19 May 2014, 16:02
އައްޑޫ ސިޓީން: އަލީ ރިފްޝާން
މިއަދު ފަށާ އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރާ ލާއޯސް ޓީމުގެ ކުޅުންތެރިންނަކީ ތަޖުރިބާ މަދު، ޒުވާން ކުޅުންތެރިންތަކަކަށް ވުމުން، އެ ކުޅުންތެރިން ހުރީ ފެނިވެފައި ކަމަށް އެ ޓީމުގެ ކޯޗު ކޮކީޗީ ކިމޫރާ ބުނެފި އެވެ.
އޭއެފްސީ ޗެލެންޖް ކަޕުގެ ގްރޫޕް ބީގައި ވާދަކުރާ ކޯޗުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހެރަތެރެ އައިލެންޑް ރިސޯޓުގައި ބޭއްވި ބައްދަލުވުމުގައި ކިމޫރާ ބުނީ، ލާއޯސްގެ ކުޅުންތެރިން ކުރިން ބޮޑެތި މެޗުތައް ސީރިއަސްކޮށް ނުނެގި ނަމަވެސް މި މުބާރާތަށް ނުކުންނާނީ ސީރައަސްކަމާ އެކު ކަމަށެވެ.
"އަހަރެންގެ ޓީމުގައި ހިމެނެނީ ވަރަށް ޒުވާން ކުޅުންތެރިން. އެހެންކަމުން އެ ކުޅުންތެރިންނަކީ ތަޖުރިބާ މަދު ކުޅުންތެރިން. ކުރިން ބޮޑެތި މެޗުތައް ކުޅުންތެރިން އެހާ ސީރައަސް ކޮންނެއް ނުނަގާ. އެކަމަކު މި ފަހަރު ކުޅުންތެރިން ވަރަށް ސީރިއަސް. އެކަމުގެ ސަބަބުން ކުޅުންތެރިން ހުރީ ފިނިވެފައި. އަހަރެންގެ އުންމީދަކީ އެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް،" ލާއޯސްގެ ކޯޗު ބުންޏެވެ.
ޗެލެންޖް ކަޕް ކާމިޔާބުކުރެވޭ ޓީމަކަށް އޭޝިއަން ކަޕުގައި ވާދަކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް، ކިމޫރާ ބުނީ އޭނާ ވިސްނަނީ ކުޅުންތެރިންނާ މެދު ކަމަށާއި އިތުރު އެއްވެސް ކަމަކާ މެދު ވިސްނެން ނެތް ކަމަށެވެ.
"އަހަރެން މި ވަގުތު މުބާރާތް ކާމިޔާބުކޮށް، އޭޝިއަން ކަޕުގައި ބައިވެރިވުމުގެ ވިސްނުމެއް ނުގެންގުޅެން. އަހަރެން ހުރިހާ ވިސްނުމެއް މިހާރު އޮތީ ކުޅުންތެރިންނާ ދޭތެރޭ،" އޭނާ ބުންޏެވެ.
ލާއޯސް ޓީމުގެ ކުޅުންތެރިންގެ ކުރުކަމުންް އެކަމަށް ޖޯކު ޖަހަމުން އެ ޓީމުގެ ކޯޗު ބުނީ، ތުރުކުމެނިސްތާނުގެ ކުޅުންތެރިންނާ އަޅާ ބަލާ އިރު، ލާއޯސް ކުޅުންތެރިން ވަރަށް ކުރު ކަމަށެވެ.
"ލާއޯސް ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ވަރަށް ކުރު ކުޅުންތެރިން. ތުރުކުމެނިސްތާނު ކުޅުންތެރިން ވަރަށް ދިގު. އެކަމުގެ މައްސަލައެއް ދިމާވެދާނެ. ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް އެބަ އޮތް. އަހަރެންގެ އުންމީދަކީ އަހަރެމެންނަށް ވެސް އެ ފުރުސަތު ލިބޭނެ ކަމަށް،" އޭނާ ބުންޏެވެ.
ލާއޯސްގެ ތައްޔާރުވި ގޮތާއި ބެހޭ ގޮތަށް އަލިއަޅުވާލައި ކިމޫރާ ބުނީ، އެ ޓީމަށް ފަރިތަކުރުމަށް ދަތިތަކަކާއި ކުރިމަތިވި ކަމަށާއި މުބާރާތަށް ތައްޔާރުވާން ލިބުނީ ވަރަށް ކުޑަ ދުވަސްކޮޅެއް ކަމަށެވެ.
"ލާއޯސްގައި ފަރިތަކުރުމުގެ ކަންތައް ވަރަށް އުނދަގޫ. ނަމަވެސް މިހާރު ލާއޯސްގައި ލީގެއް އޮވޭ. ގައުމީ ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަކީ ވެސް އެ ލީގަށް ކުޅެމުންދާ ކުޅުންތެރިން. މި މުބާރާތަށް ކުރިމަތިލީ އިރު، އަހަރެމެންނަށް ފަރިތަކުރުމަށް ގިނަ ދުވަސްތަކެއް ނުލިބުނު." ލާއޯސްގެ ކޯޗު ބުންޏެވެ.
އެންމެ ފަހުން ލާއޯސް ކުޅުނު އެކުވެރިކަމުގެ މެޗަކީ މި މަހުގެ 13 ވަނަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެވެ. އެ މެޗުން 7-1 ލަނޑުގެ ބޮޑު ތަފާތަކުން ލާއޯސް ވަނީ ބަލިވެފަ އެވެ.
އޭއެފްސީ ޗެލެންޖް ކަޕުގެ ގްރޫޕް ސްޓޭޖުގައި ލާއޯސް ނުކުންނަން ޖެހޭނީ އަފްޣާނިސްތާނާއި ފިލިޕީންސް އަދި ތުރުކުމެނިސްތާނާއި ދެކޮޅަށެވެ.
އައްޑޫ ފުޓްބޯޅަ ދަނޑުގައި ފުރަތަމަ ކުޅޭ މެޗުގައި މާދަމާ 4:00ގައި ވާދަކުރާނީ ތުރުކުމަނިސްތާނާއި ލާއޯސް އެވެ. އެގްރޫޕްގެ ދެވަނަ މެޗުގައި އެރޭ 9:00ގައި ވާދަކުރާނީ ފިލިޕީސްންސާއި އަފްޣާނިސްތާނެވެ.