ރާއްޖޭގައި މިއަދު ފެށިގެންދިޔަ އޭއެފްސީ ޗެލެންޖް ކަޕްގެ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ކިރްގިސްތާނާ ދެކޮޅަށް ނެރެވުނު ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށް ފަލަސްތީނުގެ ކޯޗް ޖަމާލް މަހްމޫދު ބުނެފިއެވެ.

ފަލަސްތީން ކޯޗު ބުނީ، މިއަދުގެ މެޗަކީ އުނދަގޫ މެޗެއް ކަމަށާއި އޭނާގެ ޓީމުގެ ތައްޔާރީތަކާ ބަލާފައި އިދި ކޮޅު ޓީމުން ވަނީ މި މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

"މި މެޗަކީ ވަރަށް އުނދަގޫ މެޗެއް. އިދިކޮޅު ޓީމުން ވަނީ މި މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައި. އެހެން ކަމުން މި މޮޅާ ދޭތެރޭގައި ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ،" ކޯޗް މަހްމޫދު ބުންޏެވެ.

މެޗުގެ ކުރިން ވެސް ނޫސްވެރިންނަށް މައުލޫމާތު ދެމުން އެޓީމުގެ ފަރިތަކުރުންތަކާ ދޭތެރޭގައި ހިތްހަމަ ނުޖެހޭ ކަމަށް ބުނި މަހުމޫދު ބުނީ، މިއަދުގެ މެޗުން މޮޅުވީ ކުޅުންތެރިންގެ ކިބައިން ފެނިގެންދިޔަ ޖޯޝުގެ ސަބަބުން ކަމަށެވެ.

"އުނދަގޫ މެޗެއްކަން އެނގިތިބެ މި މެޗަށް ހުރިހާ ކުޅުންތެރިން ވެސް ނުކުތި ވަރުގަދަ އަޒުމަކާއެކު ފުރަތަމަ މެޗުން މޮޅުވާން. އެހެން ނަމަވެސް އަދިވެސް ޓީމުގައި ރަނގަޅުކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި،" ކޯޗު ބުންޏެވެ.

އޭނާ ބުނީ މިއަދުގެ މެޗުގެ ފަހު ހާފުގައި އެޓީމުން ގެނައި ބަދަލު ތައް ވެސް މެޗުން މޮޅުވުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރި ކަމަށެވެ.

ފަލަސްތީން ކޯޗު ބުނީ، އޭނާގެ ޓީމުގެ އަމާޒަކީ ފުރަތަމަ މެޗުން މޮޅުވެ ދެވަނަ މެޗުވެސް ކާމިޔާބުކޮށް ސެމީގެ ޖާގައެއް އަވަހަށް ކަށަވަރުކުރުން ކަމަށެވެ.

"އަހަރެން އުންމީދުކުރަން ﷲގެ އިރާދަފުޅުން ކުރިއަށް އޮތް މެޗުން މޮޅުވެ މުބާރާތުގެ ސެމީން އެންމެ ފުރަތަމަ ޖާގަ ހޯދާ ޓީމަކަށް މިޓީމު ވުން،" ފަލަސްތީން ކޯޗު ބުންނެވެ.

މަހުމޫދު ބުނީ، މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމު ތަކަކީ ވެސް ވަރުގަދަ ޓީމުތަކެއް ކަމަށާއި ހުރިހާ ޓީމުތަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް އެބަ އޮތް ކަމަށެވެ.

ގްރޫޕް ސްޓޭޖްގައި ފަލަސްތީން ކުޅޭ ދެވަނަ މެޗުގައި ބުދަ ދުވަހު ހަވީރު 4:00 ގައި ނުކުންނާނީ މިޔަންމާއާ ދެކޮޅަށެވެ.