޅުންތެރީން ކުޅުނީ މޮޅުވާން ކަމެވެ. އެންމެ ފަހު ވަގުތާ ހަމަޔަށް ވެސް ހިތްވަރު ކުރި ކަމެވެ. ގައުމީ ކެޕްޓަން އަޝްފާގު ކޮރު ޖަހަމުން ވެސް ހިތްވަރު ކުރި ކަމެވެ. ނަސީބަކީ އެހެން ކަމެކެވެ. ފުޓުބޯޅަ އަކީ އެފަދަ ކުޅިވަރެކެވެ. ކިތަންމެ މޮޅު ޓީމެއް ކިތަންމެ ބަލި ޓީމެއްގެ އަތުން ކޮންމެ ފަދަ ގޮތަކަށް ވެސް ބަލި ވެދާނެ އެވެ. ފުޓުބޯޅައިގެ ސަޕޯޓަރުންނަށް މިވާހަކަ ބުނެދޭކަށް ނުޖެހޭނެ އެވެ. އެމީހުންނަށް އެކަން ފިސާރި ރަނގަޅަށް އިނގޭނެ އެވެ.

އަޅުގަނޑު މި ބުނަނީ ފަހަރެއްގައިވެސް މިސްޓޭކް ތަކެއް ނުހެދޭ ވާހަކައެއް ނޫނެވެ. އަދި ރަނގަޅު ކުރާން ޖެހޭ ކަންތައްތަކެއް ނެތް ވާހަކައެއްވެސް ނޫނެވެ. މި ނުކުތާ އޮޅުވައިނުލެއްވުން އެދެމެވެ.

ބައެއް ފަރާތްތަކުން އެނގިފައިވާ ގޮތުގައި މެޗު ނިމިގެން ޗޭންޖިން ރޫމު ތެރޭގައި ގައުމީ ޓީމުގެ ބައެއް ކުޅުންތެރީން ގިސްލަގިސްލާފައި ރުޔެވެ. ބައެއް ކުޅުންތެރީން ހަމަޔަކަށް އެޅުނީ އެތައް އިރެއް ފަހުންނެވެ. ކުޅުންތެރީން ތިބީ ވަރަށް ބޮޑަށް ދެރަ ވެފަ އެވެ. ނަފުސާނީ ގޮތުން އަސަރުކޮށްފަ އެވެ. ހިތުގައިޖެހިފަ އެވެ.

ހަގީގަތަކީ މިއީ އެވެ. މި ވަގުތަކީ އަޅުގަނޑުމެން އެންމެން އެކުގައި ތެދުވާންވީ ވަގުތެވެ. ގައުމީ ޓީމަށް މަލާމާތާއި ޖެއްސުން ކުރުމުގެ ބަދަލުގައި ހިތްވަރުދީ އަޒުމު އާކޮށްދޭންވީ ވަގުތެވެ. އެ ކުޅުންތެރީންނަށް ގުޅައި ހިތްވަރުގެ ބަސްތައް ރައްދުކުރާންވީ ވަގުތެވެ.

ރެޔަށްވުރެ ވެސް މާދަންރޭ ދަނޑު ގައުމީ ކުރަންވީ އެވެ. މުޅި ގައުމުގެ ކުދިބޮޑު އެންމެ މިތިބީ ގައުމީ ޓީމާ އެކުގައި ކަމުގެ ހިތްހަމަޖެހުމާއި ޔަގީންކަން ގައުމީ ޓީމުގެ ކުޅުންތެރީންނަށް ހޯދައިދޭންވީ އެވެ. އާނއެކެވެ. މީ ގައުމީ ޓީމަށް މަލާމާތް ކުރަންވީ ވަގުތެއް ނޫނެވެ. ކުޅުންތެރީންގެ ހިތްވަރު އެލޭގޮތަށް ވާހަކަދައްކަންވީ ވަގުތެއްްވެސް ނޫނެވެ. ޖެއްސުން ކުރާންވީ ވަގުތެެއްވެސް ނޫނެވެ. މީ ގައުމީ ޓީމަށް ހިތްވަރު ދޭންވީ ވަގުތެވެ. އެކަން ކުރާން ތިބީ އަޅުގަނޑުމެންނެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބުވާނެ އެވެ.