19 May 2014, 14:22
ސްކޫލް ކުދިންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ބަހުގައި ދަތުރު ކުރި 30 އަށްވުރެ ގިނަ ކުދިން މަރުވެއްޖެ އެވެ.
ފްރާންސްގެ އޭއެފްޕީ ނޫހުގައި ބުނެފައި ވަނީ، ކޮލަންބިއާގެ ސިޓީއެކައް ކަމަށްވާ ފަންޑަސިއަންގެ ކައިރީގައި އިއްޔެ ހިނގި އެ ހާދިސާގައި 32 ކުއްޖަކު މަރުވެފައިވާ އިރު، 18 ކުއްޖަަކު ފިހިގެން ލިބުނު ސީރިއަސް އަނިޔާތަކެއްގައި ކައިރި ހޮސްޕިޓަލްތަކުން ފަރުވާ ދެމުންދާ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގެ ޗީފް އޮފް ޕޮލިސް ކާނަލް އަދަން ލިއޮން އާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ، ގާތްގަނޑަކަށް 50 މީހުން ގޮވައިގެން ދަތުރު ކުރި އެ ބަހުގައި ތިބީ، 14 އަހަރުން ދަށުގެ ކުޑަކުދިން ކަމަށެވެ.
ފަންޑަސިއަންގެ މޭޔަރު ސްޓެލާ ޑުރެން އޭއެފްޕީ އަށް ބުނީ، އެ ހާދިސާ ހިނގަން މެދުވެރި ސަބަބު އަދި ބުނަން ނޭނގޭ ކަމަށާއި ނަމަވެސް އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރިން ބަހުގެ ޑްރައިވަރު ޕެޓްރޯލް ހަމެއް ހިފައިގެން އުޅުނު ކަމަށް ހާދިސާގައި ސަލާމަތްވި ބައެއް މީހުން ބުނެފައިވާ ކަމަށެވެ.
އޭއެފްޕީގައި ބުނެފައި ވަނީ، އެ އަލިފާނުގެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ އިރު ހާދިސާއާ ގުޅިގެން އިތުރު ބަޔަކު މަރުވެދާނެ ކަމަށް ކޮލަންބިއާގެ ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރިން ބަހުގެ ޑްރައިވަރު ފިލާފައިވާ ކަމަށް ވެސް އޭއެފްޕީގައި ރިޕޯޓްކޮށްފައިވެ އެވެ.