ބޮރޫސިއާ ޑޯޓްމަންޑްގެ ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީ، ބަޔާން މިއުނިކާ ގުޅުނީ ކާމިޔާބީ ހޯދުމަށް ކަމުގައި އޭނާ ބުނެފި އެވެ.

ޕޮލެންޑް ފޯވަޑް ޑޯޓްމަންޑް ދޫކޮށްލުމަށް ނިންމީ، އެ ކްލަބާ އެކު ކާމިޔާބީ ހަތަރު އަހަރު ހޭދަކުރުމަށް ފަހު އެވެ. އެ މުއްދަތުގެ ތެރޭގައި ޑޯޓްމުންޑާ އެކު އޭނާ އަށް ވަނީ ޖަރުމަން ލީގު ދެ ތަށި ކާމިޔާބުކުރެވިފަ އެވެ. އެ ކާމިޔާބީތަކަށް ފަހު، މިހާރު ލެވަންޑޯސްކީގެ ވިސްނުން ހުރީ އިތުރު ކާމިޔާބީތަކެއް ހޯދުމަށެވެ.

"ބޮޑެތި މުބަރާތްތައް ކާމިޔާބުކޮށް، ގިނަ ތަށިތަކެއް ހޯދުމަށް އަހަރެން ދެކޭ ހުވަފެނެއް،" ލެވަންޑޯސްކީ ބުންޏެވެ. "ބަޔާނުގައި ހުރެ އެކަން ވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،"

މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ޖަރުމަން ކަޕުގެ ފައިނަލުގައި ބަޔާން އަތުން ޑޯޓްމަންޑް ބަލިވީ 2-0 ލަނޑުންނެވެ. ޑޯޓްމަންޑަށް އެ ތަށި ގެއްލުމުން އެންމެ ބޮޑު ދެރައެއް ލިބުނު އެއް ކުޅުންތެރިއަކީ ލެވަންޑޯސްކީ އެވެ.

"މެޗަށް ފަހު ވަރަށް ދެރަވި. އަހަރެން ޑޯޓްމަންޑް ދޫކޮށް ދާން ބޭނުންވީ ކާމިޔާބަކާ އެކު. އަހަރެމެންނަށް ދެ ޖަރުމަން ލީގާއި އެއް ޖަރުމަން ކަޕު ކާމިޔާބުވި. އަދި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ދަތުރުކުރިި. އެ ކާމިޔާބީތައް އަހަރެންގެ ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެ. އެއީ އުފާވެރި ދުވަސްތަކެއް،" އުމުރުން 25 އަހަރުގެ ލެވަންޑޯސްކީ ބުންޏެވެ.