19 May 2014, 15:00
ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ނުފޫޒުގަދަ ދެ ބޭފުޅުންނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ. އެ ދެ ބޭފުޅުން މުގުލުގައި ތިއްބަވައިގެން ހިންގަވާ އެމްޑީޕީ އާއި ޕީޕީއެމުން ވެސް މިއަދު ބުނަމުން އަންނަނީ އެކައްޗެކެވެ. އެ ދެ ޕާޓީން ވެސް މިއަދު ބުނަނީ ގައުމީ ޓީމަށްޓަކައި އެއް ވާނެއްގައި އަތުގުޅާލައިގެން ގައުމަށް ޓަކައި ނުކުތުމަށެވެ.
ނިމިގެންދިޔަ ފޯރި ގަދަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ޕާޓީތަކުގެ ކުލަތަކުން ޖަރީކޮށްފައިވާ ޖަގަހަތައް މިއަދު ވަނީ ގައުމީ ކުލައިން ނަލަކޮށްފަ އެވެ. ސިޔާސީ ފިކުރުތައް ގައުމަށްޓަކައި ގައުމީ ފިކުރަށް ބަދަލުކޮށްފަ އެވެ.
އެމްޑީޕީގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝުއޫރު ސަންއާ ހިއްސާ ކުރައްވަމުން އެމްޑީޕީގެ ސްޕޯކްސް ޕާސަން އިންތިޔާޒް ފަހުމީ ވިދާޅުވީ މިއަދު ރާއްޖޭގައި މި ފަށާ ޗެލެންޖް ކަޕަކީ ހުރިހައި ރައްޔިތުން ވެސް އެކަތިގަނޑަކަށް ވާންޖެހޭ ދަނޑިވަޅު ކަމަށެވެ. އެންމެން އަތާއަތް ގުޅާލައިގެން ގައުމީ ރޫހުގައި ނުކުންނަންވީ ވަގުތު ކަމަށާއި މިއަދު ރާއްޖޭގެ ހުރިހައި ރައްޔިތުންގެ ހިތްތަކުގައި ވެސް އާލާކުރަން ޖެހޭނީ ގައުމީ ރޫޙު ކަމަށާއި މިކަމުގައި އެއްވެސް ފަރާތަކުން އެއްވެސް މިންވަރަކަށް ސިޔާސީ ކުލަ ޖައްސާއިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެމްޑީޕީން ދެކޭ ގޮތުގައި މިއަދަކީ އަޅުގަނޑުމެން ސިޔާސީ ގޮތުން އުފެދިފައިވާ ހިޔާލުތަފާތުވުންތައް އެއް ފަރާތްކޮށް އެންމެން އެއް ރޫހެއްގައި ގައުމީީ ޓީމަށްޓަކައި ނިކުންނަންވީ ވަގުތު. އަޅުގަނޑުމެން މިއަދު ކުރިމަތި މި ލަނީ ސިޔާސީ ކަމަކާއެއް ނޫން. މިއީ ސިޔާސީ ކަމެއް ނޫން. އަޅުގަނޑުމެން އެންމެންގެ އެދުމަކީ އެއް އެދުމެއް. އެންމެން ވެސް ބޭނުންވަނީ އެއް ކަމެއް. އެއީ މިފަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގެ ތަށި ދިވެހި ގައުމީ ޓީމު އުފުލައިލުން. އަޅުގަނޑުމެން ގޮވާލަނީ އަދި އަޅުގަނޑުމެން އެދުމަކީ ހުރިހައި ރައްޔިތުން ގައުމީ ޖޯޒީގައި ނިކުމެ ގައުމީ ޓީމަށް ސަޕޯޓް ކުރައްވާށޭ،" އިންތިޔާޒު ވިދާޅުވި އެވެ.
އިންތި ވިދާޅުވީ މިއަދަކީ ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައި ވެސް އަންނާނެ އެންމެ ބޮޑު އީދު ކަމަށާއި އެހެން ކަމުން ވޯލްޑްކަޕްގެ ފޯރި މުޅި ދުނިޔޭގައި ހިއްޕާލާފަދައިން އެ ފެންވަރަށް ނުވަތަ އެއަށްވުރެ ވެސް ބޮޑަށް އޭފްސީކަޕްގެ ފޯރި މިފަހަރު މުޅި ރާއްޖޭގައި ހިއްޕާލަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ މިއަދަކީ ދުނިޔޭގެ ފުޓުބޯޅައިގެ ބޮޑެތި ލޯތައް ރާއްޖެއަށް އަމާޒު ވެގެންދާނެ ދުވަހެއް ކަމަށާއި އެހެންކަމުން ގައުމީ ޓީމަށް ސަޕޯޓު ކުރާއިރު އެހެނިހެން ގޮތްގޮތުން ވެސް ހަރަކާތްތެރިވާއިރު އަހުލާގީ ރިވެތި ސިފަތަކުގެ ތެރެއިން ހަރަކާތްތެރި ވުމަށް އިންތި ރާއްޖޭގެ ހުރިހައި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
ޕީޕީއެމުން ވެސް ގައުމީ ޓީމާއެކު ތިބި ކަމަށް ވިދާޅުވެ އެ ޕާޓީގެ ވަގުތީ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދު ރާއްޖޭގައި ފެށިގެން މިދާ އޭފްސީ ޗެލެންޖް ކަޕަކީ ވަރަށް ތާރީޚީ މުބާރާތަކަށް ވެގެންދާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ މިއަދު ރާއްޖޭގައި މި ފަށާ ޗެލެންޖް ކަޕަކީ ވަރަށް ތާރީޚީ މުބާރާތަކަށް ވެގެންދާނެއޭ. އަޅުގަނޑުމެންނަށް މިއަދު ރާއްޖޭގައި މި ޗެލެންޖް ކަޕް މި ބޭއްވޭނީ ވަރަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލުމަށް ފަހު. އެހެން ކަމުން އަޅުނޑު ޔަގީން ކުރަނީ ރާއްޖޭގައި މި ބޭއްވޭ ޗެލެންޖް ކަޕަކީ ވަރަށް ކާމިޔާބު މުބާރާތަކަށް ވެގެންދާނެ ކަމަށް" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދަކީ ރާއްޖޭގެ ހުރިހައި ރައްއިތުން ވެސް އެކަތިގަނޑަކަށްވެ ގައުމީ ރޫހުގައި ނިކުންނަންވީ ވަގުތު ކަމަށާއި އަދި އެކަން ހިނގާނީ އެ މަގުން ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ދިވެހި ގައުމީ ޓީމުގެ ފަރާތުން އެދެނީ އެންމެ ކަމެއް ކަމަށާއި އެއީ ދިވެހި ގައުމަށް ރީތި ނަން ހޯދައިދިނުން ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ރާއްޖޭގެ ހުރިހައި ރައްޔިތުން ވެސް ގައުމީ ޓީމަށް ފޯރިއާ އެކު ސަޕޯޓް ކުރުމަށް އަބްދުއްރަހީމް އެދިވަޑައިގެންނެވި އެވެ. އަދި ގައުމީ ޓީމަށް ތަރުހީބު ދިނުމުގައި ވެސް އަހުލާގީ ރިވެތި ސިފަތަކުގެ ތެރެއިން ގައުމީ ޓީމަށް ސަޕޯޓް ކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.