20 May 2014, 11:48
މިހާރު ޓެކްސީ ބޯޑުތަކުގައި ބޭނުންކުރަމުން އަންނަ ޓެކްސީ ބޯޑަކީ ބަހެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށާއި އެއީ ޓެކްސީއެއްކަން އަންގައިދޭ ނިޝާނެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
ރާއްޖޭން ބޭރުގައި ހުންނަވައިގެން "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް މިއަދު ވިދާޅުވީ "ޓެކްސީ" ބޯޑު އެއީ ޔުނިވާސަލް ކޯޑެއް ނުވަތަ ސައިން "ނިޝާނެއް"ގެ ގޮތުގައި ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ބޭނުންކުރާ އެއްޗެއް ކަމަށެވެ. އެހެން ކަމުން މި މާނައިގައި ބޭނުންކުރާ އިރު "ޓެކްސީ" ބޯޑު އެ ބޭނުންކުރެވެނީ ބަހެއްގެ ގޮތުގައި ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
"ޓެކްސީ އަޅުގަނޑުމެންނަށް ދެ ގޮތަށް ވެސް ބޭނުންކުރެވިދާނެ. އެކަމަކު މި ތަނުގައި އަޅުގަނޑުމެން "ޓެކްސީ" މި ބޭނުން ކުރަނީ ބަހެއްގެގޮތުގައެއް ނޫން. ސައިން ލެންގުއޭޖެއްގެ ގޮތުގައި. ނިޝާނެއްގެ ގޮތުގައި. ޓެކްނިކަލް ބޭފުޅުން ވިދާޅުވަނީ އެއީ ނިޝާނެއް ކަމަށް. ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައިކަހަލަ ގޮތަކަށް ވެސް މިކަން އޮންނަނީ މިގޮތަށް،" ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވި އެވެ.
މި ކަމާ ގުޅޭ ގޮތުން ދިވެހި ބަސް އެކެޑެމީގެ ރައީސް އަޝްރަފު އަލީ މިއަދު ވިދާޅުވީ ކާރުތަކުގައި ޓެކްސީއެއްކަން އަންގައިދޭން ހަރުކޮށްފައި އެ ހުންނަނީ ނިޝާނެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ ޓެކްސީއެއްކަން އަންގައިދޭ "ނަން ފިލާގަނޑެއް" ނުވަތަ ނަން ބޯޑެއް ކަމަށެވެ. އެއީ އާންމުން ދަތުރުކުރާ، އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ސަވާރީއެއް ކަމަށާއި އޭގައި ޓެކްސީއެއްކަން އަންގައިދޭ ނަންބޯޑު ފުރަތަމަ އޮންނަން ޖެހޭނީ ތާނައިން ކަމަށާއި އޭގެ ފަހުން އެހެން ބަހަކުން ވެސް އޮތުން އެއީ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
http://www.sun.mv/albums/large_25678.jpg
"އެއީ ނިޝާނެއް ނޫން. އެއީ ނަން ބޯޑެއް. ކީއްވެތޯ "ކުލީ ކާރު" ނުޖެހެންވީ؟ މަގުތަކުގައި ވެސް މި ހުންނަނީ "ޓެކްސީ ސްޓޮޕް" ޖަހާފަ ބޯޑުތައް ބަހައްޓާފައި. އެ ވެސް ދެން ވިދާޅުވާންވީ ނިޝާނެއް ކަމަށް. ކީއްވެތޯ ދިވެހިން ނުލިޔާންވީ؟ އެކަމަކު ހަމަ މި ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި އާންމުން ދަތުރުކުރާ ބަސްތައް ހުއްޓަން ހަދާފައި ފަހުރި ތަންތަނުގައި މި ހުންނަނީ "ބަސް ހުއްޓި" ތާނައިން ޖަހާފައި. އެ ކީއްވެތޯ ނިޝާނަކަށް ނުވީ؟،" އަޝްރަފު ވިދާޅުވި އެވެ.
އަޝްރަފު ވިދާޅުވީދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނުގެ ރޫހަކީ ދިވެހީން މުއާމަލާތްކުރާ ހުރިހާ ކަމެއްގައި ވަކީން ޚާއްސަ ގޮތެއްގައި ދިވެހީންނާ ކުރާ ހުރިހާ މުއާމަލާތެއްގައި ދިވެހިބަސް އިސްކޮށް ދިވެހި ބަހަށް އެ ބަހުގެ ހައްގު މަގާމު ދިނުން ކަމަށެވެ. އެހެން ކަމުން ދައުލަތުގެ މުއައްސަސާތަކުން މިކަންކަމަށް ޚާއްސަ އިސްކަމެއް ދޭން ޖެހޭނެ ކަމަށް އަޝްރަފު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޓްރާންސްޕޯޓަށް ވެސް މި އެންގީ ދިވެހިބަހުގެ ގާނޫނުގެ ރޫހަކީ އެއީ ކަމާ އެހެން ކަމުން އެގޮތަށް އެކަން ރަނގަޅުކޮށްދެއްވުމަށް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެކަމަށް ވަގުތުވެސް ބޭނުންވާނެ،" އަޝްރަފު ވިދާޅުވި އެވެ.
http://www.sun.mv/albums/large_25681.jpg
ޓްރާންސްޕޯޓު އޮތޯރިޓީ ހިންގެވުމާ ހަވާލުވެ ހުންނެވި، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުބޭރު ވެސް މިއަދު ވިދާޅުވީ "ޓެކްސީ" އެއީ ބަހެއްގެ ގޮތުގައި ގަބޫލު ނުކުރައްވާ ކަމަށާއި އެއީ ނިޝާނެއް ކަމަށެވެ. އެހެން ނަމަވެސް ބަސް އެކެޑެމީއާ އެ މައްސަލައިގައި މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓެކްސީ ބޯޑު އެއީ ބަހެއް ކަމަށް ބަލަންޏާ އެގޮތަށް ހުރި ކިތަންމެ ކަމެއް އެބަހުރި ދެއްތޯ؟ އަޅުގަނޑުމެން ދެކެނީ ޓެކްސީބޯޑަކީ ނިޝާނެއް ކަމަށް. އެކަމަކު އަޅުގަނޑުމެން ވެސް މިހާރު މިއަންނަނީ އެ މައްސަލައިގައި މަޝްވަރާކުރަމުން. ވަރަށް އަވަހަށް ގޮތެއް ނިންމާނަން،" ޒުބޭރު ވިދާޅުވި އެވެ.
ޓެކްސީ ތަކުގައި އިނގިރޭސީން އެކަނި ނަން ބޯޑު ޖަހައިގެން ދުއްވުމުގެ މައްސަލަ ފެންމަތިވެފައިވާ އިރު، ޓެކްސީ ބޯޑު ވެސް ބޭނުންވާ މިންވަރަށް ނުހެދޭތީ ނުވަތަ ޓެކްސީ ބޯޑު ހަރު ނުކުރެވޭތީ މާލޭގައި ދުއްވާ ޓެކްސީތަކުގެ ތެރެއިން ގިނަ އަދަދެއްގެ ޓެކްސީތައް ހުރީ ޕާކު ކޮށްފަ އެވެ.
http://www.sun.mv/albums/large_25682.jpg
މިހުރިހާ ކަމެއް މިހެން ހުއްޓައި އަނެއްކާ ބޯޑުތައް ބަދަލުކުރާން ޖެހިއްޖެ ނަމަ ނުވަތަ އިތުރު ބޯޑުތަކެއް ހަދަން ޖެހިއްޖެ ނަމަ އެއީ ޓެކްސީތަކަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އަދި 1200 އާއި 2000 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައި ޓެކްސީ ބޯޑުތައް ހަދައިގެން ހަރުކުރި ޑްރައިވަރުންނަށް އެ ބޯޑުތައް އަލުން ބަދަލުކުރާން ޖެހިއްޖެ ނަމަ އެއީ މާލީ ގެއްލުމަކަށް ވެސް ވާނެ އެވެ.
މި މައްސަލައާއި ގުޅޭ ގޮތުން މާލޭގެ ބައެއް ޓެކްސީ ސެންޓަރުތަކަށް މިއަދު ގުޅައިލުމުން ބުނީ މި ކަމުގައި އެމީހުން އަމަލު ކުރާނީ ޓްރާންސްޕޯޓުން އަންގާ ގޮތެއްގެ މަތީން ކަމަށެވެ. އެހެން ނަމަވެސް އަލުން ހުރިހާ ބޯޑެއް ބަދަލުކުރާން ޖެހިއްޖެ ނަމަ އެ ލިބޭ މާލީ ގެއްލުމުގެ ބަދަލު ކޮންމެވެސް ބަޔަކު ދޭން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް އެ ސެންޓަރުތަކުން ބުންޏެވެ.
ދުނިޔޭގެ އެހެން ބައެއް ގައުމު ތަކުގައި ޓެކްސީއެއްކަން އަންގައިދޭ ބޯޑު ހަމަ އެކަނި އިނގެރޭސީ ބަހުންނާއި އިނގެރޭސީ އާއި އެ ގައުމެއްގެ ބަސް ހިމެނޭ ގޮތަށް ދެބަހުންނާއި ހަމަ އެކަނި އެގައުމެއްގެ ބަހުން ވެސް ހަދާފައި ހުރެ އެވެ.
http://www.sun.mv/albums/large_25679.jpg