20 May 2014, 16:02
ޓީޗަރުންނަށް އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ފަންޑުން ހަރަދުކޮށްގެން އިމާރާތްކުރި "އެދުރުހިޔާ" އިން ފްލެޓް ލިބޭ މީހުންނަށް އަންނަ މަހު ފެލްޓް ހަވާލުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލް މިއަދު "ސަން" އަށް ވިދާޅުވީ، ފުލެޓްތަކަށް ކުރިމަތިލި 405 މީހުންގެ ތެރެއިން ހަތް މީހެއްގެ ފޯމް ބާތިލުކޮށް 398 މީހަކަށް ޕޮއިޓް ލިބިފަވާ ގޮތް އިއްޔެ ގެޒެޓް ކޮށްފައިވާނެ ކަމަށެވެ.
އެގޮތުން މިހާރު ކުރިއަށް ދަނީ، އެދުރުހިޔާގެ ފްލެޓަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޕޮއިންޓް ލިބިފައިވާ ގޮތާ ގުޅޭ ގޮތުން ޝަކުވާއެއް އޮތް ނަމަ އެ ޝަކުވާއެއް ބެލުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިއްޔެ އިން ފެށިގެން އަންނަ ހަފުތާގެ އާދީއްތަ އާ ހަމައަށް ބަންދު ނޫން ކޮންމެ ދުވަހަކު ލިޔުމަކުން އެޑިއުކޭޝަން މިނިސްޓްރީ އަށް ޝަކުވާ ހުށަހެޅޭނެ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޝަކުވާތަކަށް ބަލައި މި މަސް ނިމުމުގެ ކުރިން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތައް އިއުލާން ކުރާނެ ކޮށް އެ މީހުންގެ މެދުގައި އެޕާޓްމަންޓްތައް ބެހުމުގެ ގުރުއަތުލުން ބާއްވާނެ ކަމަށެވެ. އަދި ވިދާޅުވީ، އަންނަ މަހުގެ ފުރަތަމަ ދުވަހު ފްލެޓްތައް ހަވާލުކުރެވޭނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ފްލެޓްތަކަށް ފޯމް ހުށަހެޅި މީހުންނަށް މާކްސް ދީފައި ވަނީ ސަރުކާރުގެ ކަމާއި ގުޅޭ އެކި އިދާރާތައް ހިމެނޭ ގޮތަށް އެކުލަވާލި ކޮމެޓީއަކުން ކަމަށެވެ.
ފޯމްތަކަށް މާކްސް ދިނުމުގައި ތައުލީމީ ދާއިރާގައި ހިދުމަތްކުރި މުއްދަތަށާއި އެ މީހެއްގެ ތައުލީމީ ފެންވަރުގެ އިތުރުން ދަރިން ތިބި އަދަދާއި ނުކުޅެދުންތެރިކަން ހުރި ކުދިން ތިބި އަދަދު ކަހަލަ ދާއިރާތަކަށް ބަލާފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އެދުރުހިޔާ އަށް އެދުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލީ، މިއަހަރުގެ ފެބްރުއަރީ 16ގަ އެވެ. އަދި އެ ފްލެޓަށް އެދުމުގެ ފުރުސަތު މާޗް މަހުގެ 13 ވަނަ ދުވަހަށް ހުޅުވާލާ، ވަނީ ދެ ފަހަރެއްގެ މަތިން ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ފަންޑުން 36 މިލިޔަން ރުފިޔާ އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ލޯންގެ ގޮތުގައި 26 މިލިޔަން ރުފިޔާއާ އެކު ޖުމްލަ 62 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކޮށްފައިވާ 10 ބުރީގެ އެދުރުހިޔާގައި ހިމެނެނީ، އެއް ކޮޓަރީގެ 18 އެޕާޓްމަންޓަކާއި ދެ ކޮޓަރީގެ 62 އެޕާޓްމަންޓެކެވެ.
އޭގެ ތެރެއިން، ޓީޗަރުންނާއި އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުންގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގައި ހިދުމަތްކުރާ ފަރާތްތަކަށް ދޫކުރަން ހަމަޖައްސާފައި ވަނީ 75 އެޕާޓްމަންޓެވެ. އެއީ އެއް ކޮޓަރީގެ 15 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 60 އެޕާޓްމަންޓެވެ.
ބާކީ ފަސް އެޕާޓްމަންޓަކީ އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުމަށް ގެންނަ ތައުލީމީ ދާއިރާގެ މީހުން ބޭތިއްބުމަށް ހާއްސަ އެޕާޓްމަންޓްތަކެކެވެ.