އިލެކްޝަންސް ކޮމިޝަނަށް ކޮންޓްރެކްޓަށް ނެގި އިދާރީ މުވައްޒަފެއްގެ ކޮންޓްރެކްޓް ގަވާއިދާ ހިލާފަށް އިތުރު ކުރަމުން ގެންދިޔަ ކަމަށް ބުނެ އެ މައްސަލަ އެންޓި ކޮރަޕްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެ ކޮމިޝަންގެ ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަންގެ އިސްވެރިއެއް ކަމުގައިވާ އަހުމަދު އަލީ ސޮއިކުރައްވައި އޭސީސީ އަށް މިދިޔަ މަހުގެ 27ގައި ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ މއ. ވެނީލާގެ، އަހުމަދު ނިޝާލު ނަޒީރު 21 ޖޫން 2012ގައި ވަގުތީ އެޑްމިިނިސްޓްރޭޓިވް އޮފިސަރެއް ބޭނުންވެގެން އެ ކޮމިޝަނުން ކޮށްފައިވާ އިއުލާނާ ގުޅިގެން ވަޒީފާ ދީފައިވާ މުވައްޒަފެއް ކަމަށެވެ.

އެ މައްސަލަ އޭސީސީ އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ވިދާޅުވި އެވެ. ލުތުފީ ވިދާޅުވީ އެ މައްސަލަ އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ.

ނިޝާލުގެ ކޮންޓްރެކްޓް ހަތަރު ފަހަރެއްގެ މަތިން އާކޮށްފައިވާ ކަމަށާއި އޭނާ މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 100 ރުފިޔާގެ މަގުން މުސާރަ ދެމުން ގެންދާ ކަމަށް އަހުމަދު އަލީ ބުނެފައިވެ އެވެ. އަދި އެ އުޖޫރައަކީ އެކޮމިޝަންގެ ދާއިމީ ވަޒީފާއެއްގައި މަސައްކަތް ކުރާ ޑިރެކްޓަރުންނަށް ލިބޭ މުސާރަ އަށް ވުރެ ބޮޑު މުސާރައެއް ކަމަށް ވެސް ބުނެފައިވެ އެވެ. އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ނިޝާލަށް ބައެއް މަސް މަހު 30،000 ރުފިޔާ ލިބޭ ކަމަށާއި އެވްރެޖުކޮށް މަހަކު 24،000 ލިބިފައިވާ ކަމަށެވެ.

އެ ކޮމިޝަނަށް ވަގުތީ ގޮތުން ނަގާ އެޑްމިނިސްޓްރޭޓިވް އޮފިސަރުންނަށް އާއްމު އުސޫލެއްގެ ގޮތުން ކަނޑައަޅާފައިވާ އުޖޫރައަކީ މަަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 35 ރުފިޔާ އެވެ.

އެ މުވައްޒަފުގެ ވަޒީފާގެ ކޮންޓްރެކްޓް އިތުރުކުރުމަށް އެ ކޮމިޝަންގެ ދެ މެމްބަރުން ކަމުގައިވާ އަލީ މުހައްމަދު މަނިކާއި މުހައްމަދު ފާރޫގު އަންގަވާފައިވާ ގޮތަށް އިތުރުކޮށްދީފި ނަމަ ނިޝާލު އެކޮމިޝަންގައި ވަޒީފާ އަދާކުރާތާ ދެ އަހަރާއި އެއް މަސް ދުވަސްވާނެ ކަަމަށް ބުނެފައިވެ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ އެ މަގާމުގައި މިހާރު ހުރި މުވައްޒަފަކީ ވަޒީފާ އަށް ފަރުވާ ކުޑަވެގެން އެކަން އެކޮމިޝަންގެ ސެކެޓްރީ ޖެނެރަލްގެ ސަމާލުކަމަށް ގެނެސްފައިވާ މީހެއް ކަމަށް ވެސް އެ ސިޓީގައި ބުނެ އެވެ. އަދި އޭނާގެ ކޮންޓްރެކްޓް އާ ނުކޮށްދީފި ނަމަ އަހުމަދު އަލީ ވަޒީފާ އިން ވަކިކުރާނެ ކަމުގެ އިންޒާރު މުހައްމަދު ފާރޫގު ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު މިއަދު ސަން އަށް ވިދާޅުވީ އެފަދަ މައްސަލައެއް އޭސީސީ އަށް ބަޔަކު ހުށަހެޅިކަން އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށް ވެސް އާސިމް ވިދާޅުވި އެވެ.

ނަމަވެސް ވަގުތީ ކޮންޓްރެކްޓެއްގައި ހުރި މުވައްޒަފުގެ ކޮންޓްރެކްޓް އާ ކުރެވިފައިނުވާތީ އޭނާ މިވަގުތު ވަޒީފާގައި ނޫޅޭ ކަމަށް ވިދާޅުވި އެވެ.