20 May 2014, 14:56
މިޔަންމާއާ ދެކޮޅަށް ރޭ ކުޅުނު މެޗުން ބަލިވީ، ލާއޮސް އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން މޮޅުވެ، އޯވާ ކޮންފިޑެންޓް ވެގެން ނޫން ކަމަށް ގައުމީ ޓީމުގެ މެނޭޖަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މަހްލޫފް ވިދާޅުވީ ރޭގެ މެޗުން ހީނުކުރާ ވަރުގެ ކުޅުމެއް މިޔަންމާގެ ޓީމުގެ ފަރާތުން ފެނިގެންދިޔަ ކަމަށެވެ. އަދި އެއީ ބޮޑު ޕްރެޝަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
~
"އަޅުނގަޑު ގަބޫލެއް ނުކުރަން ލާއޮސް މަޗެ ކުޅެފަ ރޭގަ އޯވާ ކޮންފިޑެންޓް ވެގެން ގޮސް ބަލިވީކީ ކަމަކަށް. ގަބޫލުކުރާ އެއް ފެކްޓާ އެއީ މިޔަންމާ ޓީމު ވަރުގަދަވުން. ގައުމީ ޓީމަށްވުރެ ރޭންކިންގެ ގޮތުން ދަށުގަ ފެންނަން އޮތަސް. ރޭގަ ދެއްކި ކުޅުމަކީ މި ސަރަހައްދަށް ބަލާނަމަ ސިންގަޕޫރު ތައިލޭންޑް ވަރުގަދަ ޓީމެއްގެ ގޮތުގައި ފެނިގެންދިޔައީ. އެއީ ވަރަށް ބޮޑު ސަޕްރައިޒެއް. ވަރަށް ބޮޑު ޕްރެޝަރެއް،" މަހްލޫފް ވިދާޅުވި އެވެ.
އިއްޔެ ރާއްޖޭގައި ފެށި އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް ބީގައި ހިމެނޭ ލާއޮސްއާ ދެކޮޅަށް ގައުމީ ޓީމު އެކުވެރިކަމުގެ މެޗެއް ކުޅެފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ލާއޮސް އަތުން އެ މެޗު ރާއްޖޭގެ ގައުމީ ޓީމު ކާމިޔާބު ކުރީ 7-1 ލަނޑުންނެވެ.
ރޭގެ މެޗުގައި ކޯޗު ގެނައި ބަދަލުތަކާ މެދު ހިތްހަމަޖެހޭ ކަމަށް ފާހަގަކުރައްވައި މެނޭޖަރު ވިދާޅުވީ، ކޮންމެ މެޗެއްގައި ވެސް ގޯސް ހެދޭނެ ކަމަށާއި ނަމަވެސް އެ ގޯސްތައް ބަލައި ރަނގަޅުކުރުން އެއީ ރަނގަޅު ގޮތް ކަމަށެވެ. އަދި ރޭގެ މެޗަށްފަހު ގައުމީ ޓީމުގެ ކުޅުންތެރިން މާދަމާ އޮންނަ މެޗަށް އަމިއަލައަށް ތައްޔާރުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވީ، ރޭގެ މެޗުން ބަލިވި ނަމަވެސް މުބާރާތާއި މެދު އުއްމީދު ކަނޑާ ނުލާ ކަމަށެވެ. އަދި ރާއްޖޭގެ ޓީމަށް އަދިވެސް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް މެނޭޖަރު ވިދާޅުވި އެވެ.
"އެކަމަކު އާ ހިތްވަރަކާއި އެކީ އާ އަޒުމަކާއި އެކީ ސަޕޯޓަރުންގެ އެއްބާރުލުމާއި އެކީގައި އިރާދަކުރެއްވިއްޔާ މާދަމާ ކިރްގިސްތާން ބަލިކޮށް ދެން އޮތް މެޗުން ފަލަސްދީން ބަލިކޮށް ސެމީ ފައިނަލުގައި ދިއުމަށް އަޒުމުގައި މިތިބީ،" މެނޭޖަރު ވިދާޅުވި އެވެ.
އިއްޔެ ރާއްޖޭގައި ފެށި އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް އޭގެ ދެވަނަ މެޗުން މިޔަންމާ އަތުން ރާއްޖެ ބަލިވީ 2-3 ލަނޑުންނެވެ. އިއްޔެ ވަނީ ގްރޫޕް އޭގަ ހިމެނޭ ކިރްގިސްތާން އާއި ފަލަސްދީންގެ މެޗެއްވެސް ކުޅެފަ އެވެ. އެ މެޗް ކާމިޔާބުކުރީ 1-0 ފަލަސްދީނެވެ.
މުބާރާތުގައި ދެން ރާއްޖެ ކުޅޭ މެޗެއް އޮންނާނީ މާދަމާ ކިރްގިސްތާން އާއި ދެކޮޅަށެވެ. އަދި އެއަށްފަހު 23 ވަނަ ދުވަހުގެ ރޭ ރާއްޖެ ނުކުންނާނީ ފަލަސްދީނާ ދެކޮޅަށެވެ.