20 May 2014, 09:55
ބަޣްދާދު (މޭ 20) : އިރާގުގައި އައު ސަރުކާރެއް އެކުލަވާލުމަށް ޓަކައި އެހެންޕާޓީތަކާ އެކު ކޯލިޝަން ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބޮޑުވަޒީރު ނޫރީ އަލްމާލިކީ ވިދާޅުވެއްޖެ އެވެ.
ޢިރާގުގައި މިދިޔަ މާޗްމަހު ބޭއްވި އާންމު އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމާގުޅިގެން ދެއްވި ފުރަތަމަ ބަޔާނުގައި މާލިކީ ވިދާޅުވީ އިރާގުގައި އައު ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ މިންވަރަށް ޕާލަމެންޓްގެ ގޮނޑި ކަށަވަރު ކުރުމަށް ޓަކައި އޭނާގެ ސްޓޭޓް އޮފް ލޯ ކޯލިޝަނުން ސިޔާސީ އެހެން ޕާޓީތަކާ އެކު މަޝްވަރާ ކުރަމުން ގެންދާކަމުގަ އެވެ.
ޢިރާގުގައި ބޭއްވި އާންމު އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެގައުމުގެ ޕާލަމެންޓްގެ 328 ގޮނޑީގެ ތެރެއިން 95 ގޮނޑި ކާމިޔާބު ކޮށްފައި ވަނީ މާލިކީގެ ޕާޓީކަމަށްވާ ސްޓޭޓް އޮފް ލޯ ކޯލިޝަނުންނެވެ. އިރާގުގެ އާންމު އިންތިޚާބުގައި އެގައުމުގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބޭއިރު އެންމެ ގިނަ ގޮނޑި ލިބިފައި ވަނީ މާލިކީގެ ސްޓޭޓް އޮފް ލޯ ކޯލިޝަން ޕާޓީއަށެވެ. އެހެންކަމުން އައު ސަރުކާރު އެކުލަވާލުމުގެ ކަންތައް ރައީސް ޖަލާލް އައްތަލަބާނީ ހަވާލުކުރައްވާނެ ކަމުގެ އުންމީދުގައި ހުންނެވި ކަމަށް މާލިކީ ވިދާޅުވި އެވެ. ދެހާސް ފަސް ވަނަ އަހަރުން ފެށިގެން އިރާގުގައި ވެރިކަން ކުރައްވަމުން ގެންދަވަނީ ނޫރީ އަލްމާލިކީ އެވެ.
ޢިރާގުގެ ރައީސް ޖަލާލް އައްތަލަބާނީ ބޭސް ފަރުވާއަކަށް ޖަރުމަނުގައި ހުންނަވާތާ އަހަރެއްހާ ދުވަސްވަނީ ވެފަ އެވެ. (އަލްޖަޒީރާ)