އެއީ އެދުވަހުގެ މެންދުރުގެ ހޫނުގަދަ ވަގުތެވެ. ދަރިފުޅު ގޮވައިގެން މަންމަ ދިޔައީ ސްކޫލަށެވެ. ހުދު ޔުނީފޯމުގައި އެ ކުޑަމަންޖެ ހުރީ، ވަރަށް ރީތިކޮށް ފެންވަރުވާ ނަލަކޮށްލާފައިކަން ކިތަންމެ ރީއްޗަކަށް ވެސް އެނގެއެވެ. މަންމަ ދިޔައީ ދަރިފުޅުގެ އަތުގައި ހިފާލައިގެން ކިތަންމެހައި ވެސް ލޯބިންނެވެ. ދެވުނީ ތަންކޮޅަކަށެވެ. ދަރިފުޅުގެ އެ ރީތި ހުދު ޔުނީފޯމު މުޅީން ޚަރާބުވެއްޖެއެވެ. ވީ ގޮތް އެނގުނީ ދަރިފުޅުގެ ފައިދޮށަށް ބަލައިލުމުންނެވެ. ދަރިފުޅުގެ ފައިކަރީގައި އޮތް މައިލޯ ހުސްޕަކެޓް ފެނުމުންނެވެ.

އެކުޑަމަންޖެ ހިނގާފައި އައި އައުމުގައި ފައިދޮށަށް ބަލައިނުލައި އާދެވުމުގެ ސަބަބުން މީހަކު ބޮއިފައި މަގުމައްޗަށް އެއްލާލައިފައި އޮތް މައިލޯޕެކެޓެއްގެ މައްޗަށް އެރުނީއެވެ. އެއާއެކު އޭގެ އެތެރޭގައި ހުރި މައިލޯތައް، އެއަށް ޖަހާފައިހުރި ހޮޅީގެ ތެރެއިން ދުނިޖެހީ އެ ކުއްޖާގެ ހުދު ޔުނިފޯމަށެވެ. ބޫޓާއި އިސްޓާކީނަށެވެ. ހުރިހައި އެއްޗެއް މައިލޯއިން "ކަޅި" ވެއްޖެއެވެ. ގަޑިޖެހޭކަށް ގިނަ ވަގުތެއް ނެތެވެ. އެހެންނަމަވެސް މަންމައަށް ޖެހުނީ އަނބުރައިލާށެވެ. ދަރިފުޅު ގޮވައިން ގެއަށްދާށެވެ. އެދުވަހު އެމަންޖެއަށް ސްކޫލަށް ދެވުނުކަމެއް ނުދެވޭކަމެއް ނޭނގެއެވެ.

އެކުވެރިއަކު މި ވާހަކަ ކިޔައިދިނުމުން ހިތަށް އެރިއެވެ. މިއީ މިއަދު މާލެއަކު އާކަމެއް ނޫނެވެ. ބޮއިފައި މަގުމައްޗަށް އުކާފައި ހުންނަ މިފަދަ ޕެކެޓުތައް މައްޗަށް އެރިގެން، އެތައް ބަޔަކަށް "ލަނޑު" ލިބިފައި އެބަހުއްޓެވެ. ހިތާމައަކީ ލަނޑު ލިބޭމީހާ ވެސް މިކަމަށް ނުވިސްނާ ކަމެވެ. ޕެކެޓް ނުވަތަ ދަޅުފަދަ އެއްޗެހި ބޮއިލުމަށްފަހު، އެ ހުރި ތަނަކުން މަގުމައްޗަށް އެއްލައިލާން ވީއެވެ. ނޫނީ މަގުގެ އެއްފަރާތެއްގައި ބަހައްޓާން ވީއެވެ. ކައިރީގައި ހުރި ސައިކަލުގެ ވަށިގަނޑަށް ވައްޓައިލުމަކީ ވެސް އާންމު ކަމެކެވެ.

މިހިރީ ހައްތާވެސް ހެދޭ ގޯހެވެ. މަގުގެ އެއްފަރާތުގައި ބެހެއްޓި ދަޅު ނުވަތަ ބޭއްވި ޕެކެޓް، އިރުކޮޅަކުން އޮންނާނީ މަގު މެދުގައެވެ. ހިނގާ ބިނގާވެ އުޅޭ މީހުންގެ ފައިދަށުވެފައެވެ. ސައިކަލުގެ ވަށިގަނޑުގައި އޮންނަ ފުޅި ނުވަތަ ޕެކެޓް، ސައިކަލަށް އަރާ މީހާ ވައްޓައިލާނީ މަގުމައްޗަށެވެ. އެ ވެސް ފައިދަށުވީއެވެ.

"ކުނި މެނޭޖްކުރުމާބެހޭ ގަވާއިދު" ގެ ނަމުގައި ގަވާޢިދެއް ގެޒެޓްކޮށް، މިދިޔަ ފެބުރުއަރީމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އަންނަނީ، އެގަވާއިދަށް އަމަލުކުރަމުންނެވެ. އެޤަވާއިދުގައި ބުނާގޮތުން ކުނިގޮނޑު އަދި ޑަސްބިން ފަދަ ތަންތަން ފިޔަވައި އެހެނިހެން ތަންތަނަށް ކުނިއެޅުމަކީ މަނާކަމެކެވެ. މިއާ ޚިލާފަށް ކުނިއަޅާ ފަރާތްތައް 100 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ.

ސުވާލަކީ މިޤަވާއިދު މިގޮތަށް ހަމަޖެއްސުމުން، ކުނިއަޅާ މީހުންގެ އެ އަމަލަށް ބަދަލެއް އާދޭބާވައެވެ؟ މަގުތަކުން ފެންނަ ކުނީގެ މިންވަރު މަދުވޭބާވައެވެ؟ ކުނި ކަރުދާސްތަކާއި، ހުސްކޮށްފައި ހުންނަ ސިނގިރެޓްފޮށްޓާއި، ފިލިޓަރާއި، ސްޕާރީކަރުދާހާއި، ހުސްފުޅިއާއި، ދަޅުފަދަ ތަކެއްޗާއި، މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އެތައް އެއްޗެއް މަގުތަކުގައި ހުންނަނީ ގިނަވެފައެވެ. ފައިދަށުވާށެވެ.

އެބަޔެއްގެ ރަށާއި ގައުމު ރީތިކޮށް ބާއްވަން މަސައްކަތް ކުރާނީ އެބަޔަކު އަމިއްލައަށެވެ. ސަރުކާރުން ޤަވާއިދެއް ހަދަން ޖެހެނީ، އެބަޔަކުގެ އަމަލުތައް ހުންނަގޮތެއްގެ ސަބަބުންނެވެ. ކަންކަން ގޯހުންގޯހަށް ދާން ފެށުމުންނެވެ. ކުނީގެ މައްސަލައަށް ވެސް ޤަވާއިދެއް ހަދައި، އެޤަވާއިދު ހަރުކަށި ކުރާން ޖެހިފައިވަނީ، މިދެންނެވިހެން ވެގެންނެވެ. އަތުޖެހުނު އެއްޗެއް، ޖެހުނު ތަނަކަށް އުކާން ފެށުމުންނެވެ. މަގުތަށް "ގޮނޑަކަށް" ވެދާނޭކަމުގެ ބިރު ހީވުމުންނެވެ. އެހެންނަމަވެސް، އަދިވެސް މިކަމަކަށް އެކަށީގެންވާ ޙައްލެއް އަންނަކަމަކަށް ނުފެނެއެވެ. މައްސަލައަކީ ކޮބައިބާވައެވެ؟ ބަލަންވާ ވަރަށް ނުބެލެނީ ބާވައެވެ؟

ހަމަ ކަށަވަރުން ވެސް، ރީތިގޮތް ކޮންމެ މީހަކަށް ވެސް ރީތިވާނެއެވެ. ރީތި ތަންތަން ރީތިވާ އުޞޫލުންނެވެ. އަހަމަ އެހެންމެ، ސާފުތާހިރުކޮށް ތަންތަން ހުންނަ ނަމަ، އެ ލިބޭ ހިތްހަމަޖެހުން، އެތަނެއްގައި އުޅޭ ކޮންމެ މީހަކަށް ވެސް ލިބޭނެއެވެ. އިންޑިޔާއަށް ގޮސްފައި އައިސް، އިންޑިޔާގެ މަގުތަކުގެ މުޑުދާރު ވާހަކަ ދިވެހިން ދައްކާއަޑު އަހަމެވެ. ރީތި ކަމަކަށް، މޮޅުކަމަކަށް ވެގެނެއް ނޫނެވެ. ފޫއްސާއި ނުރުހުމުގެ ރާގުގައެވެ. މި މާލެއަކީ ދުނިޔޭގެ އެތައް މިތަނުން އެތައްބަޔަކު އައިސް ގޮސްވާ ފަސްގަނޑެކެވެ. އެމީހުން އެމީހުންގެ ގައުމަށް ގޮސްފައި، ދިވެހީން އިންޑިޔާގެ ވާހަކަ ދައްކާ އުޞޫލުން، މާލޭގެ ވާހަކަ ދައްކާނަމަ، އެއީ ހަމަ ކޮންމެ ދިވެއްސަކަށް ވެސް ލިބޭ ހުތުރެކެވެ.

އެހެންކަމުން މިފަދަ ކަންކަމާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނާން އެބަޖެހެއެވެ. ތަރައްޤީއަކީ ހަމަ އެކަނި ލާ އަންނައުނާއި، ގެންގުޅޭ ތަކެތީން ފެންނާންޖެހޭ އެއްޗެއް ނޫނެވެ. ކިޔަވާ އެއްޗަކާއި އުޅޭ ވަޒީފާއިން ފެންނާންޖެހޭ އެއްޗެއް ވެސް ނޫނެވެ. އުޅޭ މާޙައުލާއި، އެ ތަނެއްގައި އުޅޭ އުޅުމާއި މިފަދަ ކޮންމެ ކަމަކުން ވެސް، މިކަންކަން ފެންނާން ޖެހެއެވެ. ސިންގަޕޫރުގެ ރައްޔިތުންގެ އެންމެ ބޮޑު ފަޚުރަކީ އެ ގައުމުގެ ސާފުތާހިރުކަމެވެ. އެގައުމަށް ގޮސްފައި އަންނަ މީހުންވެސް، އެންމެ ފުރަތަމަ ދައްކާ އެއް ވާހަކައަކީ އެ ގައުމުގެ ސާފުތާހިރުކަމުގެ ވާހަކައެވެ. މި ޝަރަފާއި ފަޚުރު އެޤައުމުގައި ދަމަހައްޓަނީ އެ ގައުމުގެ ރައްޔިތުންނެވެ. އެހެން ބަޔަކު ނޫނެވެ.