19 May 2014, 23:53
އޭއެފްސީ ޗެލެންޖް ކަޕްގައި މިއަދު ފަލަސްތީނު އަތުން ބަލިވި މެޗުގެ ނަތީޖާއާ ދޭތެރޭގައި ހިތްހަމަ ނުޖެހުނުކަމުގައި ވިޔަސް ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށް ކިރްގިސްތާން ކޯޗު ސަރުގީ ޑްވޮރިއަންކޯފް ބުނެފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ކިރްގިސްތާން ބަލިވީ މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގެ ފަހު މިނިޓްގައި ފަލަސްތީންގެ އަބްދުލް ހާމިދު ޖަހައިދިން ލަނޑާއެކު 1-0 އިންނެވެ.
"މިއީ ދާދި ހަމަހަމަ ދެޓީމުގެ ދެމެދުގައި ކުޅެވުނު މެޗެއް. މެޗުގެ ވަކި ހިސާބަކަށް ދިޔައިރު ގަބޫލުކުރެވެން ފަށައިފި ފުރަތަމަ ސްކޯ ކުރާ ބަޔަކު މޮޅުވާނެކަން. އަހަރެމެންނަށް ނަސީބު ދެރަކަމުން ފުރަތަމަ ލަނޑު ނުޖެހުނީ. އަދި ނަތީޖާ އެއްވަރުކުރާނެ ވަގުތުވެސް ނުލިބުނީ،" ޑްވޮރިއަންކޯފް ބުންޏެވެ.
ގަދަ ހޫނުގައި ކުޅެން ޖެހުމުގެ ސަބަބުން ދެޓީމު ކުޅުންތެރިންގެ ފަރާތުން ވެސް ވަރުބަލިކަން ފެނިގެން ދިޔަ މެޗާ ބެހޭގޮތުން ޑްވޮރިއަންކޯފް ބުނީ، އޭނާގެ ކުޅުންތެރިންގެ ފިޓްނަސްއާ ދޭތެރޭގައި ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.
މިއަދުގެ މެޗުން ބަލިވުމުން ސެމީއަށް ދިއުމަށް އެއްވެސް ހުރަހެއް އޮތްކަމަށް ގަބޫލުކުރެވޭތޯ ސުވާލުކުރުމުން ޑްވޮރިއަންކޯފް ބުނީ، އެފަދަ ކަމަކާ ވިސްނަން އަދި އަވަސް ކަމަށެވެ.
"އަހަރެން ގަބޫލެއް ނުކުރަން މި މެޗުގެ ނަތީޖާގެ ސަބަބުން އަހަރެންގެ ޓީމަށް ކުރިއަށް ދިއުމަށް ހުރަސް އެޅޭ ކަމަކަށް. ކުރިއަށް އަދި ދެ މެޗު އެބައޮތް. އެހެން ކަމުން މި މެޗުގެ ނަތީޖާގެ ސަބަބުން މުބާރާތުގައި އިތުރަަށް ކުރިއަށް ދިއުމަށް ހުރަސްއެޅޭނޭ ބުނެ ގޮތެއް ނިންމަން އަދި މާ އަވަސް،" ކިރްގިސްތާން ކޯޗު ބުންޏެވެ.
މި މުބާރާތުގައި ކިރްގިސްތާން ކުޅޭ ދެވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ 21:00ގައި ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. މެޗު ކުޅޭނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.