މި އަހަރު ރޯދަ މަހު އެސްޓީއޯގެ ހުރިހާ ފިހާރައަކުން ވެސް ފިޔާ އަދި އަލުވި 10 ރުފިޔާ އަށް ކިލޯއެއް ގަންނަން ލިބޭނެ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.

އެސްޓީއޯ އިން ކޮންމެ މަހަކު އެއްފަހަރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މި އަހަރުގެ ރޯދަ މަހުގައި އެސްޓީއޯގެ ކޮންމެ ފިހާރަޔަކުން ވެސް ފިޔާ އަދި އަލުވި ކިލޯއެއް 10 ރުފިޔާ އަށް ލިބޭނެ ކަމަށާއި ބިސް ވެސް 1.50 ރުފިޔާ އަށް ލިބޭނެ ކަމަށެވެ.

އާޒިމް ވިދާޅުވީ ރޯދަ މަހަށް ހާއްސަކޮށް އަންނަ ފިޔާ، އަލުވި އަދި ބިހުގެ ފުރަތަމަ ޝިޕްމަންޓް ޖޫން މަހުގެ ފުރަތަމަ ހަފްތާތެރޭގައި ލިބޭނެ ކަމަށާއި އެތަކެތި ރަށްރަށަށް ފޮނުވުމުގެ އިންތިޒާމު ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ހަ ރޯދައާ ހަމަ އަށް އެސްޓީއޯ އިން އެ އަގުގައި ފިޔާ ބިސް އަދި އަލުވި ވިއްކާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މާލެ އިން ވެސް މެދުނުކެނޑި އެތަކެތި ލިބޭނެ ގޮތް ހެދުމަށް މާލޭގައި ހާއްސަ ގުދަނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޖޫން މަހުގެ މެދުތެރޭގައި އެ ގުދަން ނިމި އެތަނުގައި ތަކެތި ރައްކާކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. އަދި ޖޫން މަހު މެދުތެރޭގައި ދެވަނަ ޝިޕްމަންޓް ވެސް ލިބޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ޖޫން މަހު މެދުތެރޭގައި ދެވަނަ ޝިޕްމަންޓް ވެސް ލިބޭނެ. އެހާ ކުރިޔަށް ދެވަނަ ޝިޕްމަންޓް ގެނައުމުގެ ބޭނުމަކީ ރަށްރަށަށް ވެސް ފޮނުވަން ޖެހޭ ތަކެތި ކުރީބައިގައި ފޮނުވައި އެ ރަށްރަށުގެ ރަށްޔިތުންނަށް ވެސް ލިބޭނެ ގޮތް ހެދުން. އަދި އަޅުގަނޑުމެންގެ ފިހާރަތައް ނެތް ރަށްރަށުގައި ވެސް މެދުނުކެނޑި ފިޔާ އަލުވި ބިސް ލިބޭނެ އިންތިޒާމު ހަމަޖެހޭތޯ އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން." އާޒިމް ވިދާޅުވި އެވެ.

ރަށްރަށަށް ތަކެތި ޑިސްޓްރިބިއުޓް ކުރާ ފަރާތްތަކުން ވެސް ވީހާ ވެސް ހެޔޮ އަގެއްގައި އެތަކެތި ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް އާޒިމް އެދިވަޑައިގަތެވެ.