31 Dec 2010, 05:32
އައިވަރީ ކޯސްޓްގެ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބު ލިބިވަޑައިގެންނެވި ލޮރަން ބަގްބޯއަށް ތާއީދު ކުރާ ފަރާތްތަކުން އިދިކޮޅު ލީޑަރު އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އެލަސަން ވަތަރާއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
މިއިންޒާރުގައި ބަގްބޯއަށް ތާއީދުކުރާ ފަރާތްތަކުން ބުނެފައިވަނީ އެލަސަން ވުތަރާ ހުންނަވާ ހޮޓަލަށް އެމީހުން ޙަމަލާދޭނެ ކަމަށާއި މިޙަމަލާގައި، ވުތަރާ އިއުލާން ކުރައްވާފައިވާ ސަރުކާރު ވެސް ވައްޓާލާނެ ކަމުގައެވެ. ވުތަރާވަނީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އަމިއްލަ ސަރުކާރެއް އުފައްދަވާފައެވެ. ބޭރު ޤައުމުތަކުގެ ތާއީދު އޮތީ މިސަރުކާރަށެވެ. ނަމަވެސް ރިޔާސީ މުއްދަތު ހަމަވެފައިވާ ބަގްބޯވެސްވަނީ އާ ސަރުކާރެއް އެކުލަވާލައްވައި ވެރިކަމުގެ ޤާނޫނީ ހުވާ ކުރައްވާފަ އެވެ.
ބަގްބޯ ބައިނަލްއަޤްވާމީ ގޮތުން އެކަހެރިވެފައި ވިޔަސް އޭނާއަށް ތާއީދު ކުރާ ފަރާތްތައް އައިވަރީ ކޯސްޓްގައި މަދެއްނޫނެވެ. އަދި އައިވަރީ ކޯސްޓްގެ ސިފައިންނާއި ފުލުހުންނާ އަދި ސަރުކާރުގެ މުއައްސަސާތައްވެސްވަނީ ބަގްބޯގެ ކޮންޓްރޯލްގެ ދަށުގައެވެ.
ބަގްބޯ އަށް ތާއީދުކުރާ ފަރާތްތަކުން ބުނީ އަންނަ ހޮނިހިރު ދުވަހު ވުތަރާގެ ސަރުކާރު ހިންގާ ހޮޓަލުގެ ޢިމާރާތަށް ޙަމަލާދީ އޭނާގެ ސަރުކާރު ވައްޓާލާނެކަމުގަ އެވެ. އަދި މިފަދަ ޙާލަތެއްގައި ވުތަރާއަށް ލިބިދާނެ ޖިސްމާނީ ގެއްލުންތަކެއްގެ ޒިންމާ އުފުއްލަވަންޖެހޭނީ އޭނާ ކަމަށްވެސް އެމީހުން ބުނެއެވެ.
ބަގްބޯގެ ކޮމާންޑްގެ ދަށުގައިވާ އައިވަރީ ކޯސްޓްގެ ސަލާމަތީ ބާރުތަކުން ވުތަރާގެ ޙިމާޔަތުގައި އެކަށީގެންވާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ނެތްކަމަށް މުރާސިލުން ބުނެއެވެ. ބަގްބޯ ވަނީ މަޤާމް ދޫކުރައްވައި ވުތަރާއާ ވެރިކަން ޙަވާލުކުރުމަށް އެދި އެފްރިކާގެ 15 ޤައުމެއްގެ ވެރިންގެ ކުރެއްވި އިލްތިމާސްތަކަށް ދެކޮޅު ހައްދަވާފައެވެ.
މި 15 ޤައުމުންވަނީ ވެރިކަން ދޫކޮށްލަންވަން ބަގްބޯ ދެކޮޅު ހައްދަވާނަމަ އޭނާ މަޤާމުން ދުރުކުރުމަށްޓަކައި ޢަސްކަރީ ބާރެއް އައިވަރީ ކޯސްޓަށް ފޮނުވަންޖެހިދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. ނަމަވެސް ބަގްބޯވަނީ މިކަމާ ދެކޮޅު ހައްދަވައި ވެރިކަން ދިފާޢު ކުރެއްވުމަށްޓަކައި ހަނގުރާމަ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.
އައިވަރީ ކޯސްޓްގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއާމެދު އެޤައުމުގެ ދެމުއައްސާއަކުން ދެގޮތަށް ބުނެފައި ވެއެވެ. އިދިކޮޅު ލީޑަރު އަލަސާން ވަތަރާއަށް ލިބުނު ވޯޓުން އެއްމިލިޔަން ވޯޓު މަދުކުރުމަށްފަހު އައިވަރީ ކޯސްޓްގެ ދަސްތޫރީ ކައުންސިލުންބުނީ އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ލޮރެން ބަގްބޯ ކަމުގައެވެ. ނަމަވެސް އިންތިޚާބާބެހޭ ކޮމިޓީންބުނީ މިއިންތިޚާބު ކާމިޔާބުކުރެއްވީ އިދިކޮޅުލީޑަރ އަލަސާން ވަތާރާ ކަމުގައެވެ. ބަގްބޯ ވިދާޅުވަނީ އިންތިޚާބާބެހޭ ކޮމިޓީގެ ނިންމުމަކީ ވަގުތީ ނިންމުމެއް ކަމަށާއި ހަޤީޤީ ނިންމުމަކީ ދަސްތޫރީ ކައުންސިލްގެ ނިންމުން ކަމުގައެވެ.