20 May 2014, 14:48
މެލޭޝިއާ އެއާލައިންގެ ގެއްލިފައިވާ މަތިންދާބޯޓް އެމްއެޗް 370 (ނުވެއްޓި) ކޮންމެވެސްތަނެއްގައި ވެއްޖެ ކަމަށާއި އެ ބޯޓްގައިވާ މެލޭޝިއަން އެއާލައިންގެ ފާހަގަތައް ފުހެލާފައި ވެދާނެ ކަމަށް މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މާހާތީރު ބިން މުހައްމަދު ވިދާޅުވެއްޖެ އެވެ.
މަހާތީރު މިހެން ވިދާޅުވީ އަމިއްލަފުޅު ބްލޮގް "ޗެޑެޓް"ގައި "ބޯއިން ޓެކްނޮލޮޖީ: ވަޓް ގޯސް އަޕް މަސްޓް ކަމް ޑައުން" ("ބޯއިން ޓެކްނޮލޮޖީ: މައްޗަށް ދާ އެއްޗެއް ތިރިއަށް އަންނަން ޖެހޭނެ) މި ސުރުހީގެ ދަށުން ލިއުއްވާފައިވާ ލިއުއްވުމެއްގަ އެވެ.
"ކުނިބުނި ފެނޭތޯ، ނުވަތަ ކަނޑަށް އެޅިފައިވާ ތެޔޮ ފެނޭތޯ ބެލުމަކީ ނުވަތަ ކަޅުފޮށީގެ ޕިންގްސް އަޑުއިވޭތޯ ބެލުމަކީ ވަގުތާއި ފައިސާ އިސްރާފު ކުރުމެވެ. އެންމެ ބޮޑަށް ބެލެވެނީ މިއީ ތެޔޮ ހުސްވެގެން ވެއްޓުނު އާދައިގެ ވެއްޓުމެއް ނޫން ކަމަށެވެ. މަތިންދާބޯޓް ކޮންމެވެސް ތަނެއްގައި އެބަވެ އެވެ. އެމްއޭއެސްގެ ފާހަގަތައް ފަހަރެއްގައި ފުހެލާފައި ވެދާނެ އެވެ،" މަހާތީރު ލިއުއްވާފައިވެ އެވެ.
މަހާތީރު ލިއުއްވާފައި ވަނީ މަތިންދާބޯޓެއްގެ ޕައިލޮޓުންގެ އަތުން ހުރިހާ ކޮންޓްރޯލެއް ނަގައި، މަތިންދާބޯޓް އުފެއްދި ފަރާތުން ކުރިން ކަނޑައަޅާފައިވާ ތަނަކަށް އޮޓަމެޓިކުން ތިރިކުރާ ފަދަ ޓެކްނޮލޮޖީއެއްގެ ޕެޓެންޓް ބޯއިން އަށް 2006 ވަނަ އަހަރު ލިބިފައިވާ ކަމުގެ މައުލޫމާތު އިންޓަނެޓުން ލިބިވަޑައިގެންފައިވާ ކަމަށެވެ. އެމައުލޫމާތު ހޯއްދެވި ލިއުމާ ހަވާލާދެއްވައި އަދި ލިއުއްވާފައި ވަނީ ޕައިލޮޓް އަމިއްލައަށް ނުވަތަ ސެޓެލައިޓް ނުވަތަ ރޭޑިއޯ ސިގްނަލްގެ އެހީގައި އެސިސްޓަމް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. އަދި ލިއުއްވާފައި ވަނީ ޓެރަރިސްޓުން ބޯޓަކަށް ގަދަވެގަންނަން އުޅޭ ހާލަތުގައި ސީއައިއޭ ފަދަ ސަރުކާރުގެ އެޖެންސީ އަކަށް އެކަން ކުރެވޭނެ ކަމަށެވެ.
މަތިންދާބޯޓްގެ ކޮންޓްރޯލް އަތުލާ އެސިސްޓަމާ ބެހޭ ގޮތުން މަހާތީރު ލިއުއްވި ލިއުއްވުން ހަވާލާދެއްވާފައި ވަނީ ފްލައިޓް ގްލޯބަލް ޑޮޓްކޮމްގައި ޖޯން ކްރޮފްޓް ލިޔެފައިވާ ލިއުމަކާ އެވެ.
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ މާޗްމަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.