މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މއ. އައިޝާ ހުސައިން ވަހީދު މަރާލި ހާދިސާއާ ގުޅިގެން ތިން ކުއްޖެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ ޕީޖީ އޮފީހުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މިއަދު ކަމަށާއި މިހާރު އެ މައްސަލަތައް ތާވަލްކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އުމުރުން 16 އަހަރުގެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކަމަށާއި އަނެއް ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި އުމުރުން 14 އަހަރުގެ ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ މީހަކު މަރާލެވިދާ ފަދަ އެއްޗަކާ އެކު ޣައިރު ގާނޫނީ އެއްވުމަކުން އަމަންނަގާލުމުގެ ކުށުގެ ދައުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އުމުރުން 16 އަހަރުގެ ދެ ކުދިންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:30 އެހައިކަށް ހާއިރު، ހުސައިން ވަހީދު މއ. އައިޝާގެ ކައިރީގައި ހުއްޓައި، އެ ދެ ކުދިން އިތުރު ބަޔަކާ އެކު އެތަނަށް ގޮސް އޭގެތެރެއިން އެއްކުއްޖަކު ތިލައިގައި ހަ އިންޗި ހުންނަވަރުގެ ވަޅިއެއް އޭނާގެ މެޔަށް ހަރާލާފައިވާ ކަމަށެވެ. އަދި ހަމަލާދިނުމަށް ފަހު އަނެއްކުއްޖާގެ ސައިކަލްގެ ފަހަތަށް އެރުމުން ހަމަލާދިން ކުއްޖާ ގޮވައިގެން އަނެއްކުއްޖާ އެތަނުން ގޮސްފައިވާ ކަމަށް ވެސް އެ ދައުވާގައި ވަނީ ބުނެފަ އެވެ.

ހުސައިން ވަހީދު މަރުވެފައި ވަނީ އެ ހަމަލާގެ ސަބަބުން ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް އެރޭ 11:10 އެހައިކަށް ހާއިރު އެވެ.

އުމުރުން 14 އަހަރުގެ ކުއްޖާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ ހުސައިން ވަހީދުގެ މެޔަށް ވަޅި ހެރުމުން އެ ކުއްޖާ އޭނައާ ދިމާލަށް ދާން ފެށުމުން، އެތަނުގައި ހުރި މީހަކު އެކުއްޖާ ހުއްޓުވަން އުޅުމުން ތިލައިގެ ދިގުމިނުގައި ހަ އިންޗި ހުންނަވަރުގެ ވަޅިއަކުން އެމީހާ އަށް ހަމަލާދޭން އެކުއްޖާ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ ހުސައިން ވަހީދު މަރާލާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ގޫޕްތަކެއްގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ކަމަށެވެ.

ހުސައިން ވަހީދުގެ މެޔަށް ވަޅިހެރި ކުއްޖާ އަކީ އިސްލާހީ ޕްރޮގްރާމްގެ ދަށުން މުޖުތަމައުއަށް ދޫކޮށްލާފައިވާ ކުއްޖެއް ކަމަށާއި އެ މައްސަލައިގައި އޭނާ ހައްޔަރު ކުރުމާ އެކު، އިސްލާހުވެ މުޖުތަމުގައި އުޅުމަށް އެކުއްޖާ އަށް ދިން ފުރުސަތު ނިމުމަކަށް ގެނެސް، ޖުވެނައިލް ކޯޓުގެ އަމުރަކާ ގުޅިގެން އެކުއްޖާ ޖަލަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.