އޭއެފްސީ ޗެލެންޖް ކަޕުގައި މިއަދު ހަވީރު އައްޑޫ ސްޓޭޑިއަމްގައި ކުޅޭ ފުރަތަމަ މެޗް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބް އައްޑޫ ސިޓީއަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު މިއަދު ސަން އަށް ވިދާޅުވީ އައްޑޫގައި ކުޅޭ މެޗް ބައްލަވާލެއްވުމަށް ރައީސާއި ނައިބް ރައީސްގެ އައްޑޫ ސިޓީ އަށް ވަޑައިގެންނަވާނީ ވަކިވަކިން ކަމަށެވެ.

ރައީސާއި ނައިބް ރައީސް އައްޑު އަށް ކުރައްވާ ދަތުރުފުޅަކީ މެޗު ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅަކަށް ވާތީ އިތުރު އެއްވެސް ކަމެއް އެ ދަތުރުފުޅުގައި ޝެޑިއުލްކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ރާއްޖޭގެ ތާރީހުގައި ވެސް އަތޮޅު ތެރޭގައި މިހާ ބޮޑު މެޗެއް ކުޅޭ ފުރަތަމަ ފަހަރު. އެހެންވެ ރައީސާއި ނައިބް ރައީސް ވަޑައިގެންނަވަނީ ހަމައެކަނި އެ މެޗް ބަލައިލައްވަން،" ރައީސް އޮފީހުގެ ތަރުޒަމާނު ވިދާޅުވި އެވެ.

އައްޑޫ ސްޓޭޑިއަމްގައި މިއަދު ހަވީރު ތުރުކުމެނިސްތާނާއި ލާއޮސް ކުޅޭ މެޗު ބައްލަވާލެއްވުމަށް ފަހު ރައީސާއި ނައިބް ރައީސް މާދަމާ ހެނދުނު މާލެ ވަޑައިގެންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.