20 May 2014, 09:26
އައްޑޫ ސިޓީން: އަލީ ރިފްޝާން
އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރާ އަފްޣާނިސްތާނު ޓީމު ރަނގަޅަށް ދަސްކުރަމުންދާ ކަމުގައި އެ ޓީމާއި މި އަހަރުގެ މާޗް މަހު ހަވާލުވި ކޯޗު އެރިޗް ރޫޓެމޫލާ ބުނެފި އެވެ.
އޭއެފްސީ ޗެލެންޖް ކަޕުގެ ގްރޫޕް ބީގައި ވާދަކުރާ ކޯޗުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހެރަތެރެ އައިލެންޑް ރިސޯޓުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރޫޓެމޫލާ ބުނީ، އަފްޣާނު ޓީމާއި އޭނާ ހަވާލުވީ ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުގެ އެދުމުގެ މަތިން ހަމައެކަނި މުބާރާތަށް ކަމަށެވެ.
"އަހަރެން އަފްޣާން ކޯޗުކަމާއި ހަވާލުވީ ހަމައެކަނި މި މުބާރާތުގައި ހަވާލުވުމަށް. އެއީ އަފްޣާނުން ޖަރުމަނުގެ ފުޓްބޯޅަ ފެޑަރޭޝަނަށް އެހީއަށް އެދުމުން. މެއި މަހުން ފެށިގެން އަހަރެން މިދަނީ ޓީމު އަދި ކުޅުންތެރިން ދަސްކުރަމުން. މިއީ ވަރަށް ހާއްސަ އަދި ވަރަށް ރަނގަޅު ތަޖުރިބާއެއް. އަހަރެމެންނަށް ރަނގަޅު ކާމިޔާބެއް ލިބޭނެކަމަށް އުންމީދުކުރަން،" އޭނާ ބުންޏެވެ.
ރޫޓެމޫލާ ބުނީ، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވާދަވެރި މެޗުތަކެއް ކުޅުނު ކަމަށާއި، އެ މެޗުތަކުން ޓީމު އިތުރަށް ދަސްވި ކަމުގަ އެވެ.
"މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އަހަރެމެން އެކުވެރިކަމުގެ މެޗުތަކެއް ކުޅުނިން. އެ މެޗުތަކުން ކުޅުންތެރިންނަށް އިތުރު ތަޖުރިބާތަކެއް ލިބިގެން ދިޔަ. އެ މެޗުތަކުން ކުޅުންތެރިންނާ ބެހޭ ގޮތުން އަހަރެންނަށް ގިނަ ކަންތައްތަކެއް ދަސްވި،" އޭނާ ބުންޏެވެ.
އަފްޣާނު ކޯޗު ބުނީ، މުބާރާތުގެ ފުރަތަމަ މެޗަށް މިއަދު ނުކުންނަ އިރު، އިދިކޮޅު ޓީމުތަކާ ބެހޭ މާބޮޑު މައުލޫމާތެއް ނޭނގޭ ކަމުގައިވީ ނަމަވެސް ފުރަތަމަ މެޗަށް ފަހު ޓީމުތަކުގެ ފެންވަރު ދެނެގަނެވޭނެ ކަމަށެވެ.
"މުބާރާތުގައި ވާދަކުރާ ޓީމުތަކާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް އަދި އަހަރެންނަކަށް ނޭނގޭ. އެ ޓީމުތަކުގެ ހުނަރުތަކާއި ފެންވަރެއް އަދި ނޭނގޭ. ބޮޑު މުބާރާތެއްގައި ވާދަކުރާނީ ވަރުގަދަ، ނުރައްކާތެރި ޓީމުތައް ކަމަށް އަހަރެން ގަބޫލުކުރަން. ޓީމުތަކުގެ ފެންވަރު އެނގޭނީ މިއަދު ކުޅޭ ފުރަތަމަ މެޗުތައް ބެލުމަށް ފަހު،" އޭނާ ބުންޏެވެ.
ޗެލެންޖް ކަޕަށް ނުކުތް އަފްޣާނިސްތާނަކީ އެންމެ ފަހުގެ ސާފް ޗެމްޕިއަނުންނެވެ. ގްރޫޕް ބީގެ ފޭވަރިޓް ޓީމެއްގެ ގޮތުގައި ބެލެވޭ އަފްޣާނިސްތާނު ވަނީ މިދިޔަ އަހަރު ނޭޕާލުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. އެ މުބާރާތް އަފްޣާނުން ކާމިޔާބުކުރީ ސަރަހައްދީ ފުޓްބޯޅައިގެ ބޮޑު ބާރެއްގެ ގޮތުގައި އޮތް އިންޑިއާ އަތުން މޮޅުވެގެންނެވެ.
އޭއެފްސީ ޗެލެންޖް ކަޕުގެ ގްރޫޕް ސްޓޭޖުގައި އަފްޣާނު ނުކުންނަން ޖެހޭނީ ލާއޯސް ފިލިޕީންސް އަދި ތުރުކުމެނިސްތާނާއި ދެކޮޅަށެވެ.
އައްޑޫ ފުޓްބޯޅަ ދަނޑުގައި ފުރަތަމަ ކުޅޭ މެޗުގައި މިއަދު 4:00ގައި ވާދަކުރާނީ ތުރުކުމަނިސްތާނާއި ލާއޯސް އެވެ. އެގްރޫޕްގެ ދެވަނަ މެޗުގައި ރޭގަނޑު 9:00ގައި ވާދަކުރާނީ ފިލިޕީސްންސާއި އަފްޣާނިސްތާނެވެ.