ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ގަލޮޅު ޒަފްނާ ޒާހިޔާ ޒަރީރު، އަދި ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ހެންވޭރު ރާޅާހާ މޭޖާ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލު މިއަދު ޢައްޔަން ކުރައްވައިފި އެވެ.

އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ އެކަމަށް ޓަކައި މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގަ އެވެ.

ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޒާހިޔާ ޒަރީރު އަދި ޕާކިސްތާނުގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރުކަމަށް މޭޖާ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލު، މި ޢައްޔަނު ކުރެއްވީ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ޢިނާޔަތްކޮށްދޭ ބާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.