އައްޑޫ ސިޓީން: އަލީ ރިފްޝާން

މިއަދު ފެށޭ ޗެލެންޖު ކަޕަކީ މި އަހަރު ތުރުކުމެނިސްތާނު ކުރިމަތިލާ އެންމެ ބޮޑު އަދި އެންމެ މުހިންމު މުބާރާތް ކަމަށް އެ ޓީމުގެ ކޯޗު ރަހީމް ކުރްްބަންމާމެޑޯ ބުނެފި އެވެ.

ތުރުކުމެނިސްތާން ކޯޗު މިހެން ބުނީ، އޭއެފްސީ ޗެލެންޖު ކަޕުގެ ގްރޫޕް ބީގައި ވާދަކުރާ ޓީމުތަކުގެ ކޯޗުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހެރަތެރެ އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ.

"ކޮންމެ މުބާރާތަކީ ވެސް ވަރަށް މުހިންމު މުބާރާތެއް. މިއީ މި އަހަރު އަހަރެމެން ކުރިމަތިލާ އެންމެ ބޮޑު އަދި އެންމެ މުހިންމު މުބާރާތް. މި އަހަރު އަދި ކުރިއަށް އެބައޮތް މުހިންމު މެޗުތަކެއް. އަހަރެމެންނަށް ވެސް މުބާރާތް ކާމިޔާބުކުރުމަށް 50 ޕަސެންޓް ފުރުސަތު އެބައޮތް،" ކުރްްބަންމާމެޑޯ ބުންޏެވެ.

އޭނާ ބުނީ، ޗެލެންޖް ކަޕުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް އޮތް ކަމަށާއި ތުރުކުމެނިސްތާނަށް ގްރޫޕް ސްޓޭޖު ފަހަނަޅައި ދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވޭނެ ކަމަށް އުންމީދުކުރަން. އަހަރެމެން މުބާރާތާއި ކުރިމަތިލީ މެޗުތަކެއް ކުޅެ، ލިބުނު ތަޖުރިބާތަކާ އެކު. ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމަށް ކޮންމެ ޓީމަކަށް ވެސް ފުރުސަތު އެބައޮތް،" ތުރުކުމެނިސްތާނުގެ ކޯޗު ބުންޏެވެ.

އެންމެ ފަހުން ބޭއްވި ދެ ޗެލެންޖް ކަޕުގައި ތުރުކުމެނިސްތާނު ފައިނަލަށް ދަތުރުކުރި ނަމަވެސް، ދެ ފަހަރު ވެސް ފައިނަލުން ވަނީ ބަލިވެފަ އެވެ. އެހެންކަމުން މި މުބާރާތަކީ ފައިނަލުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދައި އޭޝިއަން ކަޕުގައި ބައިވެރިވުމަށް ލިބުނު އިތުރު ފުރުސަތެކެވެ.

އޭއެފްސީ ޗެލެންޖް ކަޕުގެ ގްރޫޕް ސްޓޭޖުގައި ތުރުކުމެނިސްތާނު ނުކުންނަން ޖެހޭނީ އަފްޣާނިސްތާނާއި ލާއޯސް އަދި ފިލިޕީންސާއި ދެކޮޅަށެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި ފުރަތަމަ ކުޅޭ މެޗުގައި މާދަމާ 4:00ގައި ވާދަކުރާނީ ތުރުކުމަނިސްތާނާއި ލާއޯސް އެވެ. އެގްރޫޕްގެ ދެވަނަ މެޗުގައި އެރޭ 9:00ގައި ވާދަކުރާނީ ފިލިޕީސްންސާއި އަފްޣާނިސްތާނެވެ.