ތައިލޭންޑުގެ އަންހެނުންތަކެއް ގެނެސްގެން ފައިސާ އަށް ހަށިވިއްކުވި މީހަކު ހަތަރު އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ހ. ފެލަޑެލްފިޔާ އަބްދުއްލަތީފް އަލީ ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުމް ކުރީ ފައިސާ ހޯދުމުގެ ބޭނުމުގައި އަންހެނުންނާއި ފިރިހެނުން ބަދުއަޚުލާގީ އަމަލު ހިންގުމަށް ޖާމިނުކުރުވުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ.

އެ ކުށް އަބްދުއްލަތީފު ކުރުވިކަން ކަށަވަރު ކުރެވޭ ޝަރުއީ އަދި ގާނޫނީ ގޮތުން ސައްޚަ ކާފީހެއްކެއް ގަރީނާއެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް އޭނާ ވަނީ ހައިކޯޓުގައި އެދިފަ އެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ހެކިބަސްދީފައި ވަނީ އަބްދުއްލަތީފާ އެކު މަސައްކަތްކުރި ތައިލޭންޑުގެ ރައްޔިތުން ކަމަށާއި ހެކިބަހަށް ބަލާއިރު، އެމީހުން މަސައްކަތް ކުރީ އަބްދުއްލަތީފްގެ ގެ ކަމަށްވާ، ހ.ފެލަޑަލްފިޔާގޭގައި ހުންނަ "ސޮންޑޮބޮން ބިޔުޓީ ކެއާރ ސެލޫންގައިކަން އެނގެން އޮންނަ ކަމަށެވެ. އަދި އެތަނުގައިކުރާ މަސައްކަތަކީ ބަދުއަޚްލާގީ އަމަލު ހިންގުމާއި، މަސާޖް ކުރުންކަމަށާއި ބަދުއަޚްލާގީ އަމަލު ހިންގައިގެން ފައިސާ ހޯދުމަށް އަބްދުއްލަތީފް އަންގާފައިވާކަން ތައިލޭންޑުގެ މީހުން ދީފައިވާ ހެކިބަހުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ މިފަދަ ހެކިވެރިއެއްގެ ހެކިބަހަކީ އެހެކިބަހުން އެކަނި ޖިނާއީ މައްސަލަތައް ސާބިތުކުރުމަށް ފުދޭ ދަލީލެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ކަނޑައަޅާފައިވާއިރު، އެފަދަ ހެކިތަކުގެ އިތުރަށް އިތުރު ގަރީނާތަކެއް ހުރިނަމަ، ހެއްކާ ގަރީނާތަކުގެ މައްޗަށް ބިނާކޮށް މައްސަލަ ސާބިތުކުރެވިދާނެ ކަމަށް އެ ގަޒިއްޔާ ބެލުމުން އެނގެން އޮންނަ ކަމަށެވެ.

އަބްދުއްލަތީފްގެ މައްސަލަގައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ ތައިލޭންޑުގެ މީހުން ދީފައިވާ ހެކިބަހުގެ މައްޗަށް އެކަނި ބެލުމަށްފަހު ނޫން ކަމަށާއި، އެމީހުންގެ ހެކިބަސްތަކުގެ އިތުރުން ޝަރީއަތަށް ހުށަހެޅިފައިވާ ގަރީނާތަކަށް ވެސް ހުކުމްކުރި އިރު ރިއާޔަތްކޮށްފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.