ރާއްޖޭގައި މިއަދު ހަވީރު ފެށި އޭއެފްސީ ޗެލެންޖް ކަޕްގެ މެޗްތަކުގެ ޓިކެޓް ކަޅުބާޒާރުގައި ވިއްކަމުން ދިޔަ އިތުރު ދެ މީހަކު މިއަދު ހަވީރު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނުއަގުގައި ޓިކެޓް ވިއްކަމުންދަނިކޮށް ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ފިރިހެނަކާއި 49 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ ދެމީހުންގެ ބަޔާން ނެގުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި އެ މީހުން ހައްޔަރުކޮށްފައިވަނީ ގައުމީ ފޫޓް ބޯޅަ ދަނޑުސަރައްދުންނެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް، އަދި އޮންލައިން ވިޔަފާރި ކުރާ ވެބްސައިޓް މެދުވެރިކޮށް ނުއަގުގައި އޭއެފްސީ ޗެލެންޖު ކަޕުގެ ޓިކެޓް ވިއްކާނަމަ އެކަން ކުރަނީ ކޮންބައެއްތޯ ބަލައި، އެބަޔަކާމެދު ގާނޫނުގައިވާ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނަމަވެސް މިއަދު ހަވީރު ފަލަސްތީނާއި ކިރިގިސްތާނާއި ކުޅު މެޗްގެ ޓިކެޓްވެސް ނުއަގުގައި ވިއްކާފައިވެއެވެ. އަދި މިރޭ ރާއްޖެއާއި މިޔަންމާއާ ގުޅޭ މެޗްގެ ޓިކެޓް ނުއަގުގައި ވިއްކުމުގެ މުއާމަލާތައްވެސް އެ ވަނީ ކޮށްފަ އެވެ.

ކަޅުބާޒާރުގައި ޓިކެޓު ވިއްކި މައްސަަލައާ ގުޅިގެން ރޭ ވެސް ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ.