20 May 2014, 10:49
ބެންގްކޮކް (މެއި 20) : ތައިލެންޑުގައި ހަމަޖެހުން ގާއިމުކުރުމުގެ ނަމުގައިއެގައުމުގެ ސިފައިން ހަތިޔާރާއެކު މަގުތަކަށް ނުކުމެ ސިފައިންގެ ގާނޫނު އަމިއްލަ އަށް ހިންގައި ވެރިކަމަށް އަތްގަދަކުރުމުގެ ހަރަކާތްތަކެއް ހިންގަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެ އެވެ.
މިކަމާބެހޭ ގޮތުން ތައި ސަރުކާރުގެ މަސްއޫލުވެރިއަކު ވިދާޅުވީ ސިފައިން ބެންކޮކްގެ ބައެއް ސަރަހައްދުގެ މަގުތަކަށް ނުކުމެ ސިފައިންގެ ގާނޫނު އަމިއްލައަށް ހިންގަންފަށާފައި ވަނީ ސަރުކާރާ މަޝްވަރާކުރުމެއް ނެތިކަމުގަ އެވެ. ބެންގްކޮކުން ލިބޭ ޚަބަރުތައް ބުނާގޮތުން ސިފައިން ގެންދަނީބަރު ހަތިޔާރާއެކު ބެންކޮކްގެ ވިޔަފާރީގެ ސަރަހައްދުތަކާއި މައިހޮޓާތައް ހުންނަ ތަންތަނުގައި ފޯރިމަރައި އެތަންތަނުގައި ސިފައިންގެ ގާނޫނު ހިންގަމުންނެވެ. އަދި ސިފައިން ހަތިޔާރާ އެކު ބެންގްކޮކްގެ މައި ޓީވީ ސްޓޭޝަންތަކުގެ ކައިރީގައި ވެސް ހަރަކާތްތެރިވަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ތައި ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ފާއިތުވި ދުވަސްތަކުގައި އެ ގައުމުގައި ހިނގި ހަމަނުޖެހުންތަކުގައި 28 މީހަކު މަރުވެ އެތައް ބަޔަކު މަރުވެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ގައުމަށް ހަމަޖެހުން ގެނެސް ސުލްހަ ގާއިމުކުރުމަށް ސިފައިންނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށާ މިއީ އަސްކަރީ އިންގިލާބެއްނޫން ކަމުގަ އެވެ. އަދި ވެރިކަމަށް އަތްގަދަ ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ވެސް ތައި ސިފައިންގެ ޗީފް އޮފް ސްޓާފް ނެރުއްވާފައިވާ ބަޔާނެއް ބުނެ އެވެ.
ތައިލެންޑުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ޔަންގްލަކްޝިނަވަޓްރާ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރެއްވި ކަމަށް ކަނޑައަޅައިއޭނާގެ މަގާމު ގެއްލިފައިވާ ކަމަށް މި މަހުގެ ކުރީކޮޅު އެގައުމުގެ ދަސްތޫރީ ކޯޓުން ކަނޑައެޅުމާ އެކު އެކަމަނާ ވަނީ މަގާމުން ދުރުވެވެޑައިގެންފަ އެވެ. މިއާއެކު ޔަންގްލަކްގެ ފެއުތައި ޕާޓީން ވަނީ އެގައުމުގެ ބޮޑުވަޒީރަކަށް ވިޔަފާރިއާބެހޭ ވަޒީރު ނިވައްތަމްރޯންގް ބޮންސެން އައްޔަންކޮށްފަ އެވެ. އޭނާގެ އިސްއެހީތެރިއަކު އިއްޔެ ވިދާޅުވީ ތައި ސިފައިން އަސްކަރީ ގާނޫނު ހިންގަންފަށާފައި ވަނީ ސަރުކާރާ މަޝްވަރާކުރުމެއް ނެތި ކަމަށާ މިކަމާ ބެހޭ ގޮތުން ސިފައިންގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރާނެކަމުގަ އެވެ. މިމައްސަލާގައި ތައި ކެބިނެޓްގެ ކުއްލިބައްދަލުވުމެއް ވެސް ބާއްވާފައިވާ ކަމަށް ޚަބަރު ލިބެ އެވެ. (ނޫސްއެޖެންސީތައް)