20 May 2014, 09:47
އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮތް ބޯޓަކުން 449 ކިލޯގެ ހެރޮއިން އަތުލައިގަނެފި އެވެ.
އިނގިރޭސި ވިލާތުގެ ނޫހެއް ކަމަށްވާ ދަ އިންޑިޕެންޑެންޓުގައި ބުނެފައި ވަނީ، އޮސްޓްރޭލިއާ އާއި އިނގިރޭސި ވިލާތުގެ ކަނޑުގެ ސިފައިން ގުޅިގެން ހިންގާ ސީޓީއެފް 150 (ކޮމްބައިން ޓާސްކް ފޯސް 150) ހާއްސަ އޮޕަރޭޝަނެއްގައި އެ މަސްތުވާތަކެތި އަތުލައިގަނެފައި ވަނީ ސޯމާލިއާގެ 40 މޭލު ބޭރުގައި އޮތް ބޯޓަކުން އިއްޔެ ކަމަށެވެ.
އެގޮތުން އެ އޮޕަރޭޝަން މަސްތުވާތަކެތި ފެނިފައި ވަނީ އެ ބޯޓުގެ ތެރޭގައި ފޮރުވާފައި ހުރި 20 ދަބަހުގެ ތެރެއިން ކަމަށާއި އެއިން ކޮންމެ ދަބަހެއްގެ ބަރުދަނުގައި ގާތްގަނޑަކަށް 20 އާއި 25 ކިލޯ ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު އަރާނެ ކަމަށް ވެސް އެ ނޫހުގައި ރިޕޯޓް ކޮށްފައިވެ އެވެ.
އިންޑިއާ ކަނޑުގައި މަސްތުވާތަކެތީގެ ވަގު ވިޔަފާރި ކޮށް، ޓްރެރިސްޓް ޖަމާއަތްތަކަށް ފައިސާ ހޯދާ ކަމަށް ޝައްކުކުރެވޭތީ، ހިންގަމުން އަންނަ ކޮމްބައިން ޓާސްކް ފޯސް 150 (ސީޓީއެފް 150) އަކީ އިނގިރޭސި ވިލާތުގެ ކޮމާންޑަރެއް ކަމަށްވާ ޖެރެމީ ބްލަންޑެންގެ ބެލުމުގެ ދަށުން އެކި ގައުމުތަކުގެ ކަނޑުގެ ސިފައިން ގުޅިގެން ހިންގަމުން އަންނަ ހާއްސަ އޮޕަރޭޝަނެކެވެ.
ކޮމާންޑަރު ބްލަންޑެން ބުނެފައި ވަނީ، އިންޑިއާ ކަނޑުން މިފަހަރު އަތުލައިގެން މަސްތުވާތަކެތީގެ ނެޓްވޯކަކީ މިއަހަރު ސީޓީއެފް 150 އިން އަތުލައިގަތް ހަތްވަނަ ނެޓްވޯކް ކަމަށެވެ.
"ހިރޮއިންގެ ވަގު ވިޔަފާރި ހުއްޓުވުމަކީ ފޯސްގެ އެންމެ މުހިއްމު މަސައްކަތް. އެއީ އެ ވަގު ވިޔަފާރީގެ ސަބަބުން ނުރައްކާތެރި ޓެރެރިސްޓް ޖަމާއަތްތަކަށް ފައިދާ ވާތީ،" އޭނާ ބުނެފައިވެ އެވެ.
މިދިޔަ މަހުވެސް އިނގިރޭސި ވިލާތުގެ ކަނޑުގެ ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކެންޔާގެ ބޭރުގައި އޮތް ބޯޓަކުން ވަނީ 1000 ކިލޯއަށް ވުރެ ގިނަ ހިރޮއިން އަތުލައިގަނެފަ އެވެ.