އިލެކްޝަންސް ކޮމިޝަނަށް ކޮންޓްރެކްޓަށް ނެގި އިދާރީ މުވައްޒަފެއްގެ ކޮންޓްރެކްޓް އާ ނުކޮށްދިން މައްސަލައެއްގައި އެ ކޮމިޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ޑިރެކްޓަރަކު ވަޒީފާ އިން ވަކިކޮށްފި އެވެ.

އެޗްއާރު ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ހުރި އަހުމަދު އަލީ ވަޒީފާ އިން ވަކި ކުރި ނަމަވެސް އޭނާ އާއިލީ ޒިންމާގެ ފަސް ދުވަހުގެ ޗުއްޓީއެއްގައި ހުންނެވުމުން އެކަން ވަނީ އޭނާ އަށް ނޭނގި ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ.

އަހުމަދު އަލީ މިއަދު ސަން އަށް ވިދާޅުވީ އޭނާ ވަޒީފާ އިން ވަކިކުރީ ވަގުތީ ގޮތުން ކޮންޓްރެކްޓް ވަޒީފާއެއް ދީފައި ހުރި މުވައްޒަފެއްގެ ކޮންޓްރެކްޓް އާ ނުކޮށްދިން މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އިއްުޔެ ބޭއްވި އެ ކޮމިޝަންގެ ތިން މެންބަރުންގެ ބައްދަލުވުމެއްގައި އޭނާ ވަޒީފާ އިން ވަކިކޮށްފައިވާ ކަން އެނގިފައިވާ ކަމަށާއި ނަމަވެސް ޗުއްޓީގައި ހުރުމުން އެކަން ރަސްމީިކޮށް އަދި އަންގާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން އެ މުވައްޒަފުގެ ކޮންޓްރެކްޓް އާ ކުރާކަށް ނާންގާ. ފޯނުން ގުޅުއްވާފައި ކޮމިޝަންގެ މެމްބަރު ފާރޫގު އެދިވަޑައިގަތީ އޭނާގެ ކޮންޓްރެކްޓް އާ ކުރަން. ނަމަވެސް އަޅުގަނޑު އެކަމާ ދެކޮޅު ހެދީ އެއީ ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމުގައި ވާތީ. އަނެއް ކޮޅުން އިދާރީ ހުރިހާ ނިންމުމެއް އަންގަނީ ސެކެޓްރީ ޖެނެރަލްގެ ފަރާތުން ކަމުގައިވާ އިރު އެފަރާތުން ވެސް އޭނާގެ ކޮންޓްރެކްޓް އާ ކޮށްދިނުމަށް އެދިފައެއް ނުވޭ،" އެޗްއާރުގެ އީސީގެ ހެޑްގެ މަގާމުން އިއްޔެ ވަކިކޮށްފައިވާ އަހުމަދު އަލީ ވިދާޅުވި އެވެ.

އެެ މައްސަލާގައި އީސީގެ ސެކެޓްރީ ޖެނެރަލް އާސިމު އަބްދުއްސައްތާރުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އޭނާ އަށް ފޯނު ކުރި އިރު ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު މުހައްމަދު ފާރޫގު މިއަދު ސަން އަށް ވިދަޅުވީ އަހުމަދު އަލީ ވަޒީފާ އިން ވަކިކުރަން ކޮމިޝަނުން ނިންމާފައި ވަނީ މި މަހު ކަމަށެވެ. އެގޮތަށް ނިންމީ ކޮމިޝަނުންގެ ނިންމުމެއް ތަންފީޒު ކުރުމަށް އަހުމަދު އަލީ އެއްބާރުުން ނުދީގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮމިޝަންގެ މެމްބަރުންގެ ކަންކަން ކުރުމަށް ނިޒާލް ނަޒީރު (ކޮންޓްރެކްޓް ވަޒީފާގައި ހުރި) ހަމަޖައްސާފައި ހުންނަނީ. ނިޒާލަކީ ވަރަށް މަސައްކަތްތެރި ކުއްޖެއްގެ ގޮތުގައި ކޮމިޝަންގެ މެމްބަރުންނަށް ފާހަގަކުރެވިފައި ވަނީ. އެހެންވެ ކޮންޓްރެކްޓް ތިން މަހަށް ވުރެ އިތުރު ނުކުރަން ކޮމިޝަނުން ވަނީ ނިންމާފައި. ނަމަވެސް ކޮމިޝަންގެ ނިންމުންތައް ތަންފީޒު ނުކުރުމުން އަހުމަދު އަލީ ވަޒީފާ އިން ވަކިކުރަން ނިންމީ. އަޅުގަނޑުމެން ދެކެނީ ކޮންޓްރެކްޓް އާ ނުކޮށްދިނީ ޒާތީކަމެއްގައި ކަމަށް. އަހުމަދު އަލީ ޗުއްޓީގައި ހުރީމާ އޭނާ ވަޒީފާ އިން ވަކިކުރި ކަމުގެ ލިޔުން ހާވާލު ކުރާނީ ޗުއްޓީ ހަމަވެގެން ނުކުތުމަށް ފަހު،" ފާރޫގު ވިދާޅުވި އެވެ.

އަހުމަދު އަލީ ވަޒީފާ އިން ވަކިކުރި އިރު އެ ކޮމިޝަނަށް ކޮންޓްރެކްޓް އުސޫލުން ވަޒީފާ ދީފައިވާ އަހުމަދު ނިޒާލު ނަޒީރުގެ ކޮންޓްރެކްޓް ގަވާއިދާ ހިލާފަށް އާ ކުރަމުން ގެންދިޔަ މައްސަލައެއް އަހުމަދު އަލީ ވަނީ އެންޓި ކޮރަޕްޝަންސް ކޮމިޝަނަށް މިދިޔަ މަހު ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ އެކޮމިޝަނުން ވެސް ގެންދަނީ ބަލަމުންނެވެ.