20 May 2014, 08:54
ޓްރިޕޮލީ (މޭ 19): އިއްޔެ ލީބިޔާގެ ޕާލަމެންޓްގެ އިމާރާތަށް ގަދަބާރުން ވަދެގަތް ހަނގުރާމަވެރިން އެތަނުން ފައްސާލެވިފައިވާ ކަމަށާ ވެރިރަށް ޓްރިޕޮލީއާއި ގައުމުގެ ކަންތައްތަކުގެ ކޮންޓްރޯލް އަދިވެސް އޮތީ ސަރުކާރުގެ އަތުގައި ކަމަށް ލީބިޔާ ސަރުކާރުން ބުނެފި އެވެ.
ލިބިޔާ ސަރުކާރުގެ ފަރާތުން ވާހަކަ ދެއްކެވި އެގައުމުގެ ޖަސްޓިސް މިނިސްޓަރު ސަލާޙް އަލްމިރްޣަނީ ވިދާޅުވީ ހަނގުރާމަވެރި ޖަމާއަތްތަކަށް ލީބިޔާ ސަރުކާރު އަދި ވެސް ވައްޓާނުލެވޭ ކަމަށާ ސަރުކާރުގެ ހުރިހާ ގުނަވަންތަކެއް އަދިވެސް މަސައްކަތްކުރާ ކަމުގަ އެވެ. ނަމަވެސް ތަޅާފޮޅުން ހުއްޓުވުމަށް ޓަކައި ހުރިހާ ޖަމާއަތްތަކެއް ގުޅިގެން ލީބިޔާ އަށް ސުލްހަ ގެނައުމަށް ޓަކައި ގައުމީ ފެންވަރުގެ ސުލްހައިގެ ވާހަކަތަކެއް ފެށޭތޯ ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށް މިރްޣަނީ ވިދާޅުވި އެވެ.
ލީބިޔާގެ ޕާލަމެންޓްގެ ރައީސް ނޫރީ އަބޫސަހްމީން ވިދާޅުވީ ޕާލަމެންޓަށް ގަދަބާރުން ވަދެގަތް ހަނގުރާމަވެރިން އެތަން ދޫކޮށްފައި ދިޔައީ އެމީހުންނާ ދެކޮޅަށް ލީބިޔާ ސިފައިން ދިން ވަރުގަދަ ޙަމަލާތަކަކާ އެކު ދެފަރާތުގެ ދެމެދުގައި ހިނގި ކުރިމަތިލުމަކަށްފަހުގައި ކަމުގަ އެވެ. ލީބިޔާގެ ޕާލަމެންޓަށް ގަދަބާރުން ވަދެގަނެ ވަގުތީ ގޮތުން އެތަން ކޮންޓްރޯލްކުރީ ލީބިޔާގެ މަސްރަހަށް އަލަށްވަން ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖެނެރަލް ޚަލީފާ ޚަފްތަރުގެ ޖަމާއަތުން ކަމަށް އެޖަމާއަތުގެ ފަރާތުން ވާހަކަ ދެއްކި މުހައްމަދުލްހިޖާޒީ ހާމަކޮށްފައިވެ އެވެ. ހިޖާޒީ ބުނީ ވެރިރަށް ޓްރިޕޮލީގައި ހުންނަ ލީބިޔާގެ ޕާލަމެންޓަށް ހަތިޔާރާ އެކު ވަދެގަތީ އެޖަމާއަތުގެ ހަނގުރާމަވެރިން ކަމަށާ މިކަމުގެ ބޭނުމަކީ ޕާލަމެންޓްގައިތިބި ދީނީގޮތުން ހައްދުފަހަނަޅާފައިވާ ސިޔާސީ ފަރާތްތައް ޕާލަމެންޓުން ބޭރުކުރުމަށް ފަހު ލީބިޔާއަކީ ދީނީގޮތުން ހަރުކަށި ޖަމާއަތްތަކުގެ ކިބައިން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ކަމުގަ އެވެ.
ލީބިޔާގެ ޕާލަމެންޓްގެ ރައީސް ނޫރީ އަބޫސަހްމީން ވަނީ ޖެނެރަލް ޚަފްތަރުގެ ޖަމާއަތުން ޕާލަމެންޓަށް ވަދެ އޭނާއާއި ޕާލަމެންޓްގެ ބައެއް މެންބަރުން ވަގަށް ނެގުމަށް މަސައްކަތް ކުރި ކަމަށް ބުނެ ފެތުރު ޚަބަރުތަކެއް ދޮގުކުރައްވާފަ އެވެ. މިގޮތުން އަބޫ ސަހްމީން އާއި ޕާލަމެންޓްގެ އެއްވެސް މެންބަރަކަށް ވަގަށް ނެގުމުގެ ބިރާ ކުރިމަތިލާންޖެހިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ލީބިޔާގެ ޕާލަމެންޓަށް ވަދެގަތް ޖެނެރަލް ޚަފްތަރުގެ ޖަމާއަތުން ލީބިޔާގެ ވެރިކަން އެޖަމާއަތާ ޙަވާލުކުރުމަށް ޕާލަމެންޓްގެ ރައީސާއި މެންބަރުންގެ ކިބައިން އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ޚަފްތަރުގެ ޖަމާއަތާއި ލީބިޔާ ސިފައިންނާ ދެމެދު ޕާލަމެންޓްގެ ކުރިމަތީގައި ހިނގި ކުރިމަތިލުންތަކުގައި ދެމީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވި ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ލީބިޔާގެ ޕާލަމެންޓަށް ވަދެގަތް ހަނގުރާމަވެރި ޖަމާއަތުގެ ލީޑަރު ރިޓަޔަޑް ޖެނެރަލް ޚަލީފާ ހަފްތަރަކީ ލީބިޔާ ސިފައިންގެ ކުރީގެ ޖެނެރަލެކެވެ. އަވަހާރަކޮށްލާފައިވާ ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުޢައްމަރުލް ގައްޒާފީގެ ވެރިކަމުގައި އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ) އާ ގާތްގުޅުންތަކެއް ބޭއްވި ކަމުގެ ތުހުމަތުގައި ޖެނެރަލް ޚަފްތަރު މަގާމުން ދުރުކުރުމުން އޭނާ ދިރިއުޅުއްވަމުން ގެންދެވީ އެމެރިކާގަ އެވެ.
ނަމަވެސް 2011 ވަނަ އަހަރު ގައްޒާފީގެ ވެރިކަން ވައްޓާލައި ގައްޒާފީ އަވަހާރަކޮށްލުމާ އެކު ޖެނެރަލް ހަފްތަރު ވަނީ އެނބުރި ލީބޔާއަށް ވަޑައިގެން އޭނާއަށް ތާއީދުކުރާ ބައެއް ފަރާތްތަކާއެކު ހަތިޔާރުއެޅި ޖަމާއަތެއް އުފައްދަވާފަ އެވެ. މިޖަމާއަތް ބަރުހަތިޔާރާ އެކު ކުއްލިއަކަށް މިދިޔަ ހަފްތާގައި ވަނީ ލީބިޔާގެ މަސްރަހުން ފާޅުވެފަ އެވެ. ޖެނެރަލް ޚަފްތަރުގެ ޖަމާއަތުން ފާއިތުވެ ދިޔަ ދެތިން ދުވަހު ވަނީ ލީބިޔާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި މިލީޝިޔާތަކާ ދެކޮޅަށް ބަރުހަތިޔާރާއެކު ވަރުގަދައަށް ހަނގުރާމަ ކުރަންފަށާފަ އެވެ. ޚަފްތަރުގެ ޖަމާއަތަށް ލީބިޔާގައި އުފެއްދުމަށް މިހާރު މަސައްކަތްކުރާ ސިފައިންގެ ލަޝްކަރުތަކުގެ ތެރޭގައި ތާއީދުއޮތް މިންވަރު ސާފުނުވާ ކަމަށް މުރާސިލުން ބުނެ އެވެ.
ޖެނެރަލް ޚަފްތަރުގެ ޖަމާއަތާއި ލީބިޔާގެ ހަނގުރާމަވެރި އެހެން މިލީޝިޔާ ތަކާދެ މެދު ބެންގާޒީގައި ބަދަލުކުރި ޙަމަލާތަކުގައި 70 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. ޖެނެރަލް ޚަފްތަރު ވިދާޅު ވަނީ އޭނާގެ ޖަމާއަތުގެ މަގްސަދަކީ ލީބިޔާ އިން ޓެރަރިސްޓް ޖަމާއަތްތައް ނައްތާލުން ކަމަށެވެ. ލީބިޔާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި މިލީޝިޔާތަކަކީ އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން ކުރިޔަށް ނެރެގެން އުޅޭ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް ވެސް ޖެނެރަލް ޚަފްތަރު ވިދާޅުވެ އެވެ.
ނަމަވެސް ލީބިޔާ ސަރުކާރުން ބުނަނީ ޚަފްތަރުގެ ބޭނުމަކީ ގަދަބާރުން ލީބިޔާގެ ވެރިކަން އަތުލުން ކަމަށާ އޭނާއާއި އޭނާގެ ޖަމާއަތުން ކުރަމުން ގެންދަނީ ޢަސްކަރީ ބަޣާވާތެއް ކަމުގައެވެ. އަދި ޚަފްތަރަކީ ވެރިކަމުގެ ދަހިވެތިކަމުގައި އުޅުއްވާ ބޭފުޅެއް ކަމަށާ އޭނާގެ ޖަމާއަތަކީ މާބާރުގަދަ އަދި މާގިނަ ބަޔަކު ނިސްބަތްނުވާ އަދި ރައްޔިތުންގެ މެދުގައި ތާއީދުއޮތް ޖަމާއަތެއް ނޫންކަމަށްވެސް ލީބިޔާ ސަރުކާރުން ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުން ހަފްތަރުގެ ޖަމާއަތުގައި ގިނައީ ރޫޅިގެންދިޔަ ލީބިޔާ ސިފައިންގެ ތެރޭގައި މަސައްކަތްކުރި ޕްރޮފެޝަނަލް ބައެއްމީހުންނެވެ.
ބަރުހަތިޔާރާ އެކު ޖެނެރަލް ޚަފްތަރުގެ ޖަމާއަތް ފާޅުވުމުގެ ސަބަބުން ލީބިޔާގައި ދާޚިލީ ކޯޅުންތައް އިތުރަށް ބޮޑުވެ ދާޚިލީ ހަނގުރާމައަކަށް ލީބިޔާ ވެއްޓިގެން ދިޔުމުގެ ބިރު ބޮޑުވެފައިވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ. (ނޫސްއެޖެންސީތައް)