އީރާނާ އިންޑިއާ އާ ދެމެދު ހިނގަމުން ދާ ތެލުގެ ވިޔަފާރީގެ އަރާރުން އިތުރަށް ގޯސްވެއްޖެ އެވެ. މިއަރާރުން ގޯސްވީ އީރާނާއި އިންޑިޔާގެ ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމުގައި އިންޑިޔާ އަލަށް ހެދި ގަވާއިދު ގެ ދަށުން އިންޑިއާ އަށް އިތުރަށް ތެޔޮވިއްކަން އިރާން ދެކޮޅު ހެދުމުންނެވެ.


އިންޑިއާގެ ރިޒާވް ބޭންކުން މިދިޔަ ހަފްތާގައި ބުނެފައި ވަނީ އީރާނާއެކު މިހާތަނަށް ކުރިޔަށް ގެންދިޔަ ތެލުގެ ވިޔަފާރީގެ މުއާމަލާތްތައް މީގެފަހުން ނިންމަން ޖެހޭނީ އޭޝިޔަން ކްލިއަރިން ޔޫނިއަން ނިޒާމުގެ ބޭރުން ކަމުގައެވެ.


މިނިޒާމަކީ އީރާނާއި އަދިވެސް މި ޔޫނިއަންގެ މެމްބަރުގައުމު ތަކުގެ މަރުކަޒީ ބޭންކު ތަކުން ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރާ ނިޒާމެކެވެ. މިނިޒާމުގެ ބޭރުން ދެޤައުމުގެ ތެލުގެ ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަކީ އީރާނަށް އެކަމުގެ ގެއްލުމާއި ރިސްކު ބޮޑުކަމެކެވެ.


އޭޝިޔަން ކްލިއަރިން ޔޫނިއަން ނިޒާމުގެ ބޭރުން އިންޑިޔާއަށް ތެޔޮވިއްކަން އީރާން ދެކޮޅު ހެދުމުން އިންޑިއާގެ މަސްއޫލުވެރިން އެންމެފަހުން ވިދާޅުވީ މިކަމާއި ވާހަކަ ދެއްކުމަށް ދެގައުމުގެ މަރުކަޒީ ބޭންކުގެ މަސްއޫލުވެރިން މިއަދު ބައްދަލުކުރަން ހަމަޖެހިފައިވާ ކަމުގައެވެ.


އިންޑިއާގެ މަރުކަޒީ ބޭންކުން ގެރެންޓީ އެއް ނުދޭނަމަ އިންޑިއާ އާ އެކު ތެލުގެ ވިޔަފާރީގެ މުއާމަލާތް ކުރުމަށް އީރާނުގެ ސަރުކާރުގެ ތެޔޮ ކުންފުނިން މިދިޔަ ހަފްތާގައިވަނީ ދެކޮޅު ހަދާފައެވެ.


އިންޑިޔާއަކީ އީރާނާއެކު ވަރަށް ގާތް އިޤްތިސާދީ ގުޅުންތަކެއް ބާއްވަމުން ގެންދާ ޤައުމެކެވެ. ނަމަވެސް އިންޑިޔާ މިގޮތަށް ނިންމީ އެމެރިކާގެ ފިއްތުންތަކާ ގުޅިގެން ކަމަށް މުރާސިލުން ބުނެއެވެ. އީރާނަކީ އެގައުމުގެ ނިއުކުލިއަ ޕްރޮގްރާމް ކުރިޔަށްގެންދާތީ އެމެރިކާ އިސްވެ އޮވެގެން އދ. އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ތަކެއް ތަޙައްމަލް ކުރަންޖެހިފައިވާ ޤައުމެކެވެ. އެހެންކަމުން އިންޑިޔާއަށް ތެޔޮވިއްކައިގެން އަހަރަކު ލިބޭ 12 ބިލިއަން ޑޮލަރަކީ އީރާނުގެ އިޤްތިސާދަށް މުހިއްމު އެއްޗެކެވެ. ހަމައެފަދައިން އިންޑިޔާއަކީ ސިނާޢީ ގޮތުން ކުރިޔަށްދާ ޤައުމަކަށްވާތީ އީރާންފަދަ އަވަށްޓެރި ޤައުމަކުން ލިބިފައިވާ ތެލުގެ ގެރެންޓީއަކީ އިންޑިޔާއަށްވެސް މުހިއްމު އެއްޗެކެވެ. - ޖަވާދު