20 May 2014, 10:36
މާލޭގެ ބާޒާރުގައި ފިޔަ އާއި އަލުތްވާއި އަދި ބިހުގެ އަގު މީގެ ކުރިއާ އަޅާ ބަލާ އިރު ވަރަށް ބޮޑަށް ތިރިވެއްޖެ އެވެ.
މިއަދު މާލޭ ބާޒާރުގެ އަގުތަކަށް ބަލާ އިރު، ފިޔާ އަދި އަލުވި ކިލޯއެއް 13 ރުފިޔާ އަށް ލިބެން ހުރި އިރު ބިހެއްގެ އަގު އުޅެނީ ދެރުފިޔާ އަށެވެ.
ނަމަވެސް މީގެ ހަފްތާއެއްހާ ދުވަސް ކުރީގެ އަގުތަކަށް ބަލާ އިރު ފިޔާ ކިލޯއެއް 25 ރުފިޔާ އަށް ވިއްކާފައިވާއިރު އަލުވި ކިލޯއެއް ވިއްކާފައި ވަނީ 32 ރުފިޔާ އަށެވެ. އަދި ބިހެއް ވިއްކާފައި ވަނީ 2.50 ރުފިޔާ އަށެވެ.
ބާޒާރުގެ ބައެއް ވިޔަފާރިވެރިން ބުނީ ފިޔާ އަދި އަލުވިގެ އަގު މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހުރި އަގާ އަޅާބަލާ އިރު ދަށްވެފައި ވަނީ މިދުވަސްވަރު ބޭރުން އެތަކެތި ގެންނަމުންދާ މިންވަރު އިތުރު ވެފައި ވާތީ ކަމަށެވެ. އެ ވިޔަފާރިވެރިން މީގެ ކުރިން ބުނަމުން އައީ ފިޔާ އަދި އަލުވިގެ އަގު އުފުލިފައި ހުރީ ބޭރުން ފިޔާ ނުލިބި ބާޒާރުގައި ވެސް ފިޔާ ނެތުމުން ކަމަށެވެ.
އަގުތަކަށް އައި ހެޔޮ ބަދަލާ އެކު ފިޔާ އަދި އަލުވި ބަސްތާއާ އެކު ބިސްކޭހުގެ އަގުވެސް ވަނީ ދަށްވެފަ އެވެ. އެގޮތުން ފިޔާ ބަސްތާއެއް މިހާރު 270 ރުފިޔާ އާއި 280 ރުފިޔާ އާއި ދެމެދު އަގެއްގައި ލިބެން ހުރި އިރު، އަލުވި ބަސްތާއެއް ލިބެން ހުރީ 260 ރުފިޔާ އަށެވެ. އަދި ބިސްކޭހެއްގެ އަގު އުޅެނީ 275 ރުފިޔާ އަށެވެ.
މީގެ ހަފްތާއެއް ކުރިން އެތަކެތީގެ އަގަށް ބަލާ އިރު ފިޔާ ބަސްތާއެއް ވިއްކަމުން އައީ 290 ރުފިޔާ އަށެވެ. އަދި އަލުވި ބަސްތާއެއް 350 ރުފިޔާ އަށް ވިއްކަމުން އައި އިރު ބިސްކޭހެއް ވިއްކާފައި ވަނީ 400 ރުފިޔާ އަށެވެ.
ބާޒާރުގައި ވިޔަފާރި ކުރަމުން އަންނަ ބައެއް ވިޔަފާރިވެރިން ބުނީ ރޯދަ މަހަށްވާ އިރަށް އެތަކެތީގެ އަގު ހެޔޮވާނެ ކަމަށް ބެލެވޭ ކަމަށެވެ.