30 Dec 2010, 19:35
އިސްރާއީލުގެ ކުރީގެ ރައީސް މޯޝޭ ކަޓްޒާވްގެ މައްޗަށް އުފުލިފައިވާ ރޭޕްކުރުމާއި އަންހެން މުވައްޒަފުންނަށް ޖިންސީ ގޮތުން ގޯނާކުރުމުގެ ދައުވާ ސާބިތުވެއްޖެ އެވެ.
އިސްރާއީލުގެ މަރުކަޒީ ކޯޓުގެ ފަނޑިޔާރު އިއްޔެ ވިދާޅުވީ މޯޝޭ ކަޓްޒާވް ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ކަޓްޒާވްގެ ދަށުން މަސައްކަތްކުރާ އަންހެން މުވައްޒަފުންތަކަކަށް އޭނާ ޖިންސީ ގޮތުން ގޯނާކޮށް އޭގެތެރެއިން ބައެއް މުވައްޒަފުން ރޭޕްކޮށްފައިވާ ކަމަށް އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުވާ ކަމުގައެވެ. ކަޓްޒާވްވަނީ 2000 ވަނަ އަހަރުން 2007 ވަނަ އަހަރާ ހަމައަށް އިސްރާއީލުގެ ރައީސްކަން ކުރައްވާފަ އެވެ. ދެހާސް ހަތްވަނަ އަހަރު ކަޓްޒާވް ރައީސް ކަމުގެ މަޤާމުން އިސްތިއުފާދެއްވީ އަންހެން މުވައްޒަފުންތަކެއް ރޭޕްކުރުމާއި އެމީހުންނަށް ޖިންސީ ގޯނާކުރެއްވި ކަމުގެ ތުހުމަތުތަކާ ގުޅިގެން މަޖްބޫރުވެވަޑައިގެންނެވެ. އުމުރުން 65 އަހަރުގެ ކަޓްޒާވްގެ މައްޗަށް މިކުށް ސާބިތުވުމާ ގުޅިގެން މަދުވެގެން 16 އަހަރަށް ޖަލަށް ލުމުގެ ޙުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ. ނަމަވެސް މިޙުކުމް އިސްތިއުނާފު ކުރުމުގެ ފުރްސަތު އޭނާއަށް ލިބިވަޑައިގަންނަވާނެ ކަމަށް ޚަބަރުތައް ބުނެއެވެ.