އައްޑޫ ސިޓީން އަލީ ރިފްޝާން:

އޭއެފްސީ ޗެލެންޖް ކަޕުގައި ކުޅޭ ފުރަތަމަ މެޗަކީ އަފްޣާނަށް ވަރަށް މުހިންމު މެޗެއް ކަމުގައި އެ ޓީމުގެ ޑިފެންޑަރު ފައިސަލް ޝަހިޒާދަ ބުނެފި އެވެ.

އައްޑު އަތޮޅު ސްޓޭޑިއަމްގައި ރޭ އޮތް އަފްޣާނިސްތާނު ޓީމުގެ ފަރިތަކުރުންތަކަށް ފަހު 'ސަން' އަށް މައުލޫމާތު ދެމުން ފައިސަލް ބުނީ، ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއް ކަމަށާއި ޓީމުގެ އަމާޒަކީ މުބާރާތުގައި އެންމެ ރަނގަޅު ކުޅުން ދެއްކުން ކަމަށެވެ.

"އަހަރެމެން މުބާރާތާއި ކުރިމަތިލީ ފޮނި އުންމީދުތަކަކާއެކު. އަހަރެމެންގެ އަޒުމަކީ މި މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކައި، އެންމެ ރަނގަޅު ނަތީޖާ ނެރުން. އަބަދުވެސް ފުރަތަމަ މެޗަކީ އަހަރެމެން އިސްކަންދޭ މުހިންމު މެޗެއް،" އޭނާ ބުންޏެވެ.

އަފްޣާނު ޓީމުގެ ޑިފެންޑަރު ފައިސަލް ބުނީ، ސްކޮޑުގައި މިހާރު ވަރަށް ފެންވަރު ރަނގަޅު ކުޅުންތެރިން އެބަހުރި ކަމަށާއި، ކޮންމެ ކުޅުންތެރިއެއް ވެސް ހުރީ އަފްޣާނަށް ކާމިޔާބު ހޯދައިދިނުމަށް ތައްޔާރަށް ކަމަށެވެ.

"މިހާރު އަހަރެމެން ސްކޮޑަކީ ވަރަށް ވަރަގަދަ ސްކޮޑަށް. މި ސްކޮޑުގައި ވަރަށް ރަނގަޅު ކުޅުންތެރިން އެބަތިބި. އެކުޅުންތެރިން ހުރީ އަފްޣާނު ޓީމަށް ކާމިޔާބު ހޯދައިދޭން ތައްޔާރަށް. އަހަރެމެން ކުޅޭނީ ކޯޗު ހިތްހަމަޖައްސައިދޭން، އޭނާގެ އިރުޝާދުގެ ދަށުން،" އޭނާ ބުންޏެވެ.

ޗެލެންޖް ކަޕުގައި އަފްޣާން ކުޅޭ އެންމެ ފުރަތަމަ މެޗަކީ މިރޭ 9:00ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ ވާދަވެރި މެޗެވެ. މިއަދު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލާއޯސް އާއި ތުރުކުމެނިސްތާނެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 4:00ގަ އެވެ.