20 May 2014, 16:35
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އޭޕްރީލް މަހުގެ މައްޗަށް ސާފު ފައިދާގެ ގޮތުގައި 61 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯ އިން ކޮންމެ މަހަކު އެއްފަހަރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވީ މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް އެސްޓީއޯ އަށް ސާފުފައިދާގެ ގޮތުގައި 61 މިލިއަން ދިވެހި ރުފިޔާ ލިބިފައިވާ ކަމަށެވެ.
އާޒިމް ވިދާޅުވީ މިދިޔަ މަހުގެ ފައިދާއަކީ މިހާތަނަށް އެސްޓީއޯ އަށް މަހެއްގެ މައްޗަށް ސާފު ފައިދާގެ ގޮތުގައި އެހާ ބޮޑު އަދަދެއް ލިބުނު ފުރަތަމަ ފަހަރު ކަމަށާއި އެސްޓީއޯ އަށް އެހާ ބޮޑު ފައިދާއެއް ލިބުމުގެ އަސްލަކީ "ހަރަދު ކުޑަކުރުން" ކަމަށެވެ.
އެއާޕޯޓަށް ޖެޓް ފިއުލް ސަޕްލައި ކުރުމަށް އެމްއޭސީއެލްއާ އެކު އެސްޓީއޯ އިން މިދިޔަ އަހަރު ހެދި އެއްބަސްވުން އެސްޓީއޯ އިން ވަނީ ބާތިލުކޮށް އަލުން ސޮއިކޮށްފަ އެވެ. އެކަމާގުޅިގެން "ސަން" އިން މިއަދު ސުވާލު ދެންނެވުމުން އާޒިމް ވިދާޅުވީ އެ އެގްރީމެންޓްގައި އަލުން ސޮއިކޮށްފައި ވަނީ އޭރު އެގްރީމެންޓް ހަދާފައި އޮތީ އޭގެ މާބޮޑު ފައިދާއެއް އެސްޓީއޯ އަށް ނުވާ ގޮތަކަށް ކަމަށާއި އަލުން ސޮއިކުރީ އެއް އަހަރު ދުވަހުގެ މުއްްދަތަށް ކަމަށެވެ. އަދި ފަހުގެ އެގްރީމަންޓްގައި އަގުތައް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.