ޓެކްސީތަކުގައި ހަރު ކޮށްފައި ހުންނަ ދިއްލޭ ބޯޑްތަކުގައި އިނގިރޭސި ބަހުން "ޓެކްސީ" ޖަހާފައިވާ ޖެހުން ބަދަލުކުރުމަށް ދިވެހި ބަހުގެ އެކަޑަމީ އިން އަންގައިފި އެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ މިއަދު "ސަން" އަށް ވިދާޅުވީ ޓެކްސީތަކުގައި އިނގިރޭސި ބަހުން "ޓެކްސީ" ޖަހާފައިވާ ޖެހުން ބަދަލުކޮށް އެ ލަފްޒު ދިވެހި ބަހުން ލިޔަން ޖެހޭ ކަމަށެވެ. އަދި "ކުލީ ކާރު" ނުވަތަ "ޓެކްސީ" އެބޯޑްގައި ޖަހަންޖެހޭނީ ތާނައިން ކަމަށެވެ.

"އިސްކުރަން މިޖެހެނީ ދިވެހި ބަސް، އެހެންކަމުން ތާނައިން ފުރަތަމަ ލިޔަން ޖެހޭނީ، އޭގެ ފަހުން އިނގިރޭސިން ލިޔާ ނަމަ ލިޔަން ޖެހޭނީ ތާނައިން ލިޔާ ވަރަށް ވުރެ އަކުރު ކުޑަކޮށް ތާނަ ލަފްޒުގެ ތިރީގައި،" އަޝްރަފް ވިދާޅުވި އެވެ.

ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނުގައި ބުނާ ގޮތުން ބޯޑް ފަދަ ތަކެތި ހަރުކުރާ އިރު އިސްކަންދޭންޖެހެނީ ދިވެހި ބަހަށްށެވެ. އަދި ދިވެހިންނަށް އަމާޒުކޮށްގެން ދޭ ހިދުމަތެއް ނަމަވެސް އެކަމުގައި ވެސް އިސްކުރަން ޖެހޭނީ ދިވެހި ބަހެވެ. އެހެން ބަހަކުން ލިޔާ ނަމަ ލިޔަންޖެހޭނެ ކަމަށް ބުނެފައި ވަނީ ދިވެހި ބަހުން ލިޔެފައި އޭގެ ތިރީގައި ދިވެހި އަކުރަށް ވުރެ ފޮންޓް ކުޑަކޮށްނެވެ.

އަދި އެ ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނަނީ ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި އޮފީސްތަކާއި އިދާރާތަކާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެންމެހާ ތަންތަނުގެ ލިޔެކިއުންތަކުގެ ތެރެއިން ބޭރު ބަހަކުން ކޮންމެހެން އޮންނަން ޖެހޭ ލިޔެކިއުންތައް ފިޔަވައި ހުންނަން ޖެހޭނީ ދިވެހި ބަހުން ކަމަށެވެ.

ވެރިރަށް މާލޭގައި ހިދުމަތްދޭ ހުރިހާ ޓެކްސީއެއްގައި ވެސް ބޯޑް ހަރުކޮށްފައި ވަނީ އިނގިރޭސި ބަހުން ޓެކްސީ ޖަހައިގެނެވެ.