އައްޑޫ ސިޓީގެ ރައްޔިތުންނަށް ފަސޭހައިން އޭއެފްސީ ޗެލެންޖް ކަޕްގެ މެޗްތައް ބަލާލުމުގެ ފުރުސަތު ތަނަވަސް ކޮށްދުނުމުގެ ގޮތުން އެސްޓީއޯ އިން އެ ސިޓީގެ ރައްޔިތުންނަށް 8000 ޓިކެޓް ހަދިޔާކޮށްފި އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެސްޓީއޯ އަކީ އަބަދު ވެސް ފުޓްބޯޅަ އަށް ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ކުންފުންޏެއް ކަމަށާއި އައްޑޫ އައްޑޫގައި އޭއެފްސީ ކަަޕް ފަދަ މުބާރާތެއް ކުރިޔަށްދާ އިރު މުބާރާތް ބަލައިލުމުގެ ފުރުސަތު އެ ރައްޔިތުންނަށް ތަނަވަސްކޮށް ދިނުމަކީ އެސްޓީއޯ އަށް ލިބޭ ފަހުރެއް ކަމަށެވެ.

"އަޅުގަނޑުމެންނަކީ އަބަދު ވެސް ފުޓްބޯޅައާ ވަރަށް ގާތުން މަސައްކަތް ކުރާ ބައެއް. އެހެންވީމާ އައްޑޫ ރައްޔިތުންނަށް މުބާރާތް ބަލައިލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އެފްއޭއެމް އާ ވާހަކަ ދައްކައިގެން އަޅުގަނޑުމެން މި 8000 ޓިކެޓް ނަގައި ހަދިޔާ ކުރީ." އާޒިމް ވިދާޅުވި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިރެކްޓަރު އޮފް ނޭޝަނަލް ޓީމް އަލީ ސުޒޭން ވިދާޅުވީ އެސްޓީއޯ އިން އެ ނިންމި ނިންމެވުމަކީ މި ދަނޑިވަޅުގައި ވަރަށް މުހިންމު ނިންމުމެއް ކަމަށާއި އައްޑޫ ރައްޔިތުންގެ ފަރާތުން މުބާރާތަށް ލިބުނު އެއްބާރުލުމަކީ ފާހަގަކޮށްލަން ޖެހޭވަރުގެ އެއްބާރުލެއްވުމެއް ކަމަށެވެ.

"އެސްޓީއޯ އިން އެ ނިންމީ ވަރަށް ރަނގަޅު ނިންމުމެއް މި ދަނޑިވަޅަށް. އައްޑޫ ރައްޔިތުންގެ ފަރާތުން މިކަމަށް ތައްޔާރުވުމަށް ލިބުނު އެއްބާރުލުމަކީ އެއްވެސް ބަޔަކަށް އޭގެ ކްރެޑިޓް ނުދެވޭނެ ކަމެއް." ސުޒޭން ވިދާޅުވި އެވެ.

އަށް ހާސް ޓިކެޓަކީ އައްޑޫ ސިޓީގައި ކުޅޭ ހަ މެޗަށް ނެގި ޓިކެޓް ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެ ޓިކެޓްތައް ދޫކުރާނީ އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ އަދި މަރަދޫފޭދޫގެ އިތުރުން ހުޅުމީދޫގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުން މިއަދު މެންދުރު 1:30 އިން ފެށިގެން އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން މިއަދު ވަނީ އެ ކުންފުނިން އޭއެފްސީ ކަޕްގައި ދިވެހިން ކުޅޭ މެޗްތައް އޮންނަ ދުވަސްތަކުގައި ލާން ތައްޔާރުކޮށްފައިވާ ޖާޒީއެއް ވެސް އެފްއޭއެމް އަަށް ހަވާލުކޮށްދެއްވާފަ އެވެ.