Last Updated:
1 decade 2 year ago

10 ކުޅުންތެރިންނާއެކު ކުޅެ މިޔަންމާ، ރާއްޖެ ބަލިކޮށްފި

    ބުލޮގު ޚުލާސާ
    މިޔަންމާއިން ރާއްޖެ ބަލިކޮށްފި. މިޔަންމާގެ 10 ނަމްބަރު ކުޅުންތެރިޔާ ވަނީ ދެ ލަނޑު ޖަހާފައި. ރާއްޖެއިން ލަނޑު ޖެހީ އުމައިރާއި އަޝްފާގު.
    23:42

    އެތައް ހާސް ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި 10 ކުޅުންތެރިންނާއެކު ކުޅުނު މިޔަންމާ ޓީމުން 3 ލަނޑު 2 ލަނޑުން ރާއްޖެ ބަލިކޮށްފި އެވެ.

    އޭއެފްސީ ޗެލެންޖް ކަޕް ހުޅުވި މެޗުގައި، މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފޯރިގަދަ މެޗުގެ 22 ވަނަ މިނިޓްގައި މިޔަންމާ ޓީމުގެ ތިއެންޒޯއަށް ރެފްރީ ދެއްކި ދެ ވަނަ ރީނދޫ ކާޑާއެކު، ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލި ނަމަވެސް އެ ޓީމުން ވަނީ ފަހު ވަގުތާ ޖެހެންދެން ވެސް ހިތްވަރުކޮށް ރާއްޖޭ ކޮޅަށް ނުރައްކާ ކޮށްފަ ކާމިޔާބު ހޯދާފަ އެވެ.

    މެޗުގެ ދެ ވަނަ މިނިޓްގައި އުފެއްދި ހަމަލާއާއެކު ރާއްޖޭ ކޮޅަށް ދޭތެރެ ދޭތެރެއިން ނުރައްކާ ކުރަމުން އައި މިޔަންމާ ޓީމުން ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އެ ޓީމުގެ ކިޔަން ކޯ ކޯ އެވެ. ރާއްޖޭ ޕެނަލްޓީ އޭރިޔާތެރޭގައި ހުރި މިޔަންމާގެ ކޯ އަށް ލިބުނު ބޯޅަ އޭނާ ގޯލްތެރެއަށް ފޮނުވާލީ ވަރަށް ހަމަޖެހިލައިގެން ހުރެ އެވެ.

    މިޔަންމާ ޓީމުން އެއްކުޅުންތެރިއަކު މަދުން ކުޅުނު ނަމަވެސް ރާއްޖޭ ޓީމަށް އޭގެ ފައިދާ ނުނެގި ގިނަ އިރު ވުމުގެ ނަތީޖާއަކަށްވީ، ހިތްވަރާއެކު މަސައްކަތްކުރަމުން އައި މިޔަންމާ ކުޅުންތެރިން މެޗުގެ 45 ވަނަ މިނިޓް ތެރޭގައި ރާއްޖޭ ގޯލަށް ދެވަނަ ފަހަރަށް ބޯޅަ ވައްދައިލުމެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ، ނިއެން ޗަން އައުން އެވެ.

    ދެ ޓީމުގެ ފަރާތުން ވެސް އަވަސް ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފްގައި ރާޖޭ ޓީމުން ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް މިޔަންމާ ޓީމުގެ ގޯލްތެރެއަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

    ދެވަނަ ހާފްގެ ކުޅުން ރާއްޖޭ ޓީމުން ފެށީ ބަދަލަކާއެކު އެވެ. އެގޮތުން މެދުތެރެއަށް ކުޅެމުން ގެންދިޔަ ޝަންވީލް ގާސިމް (ބޮންޑާ)ގެ ބަދަލުގައި އެތަނަށް ކުޅެން އެރުވީ މުހައްމަދު އާރިފް (ބަކާ) އެވެ. މި ބަދަލާ އެކު ރާއްޖޭ ޓީމުން ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ރަނގަޅު ކުޅުމެއް ދައްކައި ނަތީޖާ ހަނިކުރީ 54 ވަނަ މިނިޓްގައި އުމޭރު ޖަހައިދިން ހިތްގައިމު ލަނޑުންނެވެ.

    ރާއްޖޭ ޓީމުން އެޓޭކިން ވަރުގަދަ ކުރުމަށް ދެ ވަނަ ބަދަލެއްގެ ގޮތުގައި ހުސައިން ނިޔާޒު (ބޮކުރީ) ގެ ބަދަލުގައި އިބްރާހީމް ފަޒީލް (އޮއްޕޮ) ކުޅެން ނެރުނެވެ. އަދި އެޔާއެކު ދެވަނަ ހާފްގައި ވެސް ރާއްޖޭ ޓީމުން ހަމަލާތައް ވަރުގަދަ ކުރިތަން ފެނިގެން ދިޔަ ނަމަވެސް ރާއްޖޭ ޓީމަށް މިޔަންމާގެ ގޯލަށް ބޯޅަ ވައްދާލެވޭ ގޮތްވަނީ ނުވެފައެވެ. މެޗުގެ 66 ވަނަ މިނިޓްގައި މިޔަންމާގެ ގޯލް ތެރެއަށް ދަގަނޑޭ ވަނީ ބޯޅައެއް ވައްދައިލާފަ އެވެ. އެހެން ނަމަވެސް އެސިސްޓެންޓް ރެފްރީ އޭރުވަނީ ދަގަނޑޭ ހުރީ އޮފްސައިޑް ކަމަށް ދައްކައިފަ އެވެ.

    ރާއްޖޭ ޓީމުން ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަ ނަމަވެސް ގޯލް ނުޖެހި ގިނައިރުވުމާއި އަދި ޑިފެންސުން ހެދުނު ގޯސްތަކުގެ ފައިދާ މިޔަންމާ ޓީމުން ނެގީ މެޗުގެ ފުރިހަމަ ވަގުތުގެ ފަހު ވަގުތުކޮޅުގެ ތެރޭގަ އެވެ. އެގޮތުން މިޔަންމާ ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިން ކޯ ވަނީ، މެޗުގެ 90 ވަނަ މިނިޓްގައި ރާއްޖޭގެ ގޯލަށް އެ ޓީމުގެ ތިން ވަނަ ލަނޑުޖަހައި ރާއްޖޭ ކުޅުންތެރިން މާޔޫސް ކޮށްލާފަ އެވެ.

    މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓްގެ ފަހު ދެވަނަ މިނިޓްގެ ތެރޭގައި ރާއްޖޭ ޓީމުގެ ދެވަނަ ލަނޑު ޖަހަދިނީ، މުޅި މެޗުގައި ވެސް ފާހަގަކޮށްލެވޭފަދަ މޮޅުކުޅުމެއް ކުޅުނު ރާއްޖޭ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު އެވެ.

    ރަތް ކާޑަކާއި ނުވަ ރީނދޫ ކާޑު ފެނިގެންދިޔަ މި މެޗުގައި، މިޔަންމާގެ އަށް ކުޅުންތެރިންނަށް ވަނީ ރީނދޫ ކާޑު ދައްކާފަ އެވެ. އަދި ރާއްޖޭ ޓީމުން އަކޫއަށް ވެސް ރީނދޫ ކާޑެއް ދައްކާފައިވެ އެވެ.

    ޗެލެންޖް ކަޕްގެ ގްރޫޕް އޭގެ ފުރަތަމަ ދެ މެޗު ކުޅުނު އިރު ގްރޫޕްގެ ކުރީގައި އޮތީ މިއަދު ކިރްގިސްތާން އަތުން 1-0 އިން މޮޅުވި ފަލަސްތީނާއި ރާއްޖެ އަތުން މިރޭ މޮޅުވި މިޔަންމާ އެވެ.

    މި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީގެ ދެ މެޗެވެ. އެގޮތުން އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ ފުރަތަމަ މެޗުގައި ހަވީރު 4:00ގައި ވާދަ ކުރާނީ، ތުރުކުމެނިސްތާނާއި ލާއޯސް އެވެ. އަދި ރޭގަނޑު 21:00ގައި ކުޅޭ މެޗުގައި ވާދަކުރާނީ، ފިލިޕިންސާއި އަފްޣާނިސްތާނެވެ.

    22:58

    މެޗު ނިމިއްޖެ.
    22:57

    ރާއްޖޭ ޓީމުން ފަހު ވަގުތުގައި ވެސް ނުރައްކާތެރި ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކުރި އެހެން ނަމަވެސް މިޔަންމާ ކުޅުންތެރިން ވަނީ އެޓީމުގެ ޕެނަލްޓި އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ކޯނަރަކަށް ބޭރުކޮށްލާފައި.
    22:57

    މެޗުގެ އިތުރު ވަގުތުގެ ހަތް މިނިޓްގެ ކުޅުންވެސް މިހާރު މި ނިމެނީ. މިޔަންމާ ކުޅުންތެރިން ދަނީ ކުޅުން ލަސްކުރަމުން.
    22:56

    މިޔަންމާ ޕެނަލްޓީ އޭރިޔާ ތެރެއިން ދަގަނޑޭއަށް ލިބުނު ބޯޅަ ވަރަށް ރީތިކޮށް ގޯލް ތެރެއަށް ފޮނުވާލައިފި. ރާއްޖެ 2 ، މިޔަންމާ 3.
    22:54

    ކައުންޓަރ އެޓޭކްގައި އަރައި މިޔަންމާ ޓީމުން ތިން ވަނަ ލަނޑު ޖަހައިފި.
    22:50

    އިތުރު ވަގުތުގެ ގޮތުގައި 7 މިނިޓް ދައްކައިފި.
    22:48

    މިޔަންމާ ޓީމުން އަނެއްކާ ވެސް ބަދަލެއް ގެނެސްފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ ދޮޅު މިނިޓަށް ވެފައި މި ވަނީ.
    22:46

    މިޔަންމަ ކުޅުންތެރިން އަނެއްކާ ވެސް ވަރަށް ނުރައްކާތެރި ހަމަލާއެއް އުފައްދައިފި. ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާ ކީޕަރު އިމްރާންގެ އަތުގައި ޖެހިފައި ބޭރަށް.
    22:45

    ރާއްޖޭ ޓީމުން ބަދަލެއް. މުހައްމަދު ރަޝީދު (ހޮކޭ) ގެ ބަދަލުގައި އަސަދުﷲ ކުޅެން އަރުވައިފި.
    22:45

    މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 5 މިނިޓަށް ވެއްޖެ. ރާއްޖެ 1، މިޔަންމާ 2.
    22:44

    މިޔަންމާ އޭރިޔާ ތެރެއަށް ދަގަނޑޭ ވަރަށް ރީތި ޕާހެއް ދިނީ، އެހެން ނަމަވެސް ސެންޓޭ ބޯޅަ ފޮނުވާލަން ތައްޔާރުވި ވަގުތު މިޔަންމާ ކީޕަރު މިވަނީ ބޯޅަ ދިފާއުކޮށްފައި.
    22:43

    މިޔަންމާ އޭރިޔާތެރެއިން އަކޫ ގޯލާ ދިމާއަށް ބޯޅަ ފޮނުވާލެވޭތޯ މަސައްކަތްކުރި. އެހެން ނަމަވެސް މިޔަންމާ ކުޅުންތެރިން ބޯޅަ ދިފާއުކޮށްފި.
    22:41

    މިޔަންމާ ޓީމުން ބަދަލެއް.
    22:39

    މީގެ ކުޑައިރުކޮޅެއް ކުރިން ދަގަނޑޭއަށް ރަނގަޅު ފުރުސަތެއް ލިބުނު، މިޔަންމާ ގޯލަށް ބޯޅަ ފޮނުވައިލަން. އެހެން ނަމްވެސް ދަގަނޑޭ ބެލީ އޭރިޔާ ތެރޭގައި ހުރި އޮއްޕޮއަށް ބޯޅަ ދެވޭތޯ.
    22:38

    މިޔަންމާ ކުޅުންތެރިއަކު މިވަނީ، އެޓީމުގެ ހާފް ތެރެއަށް ވެއްޓިފައި.
    22:37

    ކައުންޓަރ އެޓޭކްގައި ސެންޓޭ އެކަނި ބޯޅަ ހިފައިގެން އަރައި މިޔަންމާ ޕެނަލްޓީ އޭރިޔާ ތެރެއިން ދަގަނޑޭއަށް ބޯޅަ ދޭން މަސައްކަތް ކުރި ނަމަވެސް ދަގަނޑޭއަށް ބޯޅަ ލިބުމުގެ ކުރިން މިޔަންމާ ޑިފެންޑަރުން މިވަނީ ބޯޅަ ދިފާއުކޮށްފައި.
    22:36

    ރާއްޖޭ ހާފްގެ މެދެއްހާ ހިސާބުން މިޔަންމާ ކުޅުންތެރިއަކަށް ފައުލުކުރުމާ ގުޅިގެން އަކޫއަށް މިވަނީ ރީނދޫކާޑެއް ދައްކާފައި.
    22:33

    މެޗުގެ 73 ވަނަ މިނިޓްގެ ކުޅުން ކުރިއަށްދާއިރު މި މެޗުގައި މިޔަންމާ ކުޅުންތެރިން މިވަނީ ގިނަ ފައުލް ތަކެއް ކޮށްފައި. އެގޮތުން 7 ރީނދޫ ކާޑާއި ރަތްކާޑެއް މި މެޗުގައި ފެނިގެން ދިޔައިރު ހުރިހާ ކާޑެއް ވެސް ދައްކާފައި ވަނީ މިޔަންނާ ކުޅުންތެރިންނަށް.
    22:31

    މިޔަންމާ ހާފް ތެރެއިން އެޓީމުގެ 6 ނަންބަރު ކުޅުންތެރިޔާ ދަގަނޑޭއަށް ފައުލުކުރުމާ ގުޅިގެން އެކުޅުންތެރިޔާއަށް ރީނދޫ ކާޑެއް ދައްކައިފި.
    22:29

    މިޔަންމާ ޓީމުން ބަދަލެއް ގެނެސްފި. 4 ނަންބަރުގެ ބަދަލުގައި 11 ނަންބަރު ކުޅެން ނެރެފި.
    22:28

    ރާއްޖެ ޓީމުން އަނެއްކާ ވެސް މިޔަންމާ ކޮޅަށް ހަމަލާއެއް އުފައްދައިފި. އެޓީމުގެ ޕެނަލްޓީ އޭރިޔާތެރެއަށް ނަަގައިދިން ހުރަސް އޮއްޕޮ ވަނީ ގޯލާ ދިމާއަށް ފޮނުވާލާފައި.
    22:23

    ދަގަނޑޭ މިޔަންމާ ހާފުތެރެއިން ބޯޅަހިފައިގެން ދާން އުޅުމުގެ ތެރޭގައި އެޓީމުގެ 6 ނަންބަރު މިވަނީ ދަގަނޑޭ ހުއްޓުވަން ފައުލުކޮށްފައި. އެފްރީ އޭނާއަށް ރީނދޫ ކާޑެއް ދައްކައިފި.
    22:22

    ރާއްޖޭ ކުޅުންތެރިން މިވަނީ އަނެއްކާވެސް މިޔަންމާ ކުޅުންތެރިއަކަށް ފައުލުކޮށްފައި.
    22:21

    މިޔަންމާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަރަށް ރީތިކޮށް އޮއްޕޮ ނަގައިދިން ހުރަހެއް. އެހެން ނަމަވެސް އޭރިޔާ ތެރޭގައި ހުރި ސެންޓޭގެ ފަޔަށް ރަނގަޅަށް ބޯޅަ އަރާގޮތެއް ނުވި.
    22:18

    ރާއްޖޭ ޓީމުން ބަދަލެއް ގެންނަނީ. ބޮކުރީގެ ބަދަލުގައި އޮއްޕޮ ކުޅެން ނެރެފި.
    22:17

    ރާއްޖޭ ޕެނަލްޓީއޭރިޔާ ކުރިމަތިން ހާފުގެ މެދެއްހާ ހިސާބުން އަކޫ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި މިޔަންމާގެ ކެޕްޓަންއަށް ފައުލް ކުރެވިފައި މިވަނީ.
    22:15

    މިޔަންމާ ޕެނަލްޓީ އޭރިޔާ ތެރެއިން ދެ ކުޅުންތެރިން ކަޓުވާލާފައި ދަގަނޑޭ، ޕެނަލްޓީ އޭރިޔާތެރޭ ހުސްކޮށް ހުރި އުމޭރުއަށް އެހާރީތިކޮށް ދިން ބޯޅަ އުމޭރުވަނީ އެހާރީތިކޯށް ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފައި.
    22:15

    ރާއްޖެ ލަނޑު ޖަހައިފި.
    22:12

    ފުރަތަމަ ހާފެކޭ އެއްގޮތަށް ދެ ވަނަ ހާފްގެ ވެސް ކުރީ ކޮޅުގައި ރާއްޖެއިން މިވަނީ މިޔަންމާ ގޯލަށް ނުރައްކާވާގޮތަށް ދެތިން ހަމަލާއެއް އުފައްދާފައި. އެހެން ނަމަވެސް ގޯލަށް ބޯޅަ ވައްދާލެވޭގޮތެއް ނުވޭ.
    22:10

    އުމޭރު ވަރަށް ރީއްޗަށް ބޯޅަ ހިފައިގެން މިޔަންމާ އޭރިޔާގެ ބޭރު ކަނާދިމާގައި ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ދިމާއިން މައްޗަށް.
    22:09

    ރާއްޖެއިން ހަމަލާއެއް އުފައްދަން މަސައްކަތްކޮށްފި. ނަމަވެސް މިޔަންމާގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ކޯނަރަކަށް.
    22:07

    އަދިވެސް މޮޅަށް ކުޅެމުންދަނީ މިޔަންމާއިން. މެޗުގެ ފުރަތަމަ ހަމަލާ މިޔަންމާއިން އުފައްދައިފި. ނަމަވެސް ކާމިޔާބެއް ނުވި.
    22:05

    ދެ ވަނަ ހާފުގެ ކުޅުން ފަށައިފި. ބޮންޑާ ބޭލުމަށްފަހު ބަކާ އަރުވައިފި.
    22:02

    ގައުމީ ފުޓްބޯޅަ ދަނޑު މަތިން ޑްރޯންއެއް ދުއްވާ މައްސަލަ އޭއެފްސީން ފުލުހުންނަށް ހުށަހަޅައިފި. ފުލުހުން ބުނީ އެ ޑްރޯން ކޮންޓްރޯލް ކުރަނީ ކޮންް ބައެއްތޯ ބަލަމުންދާ ކަމަށް.
    21:50

    ފުރަތަމަ ހާފްގެ ކުޅުން ނިމިގެން މިދިޔައީ، މެޗުގެ 21 ވަނަ މިނިޓުން ފެށިގެން 10 ކުޅުންތެރިންނާއެކު ކުޅެމުން އަންނަ މިޔަންމާ 2 ލަނޑު އަދި ރާއްޖެއަށް ލަނޑެއް ނުޖެހި އޮވެ.
    21:49

    ފުރަތަމަ ހާފްގައި ރާއްޖޭ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދިތަން ފެނިގެން ދިޔަ ނަމަވެސް، ރަނގަޅަށް ނިންމާ ނުލެވޭތަން ފެނިގެން މިދަނީ.
    21:47

    ރާއްޖޭ ޓީމުން ރަނގަޅު އެޓޭކިން ކުޅުމެއް ދައްކަމުން ދިޔަނަމަވެސް، ފަހަތަށް ކުޅޭ ކުޅުންތެރިންގެ ފަރާތުން މިވަނީ ބޮޑެތި ގޯސްތަކެއް ހެދިފައި. އޭގެ ނަތީޖާއަކަށް މިވީ، އެއް ކުޅުންތެރިއަކު މަދުން ކުޅެމުން އަންނަ މިޔަންމާއިން ރާއްޖެ ކޮޅަށް ދެ ލަނޑު ޖެހުން.
    21:47

    މިހާރު މިކުޅެނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 4 މިނިޓްގެ ކުޅުން. މިޔަންމާ 2 ރާއްޖެ 0.
    21:46

    މިޔަންމާ ޓީމުން އަނެއްކާ ވެސް ލަނޑު ޖަހައިފި. އެޓީމުގެ 10 ނަންބަރު ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއިން 21 ނަންބަރަށް ދިން ބޯޅަ އެހާ ރީތިކޮށް އޭނާ ވަނީ ގޯލްގެ ތެރެއަށް ފޮނުވާލާފައި.
    21:45

    ރާއްޖޭ ޓީމަށް އަނެއްކާ ވެސް ކޯނަރެއް. ކޯނަރު ނަގަނީ އުމޭރު. އުމޭރު ނެގި ކޯނަރު ކީޕަރުގެ އަތުގައި ޖެހިފައި ބޭރަށް.
    21:42

    މިޔަންމާ ޓީމުން 10 ކުޅުންތެރިންނާ އެކު ކުޅެމުންދާއިރު ވެސް ރާއްޖޭ ޓީމަށް އޭގެ ފައިދާ ނުނެގިގެންދާ ތަން މިފެންނަނީ.
    21:40

    ރާއްޖޭގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލާފައި ބޯޅަހިފައިގެން ޕެނަލްޓީއޭރިޔަތެރެއަށް ވަދެ އެހާރީތިކޮށް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލީ 10 ނަންބަރު ކިޔަން ކޯ ކޯ.
    21:39

    މިޔަންމާ ޓީމުން ރައްޖެ ކޮޅަށް ލަނޑު ޖަހައިފި.
    21:38

    މިޔަންމާ ޕެނަލްޓީ އޭރިޔާ އަރިމަތިން ގޯލްއޭރިޔާތެރެއަށް ބޮކުރީ ވަރަށް ރީތި ހުރަހެއް ނަގައިދީފި. އެހެން ނަމަވެސް އެ ބޯޅަޔަށް އަރަން ހުރި އުމޭރުއަށް ބޯޅައަށް ނޭރެނީސް ކީޕަރު ބޯޅަ ހިފައިފި.
    21:37

    ރާއްޖޭ ޕެނަލްޓީ އޭރިޔާގެ ބޭރު ރޮނގުމަތީ ހުރި މިޔަންމާ ޓީމުގެ 21 ނަންބަރަށް ލިބުނު ބޯޅައެއް ވަރަށް ބާރަށް ފޮނުވާލި ބަމަވެސް އަމާޒުވީ ކީޕަރު އިމްރާން ގެ އަތަށް.
    21:36

    ބޮކުރީއަށް އަނެއްކާވެސް ނަތީޖާ ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެއްޖެ.
    21:35

    މިޔަންމާ ކުޅުންތެރިން ރާއްޖޭ ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފައްދަައިފި. އެޓީމުގެ 10 ނަންބަރު ބޯޅަ ހޯދައިގެން ރާއްޖޭ ޕެނަލްޓީއޭރިޔާގެ އަރިމަތިން އެތެރެއަށް ވަދެ ފޮނުވާލި ހަމަލާ ކީޕަރު އިމްރާން އަތުގައި ޖެހިފައި ބޭރަށް ނުކުތީ.
    21:33

    މިހާރު މިވަނީ ވޯޓަރ ބްރޭކެއް ނަގާފައި.
    21:31

    މިޔަންމާ ހާފްގެ މެދެއްހާ ހިސާބުގަ ހުރި އަޝްފާގަށް ބޮކުރީ ދިން ޕާހެއްގައި ބޯޅަ ހޯދައިގެން މިޔަންމާ ޕެނަލްޓީއޭރިޔާ ތެރެއަށް ވަދެ ގޯލަށް ނުރައްކާ ކުރަން އުޅުނު ނަމަވެސް ދަގަނޑޭއަށް ރަނގަޅަށް ބޯޅަ ފޮނުވާލެވޭގޮތެއް ނުވި.
    21:29

    މިޔަންމާ ކުޅުންތެރިން އެއް ކުޅުންތެރިން މަދުން ކުޅެމުންދާ ނަމަވެސް އެޓީމުން އެކަން ފެނިގެނެއް ނުދޭ.
    21:28

    ދެޓީމުގެ ފަރާތުން ވެސް ފެންނަނީ ވަރަށް އަވަސް ކުޅުމެއް.
    21:28

    މިޔަންމާ ކުޅުންތެރިޔާއަށް ރަތްކާޑު ދެއްކުމުން އެޓީމުގެ އޮފިޝަލުން އަދިވެސް ގެންދަނީ، މައްސަލަ ޖައްސަމުން.
    21:27

    މިޔަންމާ ކުޅުން ތެރިން ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ރޮނގުމަތިން ފޮނުވާލި ހަމަލާ ގޯލަށް އަމާޒުވާގޮތެއް ނުވި.
    21:24

    ދަގަނޑޭ ވަރަށް ރީތިކޮށް މިޔަންމާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި ބޯޅަހިފައިގެން މިޔަންމާ ޕެނަލްޓީ އޭރިޔާތެރޭގައި ހުރި ސެންޓޭއަށް ބޯޅަ ދިން ނަމަވެސް ގޯލްގެ އަރިމަތީގައި ހުރި ސެންޓޭއަށް ބޯޅަ ގޯލަށް އަމާޒުކުރެވޭ ގޮތެއް ނުވި.
    21:21

    މިޔަންމާ ހާފްތެރެއިން ދަގަނޑޭ ބޯޅައަށް ދުވަނިކޮށް މިޔަންމާ ޓީމުގެ 16 ނަންބަރު ތިއެން ޒޯ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ގަސްތުގައި ބޯޅައިގައި އަތްލީ ކަމަށް ބަލައި ރެފްރީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައިފި.
    21:17

    މިޔަންމާ ޓީމުގެ ޕެނަލްޓީ އޭރިޔާގެ އަރިމަތިން އުމޭރު ފޮނުވާލި ބާރު ހިލޭޖެހުން ކީޕަރުގެ އަތުގައި ޖެހިފައި ބޭރަށް.
    21:15

    މެޗުގެ ކުރިން ގައުމީ ޓީމުގެ ކޯޗް ޑްރާގޯ މަމިޗް ބުނެފައިވަނީ، އޭނާއަށް މިޔަންމާގެ ގިނަ ކުޅުންތެރިން ވަރަށް ރަނގަޅަށް އެނގޭ ކަމަށް. އެހެން ކަމުން އެ ޓީމާ ދެކޮޅަށް ކުޅޭނޭ ގޭމްޕްލޭން ރާވަން ފަސޭހަވާނެ ކަމަށް.
    21:13

    ކުޑައްޓޭއަށް ފައުލްކުރުމުން މިޔަންމާގެ ކެޕްޓަން ޔަންޕައިންއަށް މިވަނީ ރީނދޫ ކާޑެއް ދައްކާފައި.
    21:11

    ރައްޖޭ ޓީމުން ރަނގަޅު ހަމަލާއެއް އުފައްދައިފި. ބޮކުރީ ފޮނުވާލި ބާރު ހަމަލާ މިޔަންމާ ކީޕަރު ވަނީ ދިފާއުކޮށްފައި.
    21:11

    ދަގަނޑޭއަށް މިޔަންމާ ހާފްތެރެއިން އެޓީމު ކުޅުންތެރިއަކު ފައުލް ކުރުމުން ލިބުނު ހިލޭ ޖެހުން ފޮނުވާލައިފި.
    21:10

    މިޔަންމާއަށް ރާއްޖޭ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމެއް އެޓީމު ކުޅުންތެރިން ފޮނުވާލުމުން ކީޕަރު އިމްރާން ދިފާއުކޮށްފި.
    21:09

    މިޔަންމާ ޕެނަލްޓީއޭރިޔާ ކުރިމަތިން ބޯޅަ ހޯދައިގެން އޭރިޔާ ތެރޭގައި ކުރި ދަގަނޑޭއަށް ބޯޅަ ދިނުމަށް ސެންޓޭ މަސައްކަތް ކުރި ނަމަވެސް ބޯޅަ ދެވޭގޮތެއް ނުވި.
    21:09

    މިޔަންމާ މި މުބާރާތައް ނުކުތް އިރު، އެ ޓީމުން ވަނީ އާ ކޯޗަކު ހޯދާފައި. މި އަހަރުގެ ފެބްރުއަރީ މަހު އެ ޓީމާ ހަވާލުވި އާ ކޯޗަކީ ސާބިޔާގެ ރައްޔިތެއް ކަމަށްވާ ރަޑްކޯ އަވްރަމޯޗް. އޭނާ ކުރިން ވަނީ ސިންގަޕޫރާއި އޮމާން އާއި ކުވައިތުގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފައި.
    21:06

    އަނިޔާއަށްފަހު ކީޕަރު އިމްރާން ކުޅުމަށް.
    21:05

    ކީޕަރު އިމްރާނަށް އަނިޔާވެއްޖެ. އޭނާއަށް ފަރުވާދެނީ.
    21:05

    ރާއްޖޭގެ ޑިފެންސް ވަރަށް ބޮޑަށް ވީކް. ތިން ވަނަ ހަމަލާ އަނެއްކާވެސް މިޔަންމާއިން އުފައްދައިފި.
    21:04

    މިޔަންމާ ޓީމަކީ ވެސް ތަށްޓަށް ވާދަކުރާނެ ފެންވަރު ހުރި ޓީމެކެވެ. މިދިޔަ އަހަރުގެ އޭއެފްސީ ފުޓުބޯޅަ މުބާރާތުގައި ނިއުރޭޑިއަންޓާ ގްރޫޕު ސްޓޭޖުގައި ވާދަކުރި ޔަންގޮން ޔުނައިޓެޑްގެ ގިނަ ކުޅުންތެރީން ތަކެއް މިޔަންމާ ޓީމުގައި މިހާރު ވެސް ހިމެނެއެވެ.
    21:02

    އަނެއްކާވެސް މިޔަންމާއިން ހަމަލާއެއް އުފައްދައިފި. މިޔަންމާއިން ދަނީ މޮޅަށް ކުޅެ، ރާއްޖެ ކޮޅަށް ހަމަލާ އުފައްދަން މަސައްކަތް ކުރަމުން.
    21:02

    މިޔަންމާއިން ފައުލްކޮށްފި. ޖެހުން ރާއްޖެއަށް.
    21:01

    މިޔަންމާއިން އެންމެ ފުރަތަމަ ފަހަރަށް ހަމަލާ އުފައްދައިފި. ޕެނަލްޓީ އޭރިޔާ ތެރެއިން މިއަންމާ އުފެއްދި ހަމަލާ ދިޔައީ ބޭރަށް.
    21:00

    މެޗު ފަށަނީ މިޔަންމާއިން. މެޗު ފަށައިފި.
    20:59

    މެޗު ފަށަން ތައްޔާރުވެއްޖެ. ރާއްޖޭގެ ކުޅުންތެރިން ސަޕޯޓަރުންނަށް ހަނާ އަޅަނީ. ރާއްޖެ ޓީމާއި މިޔަންމާ ޓީމުން ފޮޓޯއަކަށް ތައްޔާރުވެއްޖެ
    20:56

    ރާއްޖޭގެ ގައުމީ ސަލާމް.
    20:55

    މިޔަންމާގެ ގައުމީ ސަލާމް ކުރިއަށްދަނީ.
    20:53

    މެޗަށް ދެ ޓީމުގެ ކުޅުންތެރިން ދަނޑަށް އަރައިފި. މެޗުގެ ޝަރަފުވެރި މެހެމާން މައުމޫން ދަނީ ދެ ޓީމުގެ ކުޅުންތެރިންނާ ސަލާމް ކުރަމުން.
    20:52

    މިރޭގެ މެޗްގެ ޝަރަފްވެރި މެހެމާން ކުރީގެ ރައީސް މައުމޫން ރާއްޖޭގެ ގައުމީ ޓީމަށް ކާމިޔާބަށް އެދިވަޑައިގެންފި

    20:44

    މިރޭގެ މެޗުގެ ޝަރަފުވެރި މެހެމާން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއެކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެސް ދަނޑަށް ވަޑައިގެން އެބަ އިންނެވި.
    20:43

    މުބާރާތް ހުޅުވާ ރަސްމިއްޔާތު ފަށައިފި. ގައުމީ ޓީމަށް ހިތްވަރު ދިނުމުގެ ލަވަތަކާއެކު، ނެށުމުގެ ހަރަކާތްތަކެއް ދަނޑު މަތީގައި ދިވެހި ޒުވާނުންތަކެއް ދަނީ ދައްކަމުން.
    20:42

    މި މުބާރާތުގެ ޗެންޕިއަންކަން ލިބޭ ޓީމަކަށް އޭޝިއަން ކަޕުގައި ކުޅުމުގެ ފުރުސަތު ލިބިގެންދާއިރު، 1968 ވަނަ އަހަރުގެ އޭޝިއަން ކަޕުގައި މިޔަންމާ ވަނީ ވާދަކޮށްފަ އެވެ.
    20:41

    މިއީ ޗެލެންޖްކަޕްގައި ރާއްޖެ ކުޅޭ ދެ ވަނަފަހަރެވެ. ފީފާ ރެންކިންގައި ރާއްޖެ އޮތީ 153 ވަނަ މަގާމްގައެވެ. ރާއްޖެއަކީ މި ފަހަރުގެ މުބަރާތް ކާމިޔާބު ކުރާނެކަމަށް އެންމެ ގިނަބަޔަކު އިއްތިފާގުވާ ޓީމު ވެސް މެއެވެ.

    ރާއްޖެއާ ދެކޮޅަށް މިރޭ ނިކުނަ މިޔަންމާ ފީފާރޭންކިންގައި އޮތީ 20 ދަރަޖަ ފަހަތުގައެވެ. މިޔަންމާ ޓީމް ވަނީ 2010 ވަނަ އަހަރު ވެސް ޗެލެންޖު ކަޕަށް ކޮލިފައިވެފައެވެ. އެ ޓީމު މުބާރާތަށް ކޮލިފައިވި ދެ ފަހަރު ވެސް ވަނީ، ތިން ވަނަ ހޮވާ މެޗުން ބަލިވެ މުބާރާތުގެ ހަތަރު ވަނައަށް ވެއްޓިފަ އެވެ. ޗެލެންޖު ކަޕުގައި މިޔަންމާ ވަނީ 10 މެޗު ކުޅެ، ހަތަރު މެޗު ކާމިޔާބުކޮށްފަ އެވެ. އަދި ހަ މެޗުން ބަލިވެ، 12 ގޯލް އެ ޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ.

    20:27

    ދަނޑަށް ވަންނަން އެތައް ބަޔަކު ވަނީ ގައުމީ ފުޓްބޯޅަ ދަނޑު ސަރަހައްދު ފުރާލާފައި. ދަނޑުގެ ބޮޑުބައި މިހާރު ވަނީ މީހުން ވަދެ ފުރިފައި. ސަޕޯޓަރުން ދުންމާރީގެ އަޑާއި ބޮޑު ބެރުގެ އަޑުން ދަނޑު ވަނީ ގުގުމާފައި.