އެއްވެސް ބީލަމެއް އިވެލުއޭޓްކުރުމުގައި ޓްރާންސްޕޯޓް ޑިރެކްޓާ ސާމީ އަގީލް ބަިއވެރިނުކުރަން އޭސީސީ އިން ސިވިލް ސާވިސް ކޮމިޝަނަށް އަންގައިފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ވިދާޅުވީ ސާމީ އަގީލް، ބިޑްތައް އިވެލުއޭޓު ކުރުމުގައި ބައިވެރި ނުކުރުމަށް އަންގާފައި ވަނީ އޭނާއާ ގުޅޭ ގޮތުން އޭސީސީ އިން ބަލަމުންދާ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.

"އަޅުގެނޑުމެން އަންގާފައި ވާނީ ސާމީ އަގީލްގެ މައްސަލަތައް ބަލައި ނިމެންދެން އޭނާ[ބީލަންތައް އިވެލިއުއޭޓް ކުރުމުގައި] ބައިވެރިނުކުރަން،" ލުތުފީ ވިދާޅުވި އެވެ.

އެ މައްސަލަތަކުގެ ތަފްސީލެއް ލުތުފީ ވިދާޅެއް ނުވެ އެވެ.

އިމިގްރޭޝަންގެ "ބޯޑާ ކޮންޓްރޯލް ސިސްޓަމް"ގެ މަސައްކަތް މެލޭޝިޔާގެ ނެކްސްބިޒްއާ ހަވާލުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް ބަލައި ފިނޭންސް މިނިސްޓްރީގެ ޓެންޑާ އިވެލުއޭޝަން ސެކްޝަނުގެ ޑިރެކްޓާ ޖެނެރަލް ސާމީ އަގީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ވަނީ ފޮނުވާފަ އެވެ.