މި އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ މިޔަންމާއާ ދެކޮޅަށް ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ވެސް މޮޅަށް ކުޅެ، ފާހަގަކުރެވޭ ފަދަ ކާމިޔާބީއެއް ހޯދުމަށް އެދިވަޑައިގެން ގައުމީ ފުޓުބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިތްވަރު ދެއްވައިފި އެވެ.

ރައީސް ޔާމީން ގައުމީ ފުޓުބޯޅަ ޓީމަށް ހިތްވަރު ދެއްވާފައި ވަނީ މިއަދު މެންދުރު ފަހު ޓީމުގެ ކެޕްޓަން އަލީ އަޝްފާގާ ފޯނުން ގުޅުއްވަ އެވެ.

މުބާރާތުގައި ކުޅޭ ހުރިހާ މެޗެއްގައި ވެސް، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ވަރުގަދަ ހިތްވަރަކާ އެކު ކުޅުމަށާއި ހުރިހާ ދިވެހިން ވެސް ތިބީ ގައުމީ ޓީމާ އެކީގައި ކަމަށް ރައީސް ޔާމީން ކެޕްޓަން އަލީ އަޝްފާގަށް ގުޅުއްވައި ވިދާލުވި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވި އެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭ ފަލީގަ އެވެ. އަދި ރާއްޖެ ކުޅޭ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭފަޅީގައި ހިމެނެނީ ކިރްގިސްތާނާއި މިޔަންމާ އަދި ފަލަސްތީނެވެ.