މިއަދު ފެށޭ އޭއެފްސީ ޗެލެންޗް ކަޕުގައި ވާދަކުރާ ފަލަސްތީންގެ ގައުމީ ޓީމަށް ސަޕޯޓްކުރުމަށް ދިވެހިންތަކެއް ތައްޔާރުވެއްޖެ އެވެ.

އެ ކަމަށް އިސްނަގާފައި ވަނީ ރާއްޖޭގެ ރަޖިސްޓްރީކޮށްގެން ހިންގާ މޯލްޑިވްސް ފަލަސްތީން ބުރަދަހޫޑް އެސޯސިއޭޝަންގެ ފަރާތުންނެވެ.

އެއެސޯސިއޭޝަންގެ ޖެނެރަލް ސެކެޓަރީ އަބުދުއްﷲ ޝާކިރު "ސަން"އަށް ވިދާޅުވީ އެ ޖަމިއްޔާއަށް ނިސްބަތްވާ 80 ވަރަކަށް މެމްބަރުން ގަލޮޅު ދަނޑަށް ގޮސް ފަލަސްތީން ޓީމަށް ސަޕޯޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ބޮޑުބެރާއި ތަފާތު ބެނޭތަކާއި ފަލަސްތީން ދިދަ ބޭނުންކޮށްގެން ފަލަސްތީން ޓީމަށް ސަޕޯޓް ކުރާނެ ކަމަށް ޝާކިރު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ދިވެހި ރާއްޖެ އާއި ފަލަސްތީނާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުން" ޝާކިރު ވިދާޅުވިއެވެ.

ޝާކިރު އިތުރަށް ވިދާޅުވީ ދިވެހި ގައުމީ ޓީމާއި ފަލަސްތީނު ޓީމް ބައްދަލުކުރާމެޗްގައި ވެސް އެ ޖަމިއްޔާގެ ފަރާތުން ފަލަސްތީނަށް ސަޕޯޓް ކުރުމުގެ ގޮތުން ގަލޮޅު ދަނޑުގައި ހަރަކާތްތެރިވާނެ ކަމަށެވެ.

"ދިވެހިންގެ ހައިސިއްޔަތުން އަޅުގަނޑުމެން ވެސް އެ ދެނީ ދިވެހި ޓީމަށް ކާމިޔާބީ، ނަމަވެސް ފަލަސްތީނު ރައްޔިތުންނާއެކު އަޅުގަނޑުމެން ތިބިކަން ދައްކުވައިދިނުމަށް އެ ދުވަހުވެސް އަޅުގަނޑުމެން ގަލޮޅު ދަނޑުގައި ހަރަކާތްތެރިވާނަން" ޝާކިރު ވިދާޅުވިއެވެ.

ދިވެހިން ތަކެއް ފަލަސްތީނު ޓީމަށް ސަޕޯޓް ކުރަން ތައްޔާރުވެފައިވާއިރު ފަލަސްތީނު ގައުމީ ޓިމް އިންވެސް ވަނީ އެޓީމަށް ދިވެހިން ސަޕޯޓް ކުރާނެ ކަމަށް އުންމީދު ކުރާކަމަށް ބުނެފައެވެ.