އިންޑިއާގައި ޖުމްލަ 49 އަހަރު ވެރިކަން ކުރި އިންޑިއަން ނެޝަނަލް ކޮންގްރެސް ޕާޓީގެ ޒައާމަތުން އިސްތިއުފާ ދެއްވުމަށް ސޯނިއާ ގާންދީއާއި ދަރިކަލުން ރާހުލް ގާންދީ ހުށަހަޅުއްވުމުން ޕާޓީން ދެކޮޅު ހަދައިފި އެވެ.

ކޮންގްރެސްޕާޓީގެ އިސް އޮފިޝަލަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ އިން ބުނީ އިންތިހާބުގައި ޕާޓީ ބަލިވުމާ ގުޅިގެން އެ ޕާޓީގެ ރައީސް ސޯނިއާ ގާންދީއާއި ނައިބު ރައީސް ރާހުލް ގާންދީ އިސްތިއުފާ ހުށަހެޅުއްވި ކަމަށެވެ.

"... އެދެބޭފުޅުން ވެސް އިސްތިއުފާ ހުށަހެޅުއްވި އެކަމަކު މުޅި ޕާޓީން އެކަމާ ދެކޮޅު ހެދީ،" ކޮންގްރެސްޕާޓީ އަށް ނިސްބަތްވާ ޕާލަމެންޓް މެމްބަރެއް ކަމަށްވާ އަމަރިންދަރު ސިންގް ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

މިއަދުގެ ކުރީގެ ވަގުތެއްގައި ސޯނިއާ ގާންދީގެ ޕޮލިޓިކަލް ސެކްރެޓަރީ އަހުމަދު ޕަޓޭލް ވިދާޅުވެފައި ވަނީ ބަލިވުމުގެ ޒިންމާ އޭނާ ވެސް ހިމެނިވަޑައިގަންނަވާ ގޮތުން ހުރިހާ އެންމެން ވެސް އުފުލަން ޖެހޭ ކަމަށެވެ.

"... މިނަތީޖާގެ ޒިންމާ ވަކި ފަރުދެއްގެ ބޮލުގައި އަޅުވާނީ ކިހިނެތް؟ މިއީ ޕާޓީއާ ސަރުކާރާ އެކު އެންމެން ނަގަން ޖެހޭ ޒިންމާއެއް،" އަހުމަދު ޕަޓޭލް ވިދާޅުވެފައިވެ އެވެ.

ކޮންގްރެސް ޕާޓީގެ ލީޑަރު މަނީޝް ތިވާރީ ވިދާޅުވެފައި ވަނީ އިންތިހާބަކުން ބަލިވާ ވަގުތު އިސްތިއުފާ ދިނުމަކީ ކުރިއަށް އެޅޭ ފިޔަވަޅެއް ނޫން ކަމަށެވެ.

އިންޑިއާގައި އެންމެ ފަހުން ބޭއްވި އިންތިހާބުގައި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ވަނީ ކޮންގްރެސް ޕާޓީގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯދާފަ އެވެ. އެގޮތުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް "ލޮކްޝަބާ"ގެ 543 ގޮނޑީގެ ތެރެއިން 282 ގޮނޑި ބީޖޭޕީން ވަނީ ކާމިޔާބުކޮށްފަ އެވެ. ކޮންގްރެސް އަށް ކާމިޔާބުކުރެވުނީ 44 ގޮނޑި އެވެ.