އީރާނުން ނިއުކްލިޔަ ބޮމެއް އުފެއްދުމަށް އަދިވެސް ތިން އަހަރު ނަގާނެކަމަށް ބުނެ އިސްރާއީލުގެ އިސް މަސްއޫލުވެރިއަކު އިއްޔެ ވާހަކަ ދައްކަވައިފި އެވެ. އިސްރާއީލުގެ ސްޓްރެޓީޖިކް ކަންތައްތަކާބެހޭ ވަޒީރު މޮޝޭ ޔުޢާލޫން ވިދާޅުވީ ނިއުކްލިޔަ ހަތިޔާރެއް އުފެއްދުމުގައި އީރާނަށް ފަންނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާކަމަށާއި މިމައްސަލަތައް ޙައްލުކުރުމަށްފަހު ނިއުކްލިޔަ ހަތިޔާރެއް އީރާނަށް އުފެއްދޭވަރުވާނީ އަދިވެސް ތިން އަހަރެއްހާ ދުވަސް ފަހުންނެވެ.


މިއީ އީރާނުން ނިއުކްލިޔަ ހަތިޔާރު އުފެއްދުމާބެހޭ ގޮތުން އިސްރާއީލުގެ މަސްއޫލުވެރިން ވާހަކަ ދައްކަވާ ފުރަތަމަ ފަހަރެއް ނޫނެވެ. މިމައްސަލާގައި އިސްރާއީލުގެ މަސްއޫލުވެރިން އެކިފަހަރު އެކިގޮތަށް ވާހަކަ ދައްކަވަމުން ގެންދަވަ އެވެ. އީރާނުން އެއްއަހަރު ދުވަހުގެ ތެރޭގައި ނިއުކްލިޔަ ބޮމެއް އުފައްދާނެ ކަމަށް އިސްރާއީލުން ބުނިތާވެސް މިހާރު ތިން އަހަރުވެއްޖެ އެވެ. އަދި އީރާނުން ދެއަހަރު ތެރޭގައި ނިއުކްލިޔަ ހަތިޔާރެއް އުފައްދާނެ ކަމަށް އިސްރާއީލު ބުނިތާވެސް މިހާރު ދެއަހަރު ވެއްޖެއެވެ. އަދި އީރާނުން ހަތަރު އަހަރު ތެރޭގައި ނިއުކްލިޔަ ހަތިޔާރު އުފައްދާނެ ކަމަށް ބުނެ 2004 ގައި ވެސް އިސްރާއީލުގެ މަސްއޫލުވެރިން ވާހަކަ ދައްކަވާފައި ވެއެވެ.


އެމެރިކާގެ މަސްއޫލުވެރިންވެސް މިމޭރުމުން ވާހަކަ ދައްކަވާފައި ވެއެވެ. އީރާނުން ދެއަހަރު ތެރޭގައި ނިއުކްލިޔަ ހަތިޔާރެއް އުފައްދާނެ ކަމަށް އެމެރިކާގެ ކުރީގެ ދިފާޢީ ވަޒީރެއް ކަމަށްވާ ޑޮނަލްޑް ރަމްސްފެލްޑް 2006 ގައި ވިދާޅުވެފައި ވެއެވެ. އެއަށްފަހު މިއާ ފުށުއަރާ ގޮތްގޮތަށް އެމެރިކާގެ އެކި މަސްއޫލުވެރިން އެކިފަހަރުމަތިން ބަޔާންތައް ދެއްވާފައި ވެއެވެ


މިއަހަރުގެ ކުރީކޮޅުވެސް އީރާނުން އެއްއަހަރު ތެރޭގައި ނިއުކްލިޔަ ހަތިޔާރެއް އުފައްދާނެ ކަމަށް އެމެރިކާގެ މިހާރުގެ ދިފާޢީ ވަޒީރު ރޮބަޓް ގޭޓްސް ވިދާޅުވެފައިވެއެވެ. އަދި އިސްރާއީލުގެ ބައެއް މަސްއޫލުވެރިންވެސް މިއަހަރު ކުރީކޮޅު މިމޭރުމުން ވާހަކަ ދައްކަވާފައިވެއެވެ. ނަމަވެސް އެންމެފަހުން އިސްރާއީލުގެ ކުރީގެ ސިފައިންގެ ޗީފް އޮފް ސްޓާފް އަދި މިހާރުގެ ސްޓްރެޓީޖިކް އެފެއާޒް މިނިސްޓަރ މޯޝޭ ޔުއަލޫން އިއްޔެ ވިދާޅުވީ ނިއުކްލިޔަރ ހަތިޔާރެއް އުފައްދަން އީރާނަށް މަދުވެގެން އަދި ތިން އަހަރުގެ މުއްދަތެއް ބޭނުންވާނެ ކަމުގައެވެ.


އެމެރިކާ އާއި އިސްރާއީލުގެ މަސްއޫލުވެރިންގެ ވާހަކަތަކަށް ބަލާއިރު ދެކަމެއް ފާހަގަ ކުރެވެއެވެ. ފުރަތަމަ ކަމަކީ މި ދެޤައުމަށްވެސް އީރާނުގެ ނިއުކްލިޔަ ޕްރޮގްރާމާބެހޭ މަޢްލޫމާތު އެކަށީގެންވާ މިންވަރަށް ނޭންގުމެވެ. ދެވަނަ ކަމަކީ ސިޔާސީ ބޭނުންތަކަށްޓަކައި އެފަހަރަކު ބޭނުންވާ ގޮތަކަށް އީރާނުގެ ނިއުކްލިޔަ ޕްރޮގްރާމާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ. އީރާނުގެ ނުރައްކާ ބޮޑުކަން އަންގަންވެއްޖެ ޙާލަތެއްގައި އީރާނުން އެއްއަހަރު ތެރޭގައި ނިއުކްލިޔަ ހަތިޔާރު އުފައްދާނެ ކަމަށް ބުނެއެވެ. އަދި އީރާނާދެކޮޅަށް ރާވާފައިވާ ކަންތައްތައް ތަންފީޒުކުރެވޭގޮތް ނުވެއްޖެނަމަ އިސްރާއީލުގެ ރައްޔިތުންނާއި އިދިކޮޅު ފަރާތްތައް ރުއްސުމަށްޓަކައި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމްވަނީ ތަންކޮޅެއްގައި ފަހަތުގައިކަމަށްބުނެ ބަޔާންތައް ނެރެއެވެ.


އިސްރާއީލުގެ ސްޓްރެޓީޖިކް ކަންތައްތަކާބެހޭ ވަޒީރު މޯޝޭޔުޢާލޫން އިއްޔެ އިރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާބެހޭގޮތުން ދެއްވި ބަޔާނަކީ ދުނިޔޭގެ ބޮޑު ފަސްބާރާއި ޖަރުމަނުން އީރާނާއެކު ނިއުކްލިޔަ ވާހަކަތައް ކުރިޔަށްގެންދާތީ އީރާނާ ދެކޮޅަށް ޢަސްކަރީ ފިޔަވަޅު އެޅުމުގައި އިސްރާއީލު ގެންގުޅޭ ސިޔާސަތު ތަންފީޒު ކުރެވޭނެގޮތެއް މިހާރު ނެތުމުން އިސްރާއީލުގެ އެތެރޭން އިސްރާއީލުގެ ސަރުކާރަށް ކުރިމަތިވާ ފިއްތުންތަކާ ގުޅިގެން ދެއްވި ބަޔާނެއް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.


އަނެއްކޮޅުން މެދުއިރުމަތީގެ ސުލްޙައިގެ ކަންތައްތައްވެސް ނާކާމިޔާބުވީ އިސްރާއީލުގެ ސަބަބުން ކަން އަދުގެ ދުނިޔެ ދަނެއެވެ. މީގެއިތުރުން ހިފާފައިވާ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް އިސްރާއީލުން ގެންގުޅޭ ހަރުކަށި އަދި ޣައިރު ޤާނޫނީ ސިޔާސަތުގެ ސަބަބުންނާއި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ހިފައިގެންދާ ސުލްހައިގެ އެކްޓިވިސްޓުންނާ ދެކޮޅަށް އިސްރާއީލުން ގެންގުޅޭ އިސްވެ ޙަމަލާދީ މީހުން މެރުމުގެ ސިޔާސަތުގެ ސަބަބުން އިސްރާއީލުވަނީ ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ވަރަށް ބޮޑަށް ކުށްވެރިވެ އެކަހެރިވެފަ އެވެ. އެހެންކަމުން އިރާނުން ނިއުކްލިޔަ ބޮން ހަދާވާހަކަ ދައްކައިގެން މަސްރަޙް ހޫނުކުރުމަށް އިސްރާއީލުން ދައްކާވާހަކަ ޤަބޫލުކުރަން ބައިނަލްއަޤްވާމީ މުޖްތަމަޢަށް މިހާރު ފަސޭހައެއް ނުވާނެއެވެ. ނަޖީޖާއެއްގެ ގޮތުން އިސްރާއީލަށް ސިޔާސީގޮތުން މިހާރު އެންމެ ރަނގަޅުވާނީ އީރާނުގެ ނިއުކްލިޔަ ޕްރޮގްރާމް ކުރިޔަށް ނުދާވާހަކައާއި އީރާނަށް ކައިރި މުސްތަޤްބަލެއްގައި ނިއުކްލިޔަ ހަތިޔާރު ނުއުފެއްދޭނެ ވާހަކަ ދެއްކުމެވެ.


ނަމަވެސް މިނޫން ގޮތަކަށް މަސްރަޙް ބަދަލުވެއްޖެނަމަ ހައެއްކަ މަސްދުވަހުގެ ތެރޭގައި ނޫނީ އެއަށްވުރެވެސް އަވަހަށް އީރާނުން ނިއުކްލިޔަ ހަތިޔާރެއް އުފައްދާނެ ވާހަކައާއި އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމުގެ ވަގުތު ފާއިތުވަމުންދާ ކަމުގެ ވާހަކަތަކެއް އިސްރާއީލުން ދައްކަންފެށުމަކީ އެކަށީގެންވާ ކަމެކެވެ.